އިރުމަތީ ޤުދުސުގެ ބަދަވީ ރަށެއް ކަމުގައިވާ އަލްޚާނުލް އަޙްމަރު ތަޅައި ނައްތައިލުމަށް އިސްރާއީލުގެ ޙައްދުފަހަނަޅައިފައިވާ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު ބޮޑުވަޒީރު ނަތަންޔާހޫގެ ކިބައިން އެދިއްޖެއެވެ.
ބިން ޣަފީރު މި ކަމަށް އެދުނީ އިއްޔެގެ ހަފުތާ ކެބިނެޓް ބައްދަލުވުމުގައެވެ. އޭނާ ކެބިނެޓްގައި ވާހަކަދައްކަމުން ބުނިގޮތުގައި "ސީ ސަރަޙައްދު"ގެ ތެރޭގައި ފަލަސްޠީނު މީހުން "ހުއްދަ ނުހޯދާ" ބިނާކޮށްފައިވާ ފަސް ރަށެއް އެބަ އޮތެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހާމަކުރެއްވި ގޮތުގައި މި މަހުގެ ތެރޭގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަލަސްޠީނު މީހުން ހުޅަނގު އައްސޭރީގައި "ޤާނޫނާ ޚިލާފަށް" ބިނާކޮށްފައިވާ 38 ބިނާއެއް ވަނީ ތަޅައިލައިފައެވެ. ނަތަންޔާހޫ އޭނާގެ ޓްވިޓަރުގައި ލިޔުއްވައިފައިވާ ގޮތުގައި ފަލަސްޠީނު މީހުން މަސައްކަތް ކުރަނީ މިފަދަ ބިނާތައް ހަދައިގެން އެއީ އެމީހުންގެ ބިންތަކެއްކަން ދައްކާށެވެ.
އިސްރާއީލުގެ ލީކޯޑް ޕާޓީގެ ބަރްލަމާނީ ބައެއް މެންބަރުން ރާއްވަވަމުން ގެންދަވަނީ އަލްޚާނުލްއަޙްމަރަށް ވަޑައިގެން އެތާނގައި ބުރެއްޖައްސަވާށެވެ. އެއީ ސަރުކާރަށް ފިއްތައިގެން މި ރަށުން ޢަރަބި ރައްޔިތުން ބާލައި އެ ރަށް ކުދިކުދިކޮށްލުމެވެ.
އަނެއްކޮޅުން ބަލާއިރު ފަލަސްޠީނުގެ ޤައުމީ މަޖިލީހުގެ ރައީސް ރޫޙީ ފައްތޫޙު އިންޒާރު ކުރައްވާ ގޮތުގައި މިއީ އައު މުނާސަބަތެއްގެ ފެށުމެވެ.
ފައްތޫޙު ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި އަލްޚާނުލްއަޙްމަރާއި އަވަށްޓެރި ޢަރަބި ބަދަވީންގެ ރަށްތަކާއި ގެދޮރުތައް ތަޅައިލުމުގެ މަސައްކަތަކީ އިސްރާއީލުން ބިނާކުރާން ބޭނުންވާ "ބޮޑު ޤުދުސް" މަޝްރޫޢު ތަންފީޒުކުރާން ފެށުމެވެ. މި މަޝްރޫޢު ހިމެނެނީ "އީ-1″ މަޝްރޫޢުގެ ދަށުންނެވެ. މި ރޭވުމުގެ ދަށުން އިރުމަތީ ޤުދުސުގެ ބިންތައް މަރުވިކަނޑާ ހަމަވާންދެން އިސްރާއީލަށް ނަގާނެއެވެ. މި ސަރަޙައްދުތަކުން ފަލަސްޠީނު މީހުން ބާލައި ޢަރަބީންގެ ވުޖޫދު ނައްތައިލާނެއެވެ.



advertisment