ޗައިނާގެ ޚާރިޖީ ވަޒީރުކަމަށް ޝިން ގަންގް ޢައްޔަންކުރެވުނުތާ 10 ވަރަކަށް ދުވަހުގެ ތެރޭގައި އޭނާ އެފްރިކާއަށް މުހިއްމު ދަތުރުފުޅެއް ވަނީ ކުރައްވައިފައެވެ. މި ދަތުރުފުޅުގައި އޭނާ އެފްރިކާގެ ފަސް ޤައުމަކަށް ޒިޔާރަތް ކުރެއްވިއެވެ.
ފެންނަ ފެނުމުގައި އޭނާ ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ އަމާޒަކަށް އެފްރިކާ ހެއްދެވުމުން އެނގެނީ އެމެރިކާ- އެފްރިކާ ސަމިޓަށް ޗައިނާއިން ރައްދުދޭން ބޭނުންވާ ކަމެވެ. މި ސަމިޓްގައި އެމެރިކާއިން ވަނީ އެފްރިކާގައި 55 ބިލިއަން ޑޮލަރު ވުނަކުރާނެކަމަށް ވަޢުދުވެފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑްން އެފްރިކާގެ ޒަޢީމުންނާއެކު ޚާއްޞަ ސަމިޓެއް ބޭއްވެވީ ރޯމާއްދާތަކުން މުއްސަނދި އެފްރިކާ ބަރޫދުގައި ވަރުގަދަވަމުން އަންނަ ރަޝިޔާއާއި ޗައިނާގެ ނުފޫޒާ ކުރިމަތިލެއްވުމަށް ޓަކައެވެ. މި ނުފޫޒުގެ ބާރު ކަނޑުވައިލެއްވޭތޯއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ޝިންގެ އެފްރިކާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއް ކަމުގައި ހެއްދެވީ އިތިޔޯޕިޔާއެވެ. އެފްރިކާގެ އިއްތިޙާދުގެ މައިމަރްކަޒު ހުންނަނީ މި ޤައުމުގައި ކަމަށް ވާތީއެވެ. ދެވަނަ މަންޒިލެއް ކަމުގައި ހެއްދެވީ މިޞްރެވެ. އެ ޤައުމުގައި ޢަރަބި ޤައުމުތަކުގެ ޖަމްޢިއްޔާ (އަރަބި ލީގް)ގެ މައިމަރްކަޒު ހުންނާތީއެވެ. މި ކަމުން އޭނާ ދެއްވި މެސެޖްކީ އެފްރިކާއާއި އަރަބި ދުނިޔެއާއެކު ގުޅުންތައް ވަރުގަދަކޮށް ފުޅައުކުރުމަށް ޗައިނާ އިސްކަން ދޭނެ ކަމެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީވަޒީރު ޒިޔާރަތްކުރެއްވި ޤައުމުތަކުގެ ތެރޭގައި އެންގޯލާވެއެވެ. އެންގޯލާއަކީ އެފްރިކާގައި އޮތް ޗައިނާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. އަދި އެއީ އެފްރިކާގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ޤައުމު ވެސް މެއެވެ. ޗައިނާއިން ދޭ ދަރަނީގެ އެންމެ ބޮޑު ޙިއްޞާއެއް ލިބިފައި ވަނީ އެންގޯލާއަށެވެ.
ޗައިނާގެ ވަޒީރު މި ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވި އެފްރިކާގެ އަނެއް ދެ ޤައުމަކީ ގެބޯނާއި ބެނީނެވެ. މި ދެ ޤައުމަކީ އެކްވާސް ޖަމާޢަތުގެ މެންބަރުންނެވެ. މިއީ އެފްރިކާގެ އެޓްލާންޓިކް އައްސޭރިއަށް ޗައިނާގެ ވިޔަފާރި ގެންގޮސްދޭ މުހިއްމު ދެ ބަނދަރެވެ.
ޗައިނާގެ ހަނގުރާމަވެރި "މިނިކާކުއްތާ" އެފްރިކާއިން ހަނގުރާމަ ފެށުން
ޗައިނާގެ ވަޒީރު އެފްރިކާއަށް މި ކުރެއްވި ދަތުރުފުޅުންނާއި މި ދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ޤައުމުތަކަށް ބަލައިލުމުން އެނގެނީ އެމެރިކާއިން ޗައިނާގެ ނުފޫޒު ފުހެލުމަށް ކުރާ މަސައްކަތަށް ޗައިނާއިން އޮތީ ގޮންޖަހަން ތައްޔާރަށް ކަމެވެ.
"ހަނގުރާމަވެރި މިނިކާކުއްތާ"ގެ ލަޤަބު ލިބިވަޑައިގަންފައިވާ ޝިން ގަންގް 30 ޑިސެންބަރު 2022ގައި ޚާރިޖީ ވަޒީރުކަމަށް ޢައްޔަން ކުރުމުގެ ކުރިން ހުންނެވީ ވޮޝިންގްޓަންގައި ޗައިނާގެ ސަފީރުގެ މަޤާމުގައެވެ. ޗައިނާއިން އެފްރިކާއަށް ދެމުންދާ ދަރަނިތައް ދިފާޢު ކުރައްވާ އޭނާ ވަނީ އެތައް "ތަޅައިލުންތަކެއް" ތަޅައިލައްވައިފައެވެ. އެއީ އެފްރިކާ ބަރޫދަށް އަތްގަދަކުރުމަށް ޗައިނާއިން ޖަހާ ދަންތުރައެއް ނޫންކަމަށް އޭނާ ވިދާޅުވެއެވެ. އެހެނަސް އެއީ "ދެ ފަރާތުގެ ދެމެދުގައި މަންފާ ބަދަލުކުރުމުގެ ޢަމަލެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ "މިނިކާކުއްތާގެ" މުހިއްމަތަކަށް ވާނީ ޗައިނާއާ އެފްރިކާއާ ދެމެދުގައިވާ އެއްބާރުލުން ހަވާސާކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅުއްވައި އެފްރިކާ ޗައިނާގެ ސަފުގައި ބޭއްވުމެވެ.

އެމެރިކާ އެފްރިކާ ސަމިޓުގައި ޗައިނާ ނެތަސް އޮތް
އެމެރިކާ އެފްރިކާ ސަމިޓުގެ ސަބަބުން، ޗައިނާ އެމެރިކާ ވާދަވެރިކަން އައު ފިޔަވައްސަކަށް ނަޤްލުވެއްޖެކަމަށް ދާރިސުން ވިދާޅުވެއެވެ.
ޑިސެންބަރުގެ މެދުތެރޭގައި ބޭއްވި އެފްރިކާ އެމެރިކާ ސަމިޓްގައި އެފްރިކާގެ 49 ޤައުމެއްގެ ޒަޢީމުން ބައިވެރިވެވަޑައިގަތެވެ. މި ސަމިޓްގައި އެބޭފުޅުންނަށް ވޮޝިންގްޓަނުން އިންޒާރު ކުރިގޮތުގައި ޗައިނާއާއި ރަޝިޔާގެ ނުފޫޒު އެފްރިކާގެ "ހަމަޖެހުމަށް ބުރޫއަރުވާ ބަހާއަކަށް" ވެދާނެއެވެ. މި ސަމިޓްގައި އެމެރިކާއިން ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެފްރިކާގައި 55 ބިލިއަން ޑޮލަރު ވުނަކުރާނެކަމަށް ވަޢުދުވެފައެވެ.
އެފްރިކާގެ 54 ދައުލަތް، ދުނިޔޭގެ އިޤްތިޞާދީ އެންމެ ބޮޑު ދެ ބާރުގެ ދެމެދުގައި، އދ ގައި ވިޔަސް ޢާލަމީ ޖަމާޢަތްތަކުގައި ވިޔަސް ސަރަޙައްދީ ޖަމާޢަތްތަކުގެ ތެރޭގައި ވިޔަސް ޑިޕްލޮމެޓިކް ކުރިމަތިލުންތަކުގައި ދެ ތަނޑިވެގެން ދިޔުމަކީ ވަރަށް ޙަޔަވީ މަސްއަލައެކެވެ.
ޗައިނާގެ ވަޒީރު ޒިޔާރަތް ކުރެއްވީ އެފްރިކާގެ ހަތަރު ބިތަށް
ޗައިނާގެ ޚާރިޖީ ވަޒީރު މި މަހުގެ 9 ން 16 ށް އެފްރިކާގައި ޖެއްސެވި ބުރުގައި އެ ބަރޫދުގެ ހަތަރު ބިތަށް ޒިޔާރައް ކުރެއްވިއެވެ.އެފްރިކާގެ އިރު އުތުރުގައި އޮންނަ އެންމެ ބޮޑު ޢަރަބި ޤައުމުކަމުގައިވާ މިޞްރަށާއި ހުޅަނގު ދެކުނުގައި އޮންނަ އެންގޯލާއަށާއި އިރުމަތީގައި އޮންނަ އިތިޔޯޕިޔާއަށާއި ހުޅަނގުގައި އޮންނަ ގެބޯނަށާއި ބެނީނަށެވެ. އޭނާ މިޞްރުގައި ޢަރަބިލީގްގެ އަމީން ޢާންމާ ބައްދަލު ކުރައްވުމަށްފަހު ނޫސްވެރީންނާއެކު ބައްދަލުވުމެއް ބޭއްވެވިއެވެ.

ގެބޯނަކީ ކޮންމެވެސް ވަރަކަށް ތެޔޮ ބޭރުކުރާ ޤައުމެކެވެ. އެފްރިކާގައި ބޮލަކަށް ޖެހޭ އާމްދަނީއަށް ބަލާއިރު ގެބޯނަކީ އެންމެ މުއްސަނދި ޤައުމެވެ. މި ޤައުމު އޮންނަނީ މުހިއްމު ކަނޑުއޮޅިއެއް ކަމުގައިވާ ގިނީ ގަލްފުގައެވެ.
ބެނީނަކީ އިރުމަތީ ފަރާތުން ނައިޖީރިޔާއާ އަވަށްޓެރި ޤައުމެކެވެ. މި ޤައުމަކީ ވެސް ގިނީ ގަލްފުގެ އައްސޭރީގައި އޮންނަ ޤައުމެކެވެ. ޗައިނާގެ ވަޒީރު ޒިޔާރަތް ކުރެއްވި ޤައުމުތަކުގެ ތެރޭގައި ކަނޑުނެތް ޤައުމަކީ އިތިޔޯޕިޔާއެވެ.
ޗައިނާއިން އެފްރިކާގެ ޤައުމުތަކާއެކު 2021 ގައި ބަދަލު ކުރި ވިޔަފާރީ ވަނީ 254 ބިލިއަނަށް އިތުރުވެފައެވެ. މިއީ އެމެރިކާއިން އެފްރިކާއާއެކު ކުރާ ވިޔަފާރީގެ ހަތަރު ގުނަ ބޮޑު ޢަދަދެކެވެ.
އެމެރިކާގެ މަސައްކަތަކީ ޗައިނާ ކިލާކުރުން
ތަފާސްހިސާބުތައް ބުނާގޮތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެފްރިކާގެ ބޭރުގެ ދަރަނި ވަނީ 696 ބިލޔަނަށް މައްޗަށް ގޮސްފައެވެ. މީގެ 12% އަކީ ޗައިނާގެ ދަރަންޏެވެ.ޗައިނާއިން އެފްރިކާއަށް ދިން ދަރަނި އެންމެ މައްޗަށް ގޮސްފައިވަނީ 2016 ގައެވެ.އެއީ 28.4 ބިލިޔަން ޑޮލަރެވެ. މި މިންވަރު 2020 ގައި ވަނީ 1.9 ބިލިޔަނަށް ދަށަށް ގޮސްފައެވެ.
ޗެޓަމްހައުސް މަރްކަޒުގެ ބާޙިސުން ވިދާޅުވާ ގޮތުގައި "ޗައިނާއިން އެފްރިކާއަށް ދީފައިވާ ދަރަނިތަކަކަކީ އެ ޤައުމާ ކުރިމަތިވެފައިވާ ބޮޑު މަސްއަލައެކެވެ. ތަރައްޤީވުމަށް މަސައްކަތް ކުރާ ޤައުމުތަކާއެކު ރަޙްމަތްތެރިކަން ދަމަހައްޓަން ބޭނުންވާ ވަގުތު މި ދަރަނި އަނބުރާ ހޯދުން ވަނީ ދަތިކަމަށް ވެފައެވެ."
އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފާޑު ކިޔަމުން ބުނާގޮތުގައި ޗައިނާގެ ބޭނުމަކީ އެފްރިކާގެ އުޞޫލުތަކަށް ވެރިވެގަތުމެވެ. ޗެޓަމްހައުސްގެ ބާޙިސުން އެމެރިކާގެ މި ފާޑުކިޔުމާ އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ.
ޗެޓަމްހައުސްގެ ބާޙިސުން ވިދާޅުވާގޮތުގައި ފުރަތަމަކޮޅުގައި ޗައިނާއިން އެފްރިކާއަށް މާ ގިނައިން ދަރަނި ދިން ދިނުމުން ކުރިމަތިވި އުނދަގޫ ބޮޑުވެފައިވަނީ އެފްރިކާއަށްވުރެ ބޮޑަށް ޗައިނާއަށެވެ.
ބްލޫމްބަރގްގެ ރިޕޯޓެއް ބުނާގޮތުގައި ޗައިނާއަށް އެންމެ ބޮޑަށް ދަރައިފައިވާ ޤައުމަކީ އެންގޯލާ (42.6 ބިލިއަން ޑޮލަރު) އެވެ. ދެވަނައަށް އެންމެ ބޮޑަށް ދަރައިފައިވަނީ އިތިޔޯޕިޔާ ( 13.7 ބޮލިއަން ޑޮލަރު) އެވެ.
ވާދަވެރިކަން އިތުރުވަނީ ކީއްވެގެން؟
އެމެރިކާއާއި ޗައިނާއާ ދެމެދުގައި އެފްރިކާއާ މެދު ވާދަވެރިކަން އިތުރުވަމުންދަނީ އެފްރިކާގައި ހުރި ޠަބީޢީ މުއްސަނދިކަމާއި ރޯމާއްދާތަކުގެ ސަބަބުންނެވެ. މި ގޮތުން ބަލާއިރު ދީމުޤްރާޠީ ކޮންގޯ އަކީ ވާދަވެރިކަން އެންމެ ބޮޑު އެއް މައިދާނެވެ. އެ ޤައުމުން ލިބެން ހުރި ރޯމާއްދާތަކަކީ ބެޓެރީގެ ޞިނާޢަތަށް ވަރަށް މުހިއްމު ރޯމާއްދާތަކެކެވެ. މި ޞިނާޢާތުގައި ޗައިނާއަށް އެންމެ އުސް އަތް ލިބިގެންވެއެވެ. ޗައިނާއިން މި މާއްދާތައް ނަގައި ބެޓެރީގެ ޞިނާޢާތުގައި ބޭނުންކުރެއެވެ. އެމެރިކާއާއި ޔޫރަޕުން މަސައްކަތް ކުރަނީ މި ޞިނާޢަތުގައި ޗައިނާގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭތޯއެވެ.
ޔުކްރޭން ހަނގުރަމައާ ވިދިގެން އެފްރިކާ ބަރޫދުގެ އަހައްމިއްޔަތު ވަނީ އިތުރުވެފައެވެ. އެއީ މި ބަރޫދުގައި ހުރި ތެލާއި ގޭހުގެ ސަބަބުންނެވެ. އެފްރިކާގައި ޠަބީޢީ ގޭސް އެންމެ ގިނައިން ކަންޒުވެފައި ހުރީ މިޞްރާއި ޖަޒާއިރާއި ނައިޖީރިޔާގައެވެ. މި މައިދާނަށް އަލަށް ނުކުތް ޤައުމަކީ މޮޒަންބީގެވެ.
ބިރު ކުޑަ ސަރަޙައްދެއް
ޗައިނާއަށް ބަލާއިރު އެފްރިކާއަކީ ޗައިނާ ޙިޞާރު ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުން ރެކުމަށް ލިބިފައިވާ ދުރު ސަރަޙައްދެކެވެ. ޔޫރަޕަކީ އެމެރިކާގެ އެކުވެރީން ގިނަ ސަރަޙައްދެކެވެ. ޔޫރަޕް ބޮޑަށް ތަބާވަނީ ޓްރަމްޕްގެ ސިޔާސަތަށެވެ. ބައިޑްން ވެސް ޗައިނާއާ ވާދަކުރެއްވުމުގައި ގެންގުޅުއްވަނީ ހަމަ ޓްރަމްޕްގެ ސިޔާސަތެވެ. ޗައިނާގެ ފަންނިއްޔަތު ނަޤްލުވުމުގައްޔާއި ޗައިނާގެ ކުންފުނިތަކާއެކު ވުނަކުރުމުގައި ޔޫރަޕުން ދަނީ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.
