ވައިގެ ދިފާޢީ އެންމެ މޮޅު ނިޒާމުތަކަކީ ރަޝިޔާގެ ނިޒާމުތައް ކަން ޔުކްރޭނުގެ ހަނގުރާމައިން ދުނިޔެއަށް އެނގިއްޖެ ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.
ޔުކްރޭނާ އިންވެގެން އޮންނަ ރަޝިޔާގެ ބެލްގޮރޮޑް ސަރަޙައްދުގެ ގަވަރުނަރާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި މިހެން ވިދާޅުވަމުން ހާމަކުރެއްވި ގޮތުގައި ވޮޝިންގްޓަނުން އުފައްދާ ޕެޓްރިއެޓް ނިޒާމަށްވުރެ މާ މޮޅު ނިޒާމެއް މޮސްކޯއިން މާގިނައިން އުފައްދައެވެ.
ޕޫޓިން ވިދާޅުވިގޮތުގައި ރަޝިޔާއިން އުފައްދާ ވައިގެ ދިފާޢީ މިސައިލަކީ ގިނަގުނަ ބޭނުންތަކަކަށް ޓަކައި އުފެއްދޭ ހަތިޔާރެކެވެ. މުޅި ދުނިޔޭގައި އުފައްދާ މި ބާވަތުގެ މިސައިލުގެ ޢަދަދާ ރަޝިޔާގައި އުފައްދާ މިސައިލްގެ ޢަދަދު އެއްވަރުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިޔާގެ ނިޒާމު ކުރުންތެރިވެފައި ފަހެލިކަން ބޮޑެވެ.
ހަމަ މި މައުޟޫޢުގައި ވާހަކަފުޅުދައްކަވަމުން ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ ހަތިޔާރު ކޮށާރުތަކުގައި ހުރި ހަތިޔާރު ޔުކްރޭނުގައި ހަނގުރާމަ ކުރިއަސް ހުހެއް ނުވާނެއެވެ. ކްލެޝިންކޯވް ބަޑި އުފައްދާ ކާރުޚާނާއަކަށް އޭނާ ކުރެއްވި ޒިޔާރަތެއްގެ ތެރޭގައި ވިދާޅުވިއެވެ. "އަހުރެމްންގެ ދުޝްމަނުން ދަނީ އަހުރެމެންނަށް ކަޅިއަޅައި ބަލަމުން ފާޑުފާޑުގެ ދޮގު ޚަބަރުތައް ފަތުރަމުންނެވެ. އަހުރެމެންގެ އަތުގައި މިވެނި އެއްޗެއް އެވެނި އެއްޗެއް ނެތޭ އެމީހުން ކިޔައެވެ. އެމީހުންނަށް ގޮންޖަހައި ބުނާނީ އަހުރެމެންގެ އަތުގައި ފުދޭވަރަށް ހުރިހާ އެއްޗެއް ވެސް އެބަ ހުއްޓެވެ."
އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި އެ ޤައުމުގެ ފްރިގޭޓް މަނަވަރު "އެޑްމިރަލް ގުރިޝްކޯވް" މިއަދު ޒިރްކޮން (Zircon) މިސައިލެއްގެ އަޖުމަ ބަލައިފިއެވެ. މިއީ 900 ކީލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ މިސައިލެކެވެ. މި މިސައިލްގެ އަޖުމަބެލުން އޮތީ އެޓްލާންޓިކް ކަނޑުގައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ޓޭންކް ފައިލް
އަނެއްކޮޅުން އެމެރިކާގެ އިސް މަސްއޫލުވެރިއަކު ޖަޒީރާއަށް ހާމަކުރެއްވި ގޮތުގައި އެމެރިކާގެ އަބްރާމްޒް ޓޭންކް ޔުކްރޭނަށް ދިނުމުގެ މަސްއަލައާ ބެހޭ ގޮތުން ރައީސް ބައިޑްން މިއަދު ގޮތެއް ނިންމަވާނެއެވެ. އެމެރިކާއިން މި ބާވަތުގެ ޓޭންކް ޔުކްރޭނަށް ދިނުމަށް މިހާރު ވަނީ ނިންމައިފައެވެ. އެހެނަސް އެމެރިކާގެ ގުދަނުގައި ހުރި ޓޭންކުތަކުން ޔުކްރޭނަށް ޓޭންކެއް ނުދޭނެއެވެ.
