ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ގުދަންތަކުން ހަތިޔާރުތައް މަދުވަމުންދާ ކަމަށް ހުޅަނގުގެ ޢަސްކަރީ ދިރާސާއެއް ބުނެފިއެވެ.
ވޯލް ސްޓްރީޓް ޖަރނަލުން ޝާއިޢުކުރި މި ދިރާސާ ބުނާގޮތުގައި އެމެރިކާއިން އުފައްދާ ޖެފްލިން ރޮކެޓްގެ ހަތް އަހަރު ދުވަހުގެ އުފެއްދުންތައް ޔުކްރޭނުގައި ވޭތުވެދިޔަ އެގާރަ މަސްދުވަހުގެ ތެރޭގައި ވަނީ ބޭނުންކޮށް ހުސްކޮށްލައިފައެވެ.
މި ދިރާސާ ބުނާގޮތުގައި ތައިވާނުގެ ސަބަބުން އެމެރިކާއަށް ޗައިނާއާ ކުރިމަތިލުމަކަށް ދާން ޖެހިއްޖެނަމަ މިހާރު ގުދަންތަކުގައި ހުރި ހަތިޔާރުކޮޅު އެފަދަ ކުރިމަތިލުމަކަށް ފުދޭވަރަށްވުރެ މާ މަދުވާނެއެވެ.
ތަފްޞީލަށް ބަލާއިރު ޖެފްލިން މަރުކާގެ ހަތް އަހަރު ދުވަހުގެ އުފެއްދުން ވަނީ ހުސްވެފައެވެ. އެއީ އޭގެ 8500 ޔުނިޓް ޔުކްރޭނަށް ދިނުމުގެ ސަބަބުންނެވެ. މަތިންދާބޯޓާ އިދިކޮޅު ސްޓިންގަރ މިސައިލްގެ 1600 ނިޒާމު ޔުކްރޭނަށް ދެވިފައި ވެއެވެ. އެއީ 20 އަހަރުގެ ތެރޭގައި އެމެރިކާއިން ބޭރަށް ވިއްކި ޢަދަދާ އެއްވަރުގެ ޢަދަދެކެވެ.
ޔުކްރޭނަށް ދެވުނު ބޮޑު ބަޑިއާއި ރާޑާރާ އިދިކޮޅު ހައޮޓަރޒް ބަޑީގެ މިންވަރު ގިނަކަމުން ގުދަންތަކުގައި ހުރި މި ދެ ހަތިޔާރުގެ ޢަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި 155 މިލިމީޓަރުގެ އުންޑައިން މިލިއަނަކަށްވުރެ ގިނަ އުންޑަ ޔުކްރޭނަށް ދީފައިވެއެވެ.
އައްސޭރިފަށުގެ ދިފާޢަށް ޓަކައި ބޭނުންކުރާ ހާރޕޫން މިސައިލުން ގުދަން ކުރެވިފައި މިންވަރު ދަށަށް ގޮސްފައިވާކަން ވެސް މި ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.
މި ދިރާސާ ބުނާގޮތުގައި އެމެރިކާއަށް ސީދާކުރިމަތިލުމަކާ ކުރިމަތިލާން ޖެހިއްޖެނަމަ އެމެރިކާއަށް ވަރަށް ބޮޑެތި ބުރަތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. މި ދިރާސާ ބުނާގޮތުގައި މިސާލަކަށް ޖެފްލިން މިސައިލެއް އުފެއްދުމަށް ޓަކައި 250 އިލެކްޓްރޯނިކް ޗިޕަށް ބޭނުންވާނެއެވެ. ހަނގުރާމައިގެ ޙާލަތުގައި މި ފަދަ ޗިޕްތައް ހޯދަން އުދަނގޫވާނެއެވެ.
ޔުކްރޭން ހަނގުރާމަ ހިނގަމުންދާތާ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން ވަނީ އެތައް ޓަނެއްގެ ޢަސްކަރީ އެހީތައް ކިޔީވަށް ފޮނުވައިފައެވެ. ޔުކްރޭނުން އަބަދާއަބަދު ހުޅަނގަށް އަންގަމުން ދަނީ އިތުރު ހަތިޔާރު ފޮނުވައިދިނުމަށެވެ.
މީގެ ދެތިން ދުވަސް ކުރިން އެމެރިކާއިން ވަނީ ޔުކްރޭނަށް 2.5 ބިލިއަން ޑޮލަރުގެ އެހީގެ އައު ޕާރުސަލެއް ދިނުމަށް ނިންމައިފައެވެ. މި އައު ޕާރުސަލުގައި އަބްރާމްޒް ޓޭންކެއް ނުހިމެނެއެވެ.ޔުކްރޭނުން ބުނާގޮތުގައި މި ވަގުތު އެންމެ ބޮޑަށް ބޭނުން ވަނީ އެމެރިކާގެ އަބްރާމްޒް ޓޭންކަށާއި ޖަރްމަނުގެ ލެޕަރޑް ޓޭންކަށެވެ.



advertisment