އޭޝިޔާއަކީ ވެސް އެމެރިކާގެ އެކުވެރީން ޗައިނާގެ ވަށައިގެން ތިބި ސަރަޙައްދެކެވެ.ތައިވާނާއި ޖަޕާނާއި ދެކުނު ކޮރެއާފަދަ ޤައުމުތަކެވެ. ހަމައެފަދައިން އޭޝިޔާ ސަރަޙައްދުގައި ޗައިނާއާއެކު ގުޅުންތައް ރަނގަޅުކުރަން އެދޭ އެހެނަސް ޗައިނާދެކެ ބިރުގަންނަ ޤައުމުތަކެއްވެއެވެ. އޭގެތެރޭގައި އިންޑިނޭޝިޔާއާއި މެލޭޝިޔާއާއި ފިލިޕީންސާއި ބަންގްލަދޭޝް ފަދަ ޤައުމުތައް ވެއެވެ. އަދި އިންޑިއާ ފަދަ ޒަމާނީ ހަތުރުވެރީންވެސް ވެއެވެ.
ދެކުނު އެމެރިކާއަށް ބަލާއިރު އެއީ އެމެރިކާގެ ފުރަގަހުގައި އޮތް ބޮޑު ބުސްތާނެކެވެ. މި ބަރޫދުގެ ބައެއް ޤައުމުތައް އެމެރިކާއާ އިދިކޮޅު ސިޔާސަތެއް ގެންގުޅުނަސް އަނެއް ބައި ޤައުމުތަކުގެ ސަރުކާރުތަކަކީ ކަނާތު ފިޔައިގެ ސަރުކާރުތައް ދޭތެރެދޭތެރެއިން ފާޅުވަމުންދާ ޤައުމުތަކެކެވެ.
އެހެންކަމުން އެފްރިކާއަކީ ޗައިނާއާ ހަތުރުވެރި ސަރަޙައްދެއް ނޫނެވެ. އެ ބަރޫދުގައި އޮތް އިސްތިޢުމާރީ އަޅުވެތިކަމުގެ ސަބަބުން އެފްރިކާގެ ޠަބީޢަތު ބޮޑަށް ލެނބެނީ ބޭޖިންގާ ދިމާއަށެވެ. ދެކުނު އެފްރިކާއަކީ މި ކަމުގެ ރަނގަޅު މިސާލެކެވެ. އެފްރިކާގައި އެންމެ ކުރިއަރައިފައިވާ އަދި އެންމެ ދީމުޤްރާޠީ ޤައުމަކީ ދެކުނު އެފްރިކާކަމަށް ހުޅަނގު އެއްބަސްވެއެވެ. އެހެނަސް ދެކުނު އެފްރިކާގެ މިހާރު މިސްރާބަކީ ހުޅަނގާ ދުރަށް ދިޔުމެވެ. ބްރިކްސް ޖަމާޢަތުން މި ކަން ސާފުވެއެވެ. ޗައިނާއާއެކު ގުޅުންތައް ހަރުދަނާކުރުމަށް ޝައުޤުވެރިވެއެވެ.
ޗައިނާ އެފްރިކާއާ ގުޅިފައިވަނީ ސިންދަފާތު މަޞްލަޙަތުތަކެއްގެ ވިޔުގައިންނެވެ. މި ބަރޫދުގެ ޚުދްމުޚްތާރުވެރީންނާއި ދީމުޤްރާޠީ ވެރީންނާއި ދޭތެރެމެދުގެ ވެރީން ޗައިނާގެ ސިޔާސަތަށް ތާއީދު ކުރައްވައެވެ. އެއީ ޗައިނާއިން ގެންގުޅޭ ޑިޕްލޮމަސީގެ ހެޔޮވަންތަކަމުންނެވެ. ހުޅަނގުފަދައިން އިންސާނީ ޙައްޤުތަކާއި ދީމުޤްރާޠިއްޔަތާ ބެހޭގޮތުން ޗައިނާއިން ވަޢުޡެއް ނުބުނެއެވެ.
މި ބަރޫދުގެ ދީމުޤްރާޠީ ބޭފުޅުންނަށް އެމެރިކާއާއި ހުޅަނގުގެ ދުރޫސުލްއަޚްލާޤުން މާ ބޮޑު އަސަރުތަކެއް ނުކުރެއެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ދެ މިންގަނޑުގެ ސިޔާސަތެކެވެ. ފަލަސްޠީނާއި އެފްރިކާގެ މަސްއަލަތަކުގައި ހުޅަނގުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން މި ސިޔާސަތުގެ ދެފުށް ދެގޮތްކަން އެނގެއެވެ. އެއީ ތެދުވެރި ސިޔާސަތެއްނޫނެވެ.



advertisment