Support Us

ޝަރުޢީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސުލްޖުމްހޫރިއްޔާ

ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ޝަރުޢީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޤަޟާއީ އަހަރު 2023″ އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރުޢީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަކީ، ސަރުކާރުގެ އިޖްތިމާޢީ ޢަދާލަތުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ވަޢުދު ފުއްދުމުގެ ގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނުވަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާރު ކޮމެޓީ މަރުޙަލާގައި އޮތް ތިން ބިލު ފިޔަވައި އަނެއް ހަ ބިލެއް ޤާނޫނަކަށްވެ ޢަމަލުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙާއެކު ފަނޑިޔާރުންގެ މާލީ ޢިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލަފަދަ ބައެއް ޒަރޫރީ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމުގައެވެ. އެގޮތުން ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފަނޑިޔާރުންނަށް ވަކި ޢަދަދަކަށް ފްލެޓް ކަނޑައެޅިގެންދިއުމާއި އެފަދަ މަޝްރޫޢުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިންގ އެލަވަންސް ހަމަޖެހިގެންދިއުން ފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މެޖިސްޓްރޭޓުންގެ މުސާރައަށް ވެސް ސަރުކާރުން މިދިޔަ އަހަރު ވަނީ ހެޔޮބަދަލެއް ގެނެސްދީފައެވެ.

ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު ބަދަލުކުރުމަށް އަމާޒު ހިފައިގެން ކުރިޔަށްގެންދަވާ ބައެއް މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި ކޯޓުތަކުން މައްސަލަތައް ލަސްވުމުގެ ޝަކުވާއަށް ޙައްލު ހޯދައިދިނުމުގެ ގޮތުން އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް، ރާއްޖޭގެ ހުރިހާ ކޯޓެއްގައިވެސް ޤާއިމްކުރުމާއި ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް މިދިޔަ އަހަރު ޢަމަލުކުރަން ފަށާފައިވުމާއި 47 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު، ހެއްކާބެހޭ މުޅިން އައު ޤާނޫނެއް އެކުލަވާލައި މިހާރު ޢަމަލުކުރަން ފަށާފައިވުން އެއީ މިދާއިރާއިން ޙާޞިލުކުރެވިފައިވާ މުހިންމު ކާމިޔާބީތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ގެންނަވާ މުހިންމު ބައެއް ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުމަށް ކޯޓުތަކުގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙާއި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފްކުރުމަށާއި އިންޓަރގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމެއް ކޯޓުތަކުގައި ޤާއިމުކޮށް ނިންމުމަށް ކުރިޔަށްދާ މަސައްކަތް ފަދަ މުހިންމު މަސައްކަތްތަކާއި ކޯޓުތަކުގެ ޢުމްރާނީ ތަރައްޤީއަށް ކުރެވިފައިވާ އަދި ކުރިޔަށްގެންދާ މުހިންމު ބައެއް މަޝްރޫޢުތައް ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޝަރުޢީ ދާއިރާގައި 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ފަރާތްތަކަށް އެބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢްތަޞިމް ޢަދުނާނުގެ އިތުރުން ވަޒީރުންނާއި ސަރުކާރާއި ދަޢުލަތުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި ޝަރުޢީ ދާއިރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *