Support Us

ޔޫރަޕްގެ ސިފައިންގެ ލަޝްކަރުތައް ވާނީ ނިރުބަވެރީންނަށް: އީރާން

އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު ނިރުބަވެރި ޖަމާޢަތަކަށް ޔޫރަޕުން ހެދުމުން ހަމަ އެފަދައިން އީރާނުންވެސް ހަމަ މި މޭރުމުން ރައްދުދިނުމަށް އީރާނުގެ ބަރްލަމާނުން މިއަދު ނިންމައިފިކަމަށް އީރާނުގެ ޚާރިޖީވަޒީރު ޙުސައިން އަމީރު ޢަބްﷲޔާން ވިދާޅުވެއްޖެއެވެ.

އީރާނުގެ ބަރްލަމާން (ޝޫރާ މަޖިލިސް) ގެ މިއަދުގެ ސިއްރު ބައްދަލުވުމުގައި އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގެ ވެރިޔާއާއި ޚާރިޖީ ވަޒީރު ބައިވެރިވެ ވަޑައިގަތެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޢަބްދުﷲޔާން ވިދާޅުވި ގޮތުގައި ހަމަ އެ ބީދައިން ރައްދުދިނުމަށް ބަރްލަމާނުން ނިންމުމުން ޔޫރަޕްގެ ޢަސްކަރީ ލަޝްކަރުތައް ނިރުބަވެރީންގެ ލިސްޓުގައި ޠަހަރާނުން ލިޔާނެތެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲޔާން ވިދާޅުވި ގޮތުގައި އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު ނިރުބަވެރި ޖަމާޢަތަކަށް ޔޫރަޕުން ހަދައިފިނަމަ އެ ޖެހުނީ އެމީހުންގެ "އަމިއްލަ ފަޔަށް ބަޑިއެވެ." އޭނާ ވިދާޅުވި ގޮތުގައި އީރާނުން މި ސިޔާސަތުގެ މަތީގައި ދެމި އޮންނާނެއެވެ.

އޭނާ ތުހްމަތުކުރެއްވި ގޮތުގައި އީރާނު ދެކެމުންދާ މުޒާހަރާތަކާއި ގަޑުބަޑުތަކަކީ ޔޫރަޕުން ހިތްވަރުދީގެން ހިނގަމުންދާ ކަންތައްތަކެކެވެ. ޠަހަރާނާ ހަތުރުވެރި ސިޔާސަތުތައް ގެންގުޅޭ ޤައުމުތަކަށް "މި ކަމުގެ ހިތި ފެންނާނެ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް އިހާނެތިކޮށް ހިތުމެއް

އަނެއްކޮޅުން އީރާނުގެ ބަރްލަމާނުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފު ވިދާޅުވާ ގޮތުގައި އީރާނުގެ އިންޤިލާބީ ފާރަވެރީންނާ ދެކޮޅަށް އެޅޭ ކޮންމެ ފިޔަވަޅަކީ އީރާނުގެ އެންމެހާ ރައްޔިތުންނަށް ކުރެވޭ އިހާނަތެކެވެ.

އޭނާ ބަރްލަމާނުގެ މި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. "އިންޤިލާބީ ފާރަވެރީންނާ ދެކޮޅަށް ޔޫރަޕުން އަޅައި ކޮންމެ ފިޔަވަޅެއްގެ މަސްއޫލިއްޔަތުތައް އެމީހުން ތަޙައްމުލުކުރަން ޖެހޭނެއެވެ. މި އަޅާ ފިޔަވަޅުތަކާ ދެކޮޅަށް އެކަށީގެންވާ ގޮތުގެ މަތިން އަހުރެމެން ވެސް ފިޔަވަޅު އަޅަމުންދާނަމެވެ."

އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވިދާޅުވިއެވެ. "ޢަދުއްވުން އިންޤިލާބީ ފާރަވެރީންނާ ދެކޮޅަށް އަޅައި އެއްވެސް ފިޔަވަޅަކުން ނަތީޖާއެއް ނުނުކުންނާނެއެވެ. އެ ކަން ވާނީ މާޔޫސްވެރި ޢަމަލަކަށެވެ."

މި ދިޔަ ބުދަދުވަހު ޔޫރަޕްގެ ބަރްލަމާނުން ވަނީ އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު ނިރުބަވެރީންގެ ލިސްޓުގައި ހިމެނުމަށް މެންބަރު ޤައުމުތަކަށް ވަޞިއްޔަތްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *