ޔުކްރޭން ސަރުކާރުން ހަތިޔާރުތަކާއި ވަޒަންތައް އެ ޤައުމުގެ ނިޔުކްލިއަރ ހަކަތަ އިސްޓޭޝަންތަކުގައި ގުދަންކުރަމުންދާ ކަމަށް މޮސްކޯއިން މިއަދު ތުހްމަތުކޮށްފިއެވެ.
ރަޝިޔާގެ ޖާސޫސީ އިދާރާގެ ރައީސް ނަރިޝްކިން ނޫސްވެރީންނަށް މިއަދު ވިދާޅުވިގޮތުގައި އެމެރިކާއިން ޔުކްރޭނަށް ދީފައިވާ ހައިމާރސް މިސައިލް ނިޒާމުތަކާއި އެހެނިހެން ހަތިޔާރުތައް ޔުކްރޭން ސަރުކާރުން ނިޔުކްލިއަރ ހަކަތަ އިސްޓޭޝަންތައް ކައިރީގައި ގުދަންކުރަމުން އެބަދެއެވެ. މި ކަން ކުރަމުންދަނީ ނިޔުކްލިއަރ ކާރިސާއެއް ހިނގައިފާނެތީ ރަޝިޔާއިން މި އިސްޓޭޝަންތަކަށް ޙަމަލާނުދޭނެކަން ކިޔީވަށް ކަށަވަރުވާތީއެވެ. އޭނާ އިތުރަށް ވިދާޅުވިއެވެ. "ކުށެއްގެ ސަބަބުން އެއިން ގުދަނެއް ގޮވައިފިނަމަ މި އިން އިސްޓޭޝަނެއް ހަލާކުވެދާނެކަން ކިޔީވަކަށް ނޭނގެއެވެ. މިފަދަ ކަމެއް ހިނގައިފިނަމަ ކިޔީވުން ފުންމައިގަންފައި ބުނާނީ އެއީ ރަޝިޔާގެ ޙަމަލާއެއް ކަމަށެވެ. އަދި އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ޕްރޮޕެގެންޑާތައް ފަތުރަން ފަށާނެއެވެ."
ޒަބަރޯޖިޔާއާއި ޚާރސަންގައި ގަދައަށް ހަނގުރާމަ
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާއިން ދަނީ ޒަބަރޯޖިޔާއާއި ޚާރސަން ސަރަޙައްދުގައި މީހުން އުޅޭ ސަރަޙައްދުތަކަށް ޙަމަލާތައް ދެމުންނެވެ. ޔުކްރޭނުން ބުނާގޮތުގައި ރަޝިޔާގެ ބަޑީގެ ޙަމަލާތައް މި ދެ ސަރަޙައްދުގެ ވިއްސަކަށް ރަށަށް ދަނީ އަރަމުންނެވެ. ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ވެސް ޔުކްރޭނުން ބުންޏެވެ.
އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޒަބަރޯޖިޔާ ނާރެހުގެ މުހިއްމު އެތައް ތަނެއް ރޫސީ ސިފައިން ހިފައިފިއެވެ. ރޫސީ ދިފާޢީ ވުޒާރާގެ ތަރްޖަމާނު ކޮނަޝިންކޯވް ވިދާޅުވި ގޮތުގައި ޑޮނެސްކާއި ޒަބަރޯޖިޔާ ނާރެސްތަކުގައި ރޫސީ ސިފައިން ދަނީ ކުރިއަރަމުންނެވެ. ރަޝިޔާ ސިފައިން ދިން ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ 300 ސިފައިން މަރުވެ އެތައް ހާސް ބަޔަކު ޒަޚަމުވިއެވެ.
ނޭޓޯއަށް ވަނުން ޙައްލަކީ
ޔުކްރޭނަށް ލިބިގެންވާ އެންމެ ބޮޑު ޖާމިނުވުމަކީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ވުން ކަމަށް ރައީސް ޒިލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަކުރެއްވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ބޮރިސް ޖޯންސަނާ އިއްޔެ ބައްދަލުކުރައްވަމުންނެވެ. ޒިލެންސްކީ ވިދާޅުވިގޮތުގައި ރަޝިޔާގެ މައްޗަށް ނަޞްރު ހޯދުމަށް ޓަކައި ޔުކްރޭނުން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ބޮޑުވަޒީރު ޖޯންސަނާއެކު ބަޙުސްކުރެއްވީ އިނގިރޭސިވިލާތުން ބޭނުންވާ އެހީއާ ބެހޭގޮތުންނާއި ޞުލްޙައާ ބެހޭ ސަމިޓަށް ތައްޔާރުވުމާ ބެހޭގޮތުންނެވެ. ޒިލެންސްކީ ވަނީ މިދިޔަ އަހަރު ބޭއްވުނު ޖަމާޢަތް 20 ގެ ސަމިޓަށް އޭނާގެ މި ހުށައެޅުން ހުށައަޅުއްވައިފައެވެ.



advertisment