ޠަހަރާނުގައި ހުންނަ އަޒަރުބައިޖާނުގެ އެންބެސީއަށް މިއަދު ދިން ޙަމަލާއާ ވިދިގެން އީރާނާ އަޒަރުބައިޖާނާ ދެމެދުގައި މަސްރަޙު ވަރަށް ބޮޑަށް ހޫނުވެ ނުތަނަވަސްވެއްޖެއެވެ. މި ޙަމަލާއާ ވިދިގެން އީރާނުގައި ތިއްބެވި އަޒަރުބައިޖާނުގެ ހުރިހާ ޑިޕްލޮމެޓުން މިއަދު ޤައުމަށް އެނބުރިވަޑައިގެންފިއެވެ.
އަޒަރުބައިޖާނުގެ ޚަބަރާބެހޭ ދާރިސަކު ވިދާޅުވާ ގޮތުގައި މި ޙަމަލާއާބެހޭގޮތުން ޠަހަރާން ދައްކާ ވާހަކަތައް ބާކޫއަށް (އަޒަރުބައިޖާނުގެ ވެރިރަށަށް) ޤަބޫލެއް ނުކުރެވެއެވެ. އަޒަރުބައިޖާނުގެ ރައީސް އިލްހާމު ޢަލިޔޭވް ސިފަކުރައްވާ ގޮތުގައި އީރާނުގައި ހުރި އެ ޤައުމުގެ އެންބެސީއަށް ދެވުނު ޙަމަލާއަކީ "ނިރުބަވެރި ޢަމަލެކެވެ."
އީރާނާ ބެހޭ ތަޖްރިބާކާރެއް ކަމުގައިވާ މުޙައްމަދު ޢިބާދީ ވިދާޅުވާ ގޮތުގައި އީރާނާ އަޒަރުބައިޖާނާ ދެމެދުގައި ގުޅުންތައް ނުތަނަވަސް ވެފައިވަނީ އެތައް ސަބަބުތަކަކާ ހެދިއެވެ.
އޭގެތެރޭގައި:
- ސަރަޙައްދީ މަސްއަލަތަކުގައި އެ ދެ ޤައުމުގެ ދެމެދުގައޮ ހުރި ބޮޑެތި ދެބަސްވުންތައް
- އަރްމީނިޔާއާ އަޒަރްބައިޖާނާ ދެމެދުގައި ހިނގަމުންދާ ދެބަސްވުންތަކުގައި އީރާނުން އަރްމީނިޔާއަށް ތާއީދު ކުރުން
- އީރާނުގައި އުޅޭ 25 މިލިއަން އަޒަރުބައިޖާނީ ނަސްލުގެ މީހުން އީރާނުން ވަކިވުމަށް މަސައްކަތްކުރާކުރުމަށް އަޒަރުބައިޖާނުން ތާއީދުކޮށް ވާގިވެރިވުން
- ތުރްކީއާ އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ބަދަހި ގުޅުން
- އަޒަރުބައިޖާނާ އިސްރާއީލާ ދެމެދުގައި އޮންނަ ރަނގަޅު ގުޅުމާމެދު އީރާނުން ހިތްހަމަނުޖެހުން. އީރާނުދެކޭގޮތުގައި އަޒަރުބައިޖާނު ސަރަޙައްދުތެރެއިން ލައިފާ އިސްރާއީލުގެ ބާރުތަކަށް އީރާނަށް ޙަމަލާ ދެވިދާނެއެވެ.
- އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ބައެއް ފައުޖުތައް އަޒަރުބައިޖާން ސަރަޙައްދު ކައިރީގައި ތިބުން.
އަޒާރީ ރައްދު
އަޒަރުބައިޖާނުގެ ސިޔާސީ މުޙައްލިލަކު ސިފަކުރައްވާ ގޮތުގައި އީރާނުގައި ހުރި އެ ޤައުމުގެ އެންބެސީއަށް މި ދިން ޙަމަލާއަކީ "ވަރަށް ނުބައި ޢަމަލެކެވެ. މި ކަމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ."
އީރާނުން ބުނާގޮތުގައި އަޒަރުބައިޖާން އެންބެސީއަށް ދެވުނު ޙަމަލާއަކީ ސިޔާސީ ކަމެއް ނޫނެވެ. އެއީ "ޢާއިލާގެ ކަމެކެވެ." އެހެނަސް ބާކޫއިން ބުނާގޮތުގައި މިއީ އެ ޙާދިސާގެ މަސްއޫލިއްޔަތުން އީރާނު ރެކެންވެގެން ދައްކާ ބަހަނާއެކެވެ. އަޒަރުބައިޖާނުގެ ރައީސް ޢަލިޔޭވް މި މަސްއަލަ ރަނގަޅަށް ތަޙްޤީޤު ކުރުމަށް ދަނީ ގޮވައިލައްވަމުންނެވެ. އަޒަރުބައިޖާނުން ބުނާގޮތުގައި އެންބެސީއަށް ޙަމަލާދިން މީހާއަށް އެންބެސީތެރެއަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟ އޭނާ ވަނީ އެންބެސީގެ ފާރަވެރިއަކު މަރައިލައި އެތައް ފާރަވެރީންނެއް ޒަޚަމު ކޮށްލައިފައެވެ.
އެންބެސީއަށް ޙަމަލާދިނުން
ޠަހަރާނުގައި ހުންނަ އަޒަރުބައިޖާނުގެ އެންބެސީއަށް ވަން މީހާ ވަނީ ކްލެޝިންކޯވް ބަޑިއެއް ހިފައިގެންނެވެ. އޭނާ ދިން ޙަމަލާގެ ސަބަބުން ފާރަވެރިއަކު މަރުވެ ދެ ފާރަވެރިއަކު ޒަޚަމުވިއެވެ. އީރާނުގެ ފުލުހުން ވަނީ އޭނާ ވަގުތުން ހައްޔަރުކޮށްފައެވެ. އީރާނުގެ ސަރުކާރާ ގުޅިފައިވާ ތަސްނީމު ނޫސް އޭޖެންސީ ބުނާގޮތުގައި އެންބެސީއަށް ޙަމަލާދިން މީހާ އެންބެސީއަށް ދިޔައީ ކުޑަ ދެކުދީން ގޮވައިގެންނެވެ. އީރާނުގެ މި ނޫސް އޭޖެންސީ ބުނާގޮތުގައި މި ޙަމަލާއަކީ "ޝަޚްޞީ ކަމެކެވެ."



advertisment