އިސްރާއީލުގެ އައު ސަރުކާރުން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢުތައް ހުއްޓާ ނުލައި ކުރިއަށް ގެންދާތީ ދެ ދައުލަތުގެ ޙައްލު ޙިމާޔަތްކުރުމަށް ޓަކައި ފަލަސްޠީނުން ދާނީ އދ އަށް ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ. ފަލަސްޠީނުން އދ އަށް ދަނީ ފަލަސްޠީނަށް މި ޖަމްޢިއްޔާގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޢައްބާސް މި ކަން ހާމަކުރެއްވީ ޢަރަބި ލީގުގެ ބެލުމުގެ ދަށުން އިއްޔެ ބޭއްވުނު ޤުދްސާ ބެހޭ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުނު މި މަހާސިންތާއަކީ ޢަރަބި ޤައުމުތަކާއި ސަރަޙައްދީ ޤައުމުތަކާއި ބައިނަލްއަޤްވާމީ މަތީ ފެންވަރުގެ ވަފްދުތައް ބައިވެރިވި މުހިއްމު ބައްދަލުވުމެކެވެ.
ފަލަސްޠީނުގެ ރައީސް ވިދާޅުވިއެވެ. "އިސްރާއީލުގެ ހަރުކަށިކަމާއި ޢުދްވާނީ ޢަމަލުތައް މިހާރުވަނީ ހުރިހާ ރަތް ރޮނގުތަކެއް ހުރަސްކޮށް ފަހަނަޅައިގޮސްފައެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެން އދ އާއި އދ ގެ ތަފާތު ޖަމްޢިއްޔާތަކަށާއި އިދާރާތަކަށް މިސްރާބު ޖަހާނަމެވެ."
ޢައްބާސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ފަލަސްޠީނަށް އދ ގެ ފުރިހަމަ މެންބަރުކަން ހޯދައިދީގެން ދެ ދައުލަތުގެ ޙައްލު ޙިމާޔަތް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ފަށާނަމެވެ."
ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިސްރާއީލުން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސުގެ ބިންތައް ނަގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ހިންގަމުންދާ މަޝްރޫޢުތަކަކީ ބާޠިލު މަޝްރޫޢުތަކެއް ކަމަށް ޢައްބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސުލްޙައާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާއެއް ބޭއްވުމަށް ފަލަސްޠީނުން އެދޭނެއެވެ. އަދި ބައިނަލްއަޤްވާމީ ހުރިހާ ޤަރާރުތަކަކަށް ޢަމަލުކުރުމަށް ވެސް ފަލަސްޠީނުން އެދޭނެއެވެ.
ޢައްބާސް ވިދާޅުވިއެވެ. "ފަލަސްޠީނު ރައްޔިތުންގެ ޤާނޫނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޓަކައި ފަލަސްޠީނުގެ ދައުލަތުން ބައިނަލްއަޤްވާމީ ކޯޓުތަކަށާއި ޖަމްޢިއްޔާތަކަށާއި އިދާރިއްޔާތުތަކަށް ދާނެއެވެ."
ޤުދުސާ ބެހޭ މި މަހާސިންތާގައި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީއާއި އުރްދުންގެ ރަސްގެފާނު ޢަބްދުﷲއާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ އިތުރަށް އދ އާއި ސަރަޙައްދީ ޖަމްޢިއްޔާތަކުގެ މަންދޫބުންގެ ވަފްދުތައް ބައިވެރިވިއެވެ.
ޢަރަބި ލީގުގެ ބެލުމުގެ ދަށުން މި މަހާސިންތާ ޤާހިރާގައި ބޭއްވުނީ މި ދިޔަ އަހަރުގެ ނޮވެންބަރު މަހު ޖަޒާއިރުގައި ބޭއްވުނު އަރަބި ސަމިޓްގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
އިސްރާއީލުން ދަނީ ޖައްވު އިތުރަށް ހޫނުކުރަމުން
ފަލަސްޠީނުގެ ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ އިރުމަތީ ޤުދުސުގައި އިސްރާއީލީންނާ ދެކޮޅަށް ފިދާއީ ޙަމަލާތައް ދެމުންދާ ފަލަސްޠީނުގެ ޒުވާނުންނާ ދެކޮޅަށް އިސްރާއިލުން ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެއްވުމާ ވިދިގެންނެވެ. އިސްރާއީލުން ދަނީ މި ފަދަ ޒުވާނުންގެ ގެދޮރު ތަޅައި މައިންބަފައިން ހައްޔަރުކޮށް މުޅި ރަށް ތަޅުލަމުންނެވެ.
އިސްރާއީލުގެ ދުވަހު ނޫސްތައް ބުނާގޮތުގައި އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ހަރުކަށި ވަޒީރު އީތުމާރު ބިން ޣަފީރު ހުށައަޅަނީ ދުކުނު ޤުދުސުގެ ރަށެއް ކަމުގައިވާ އަލްޢީސަވިއްޔާ ޙިޞާރުކޮށް ބަންދު ކުރުމަށެވެ.
ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ޤަރާވަތު ބަނީ ޙައްސާނުގައި ޔަހޫދީ ވަޒަންވެރީން މި ދިޔަ ހޮނިހިރު ދުވަހު ވަނީ ފަލަސްޠީނުގެ ޒުވާނަކު މަރައިލައިފައެވެ.ޢުމުރުން 27 އަހަރުގެ މި ޒުވާނާ މަރުވެފައިވަނީ ޔަހޫދީ ވަޒަންވެރީން އޭނާގެ ބޮލަށް ޖެހި ވަޒަނަކުން ޒަޚަމުވެގެންނެވެ. މި ރަށުގެ މެޔަރު އިބްރާހީމު ޢާޞީ ވިދާޅުވާ ގޮތުގައި ޔަހޫދީ ވަޒަންވެރީން މި ރަށުގެ ދަނޑުވެރީންނަށް ޙަމަލާ ނުދޭ އެންމެ ދުވަހެއް ވެސް ނުދެއެވެ.



advertisment