އެސޯޝޭޑެޓް ޕްރެސް ބުނާގޮތުގައި އެމެރިކާއިން އަބްރާމްޒް ޓޭންކް ޔުކްރޭނަށް ދޭނެކަން އިޢުލާނު ކުރާނީ ޖަރްމަނުން ލެޕަރޑް މަރުކާގެ ޓޭންކް ޔުކްރޭނަށް ދިނުމަށް ނިންމިނިންމުން އިޢުލާން ކުރާ ވަގުތުގައެވެ.
ސީއެންއެން ބުނާގޮތުގައި އެމެރިކާއިން ޔުކްރޭނަށް ޓޭންކްތައް ވަގުތަކުން ނުދޭނެއެވެ. މި ޓޭންކް ބޭނުންކުރުމަށް ބޭނުންވާ ތަމްރީނު ޔުކްރޭން ސިފައިންނަށް ދިނުމަށް އެތައް މަހެއް ބޭނުންވާނެއެވެ. ޓޭންކްތައް ދޭނީ މި ތަމްރީނުތައް ނިމުމުންނެވެ.
ޖަރްމަން ނޫސް އޭޖެންސީ ބުނާގޮތުގައި މުސްތަޝާރު އޮލާފް ޝުލްޓްޒް ޔުކްރޭނަށް ލެޕަރޑް މަރުކާގެ ޓޭންކް ދިނުމަށް ނިންމެވީ ހަނގުރާމައިގެ މައިދާނުގައި ޔުކްރޭނަށް ފިއްތުންތައް އިތުރުވަމުންދާތީ މި ކަން ލުއިކޮށް ދެއްވޭތޯއެވެ. ޖަރްމަނުގެ ދިފާޢީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް ވިދާޅުވާގޮތުގައި ޖަރްމަނުގެ ލެޕަރޑް ޓޭންކް ހުރި ކޮންމެ ޤައުމަކުން ވެސް އެ ޓޭންކް ޔުކްރޭނަށް ދެވިދާނެއެވެ. މި ކަމަށް ބަރލިން ހުރަސްނާޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނޯވޭ ބުނާގޮތގައި އެ ޤައުމުގައި ހުރި 36 ޓޭންކްގެ ތެރެއިން އަށެއްކަ ޓޭންކް ޔުކްރޭނަށް ދެވިދާނެއެވެ.
އަނެއްކޮޅުން ވޮޝިންގްޓަނުގައި ހުންނަވާ ރޫސީ ސަފީރު އެމެރިކާއިން ޔުކްރޭނަށް އަބްރާމްޒް ޓޭންކް ދިނުމަށް ނިންމި ނިންމުން ކުށްވެރި ކުރައްވަމުން އެ ޓޭންކްތައް ރަޝިޔާ ސިފައިން ނައްތައިލާނެ ކަމަށް ވިދާޅުވިއެވެ. އެމެރިކާއިންނާއި ނޭޓޯއިން ޔުކްރޭނަށް ދިން ހަތިޔާރުތައް ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ. ރޫސީ ސިފައިން މި ހުރިހާ އެއްޗެއް ވަނީ ހަލާކުކޮށް ނައްތައިލައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިގެ މައިދާން
ހަނގުރާމައިގެ މައިދާނާ ބެހޭގޮތުން ޔުކްރޭނުގެ ޗީފް އޮފް ސްޓާފްގެ އޮފީސް ތުހްމަތުކުރާ ގޮތުގައި ރަޝިޔާއިން ދަނީ ކްރިމިޔާ ސދަރަޙައްދުގައި ސިފައިންގެ ޢާންމު ޚިދްމަތަށް މީހުން ވައްދަމުންނެވެ. މި އިދާރާއިން ބުނިގޮތުގައި ރަޝިޔާއިން މިއަދު ވައިގެ 26 ޙަމަލާދިނެވެ. އަދި ބޮޑުބަޑީގެ 100 ޙަމަލާދިނެވެ. މި ޙަމަލާތަކުގެ އަމާޒަކަށް ހަދައިފައިވަނީ ޚަރސަނާއި ޒަބަރޯޖިޔާ ސަރަޙައްދުތައް ކަމަށް ޔުކްރޭނުން ބުންޏެވެ. ޔުކްރޭނުން ބުނިގޮތުގައި ރަޝިޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔަސް ރޫސީ ފައުޖުތައް ޑޮނެސްކް ސަރަހައްދުގައި ބާޚްމޫތާއި އެވްޑީވްކާ ނާރެހުގައި ދަނީ ކުރިއަރަމުންނެވެ.



advertisment