Support Us

ހިޔާ ޓަވަރުގައި ޤާއިމްކުރި ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކް ހުޅުއްވައިދެއްވައިފި

ޞިއްޙީ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށް ދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެ ހޮސްޕިޓަލުން، ހިޔާގެ 16ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގެ ހިޔާ ސަރަޙައްދުގައެވެ. ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުއްވާފައެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްޙީ ޚިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، ހުޅުމާލެ ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވިގެން ދިޔުމަކީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، ހިޔާގެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައްވެސް މިސަރުކާރުން ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ނައިބު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށްދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އާންމު ޑޮކްޓަރުންނަށް ދައްކަންދާ މީހުން ކަމުގައި ވާތީ، މިއަދު މިހުޅުވުނު ކްލިނިކްގެ ސަބަބުން ހިޔާގައި ދިރިއުޅޭ ބޮޑު އާބާދީއަށް އެތައް ގޮތަކުން ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުން ޞިއްޙީ ދާއިރާއަށް ކުރާ ހޭދަ އިތުރުކޮށް، ސަރަޙައްދީ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ހިޔާގެ 16ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ޤާއިމްކޮށްފައިވާ، ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަޕް ޕްރެކްޓިސް ޔުނިޓުން އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ބައްލަވައި ފަރުވާދޭނެއެވެ. އަދި މި ކްލިނިކުން ލެބޯޓްރީގެ ޚިދުމަތާއި ބޭސްއެޅުމާއި އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި އީ.ސީ.ޖީ ހެދުން އަދި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. މީގެ އިތުރުން މިކްލިނިކުގައި އެސްޓީއޯގެ ބޭސްފިހާރައެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

ކްލިނިކުން ޚިދުމަތް ދެމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ހަވީރު 5:00އަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *