އިސްރާއީލު ސިފައިން އިއްޔެ ޚަލީލު ސަހަރުގެ އުތުރުގައި ފަލަސްޠީނުގެ އޮފިސަރަކު މަރައިލައި ހުޅަނގު އައްސޭރީން އެތައް ބަޔަކު ހައްޔަރުކޮށްފިއެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކުރިގޮތުގައި އިސްރާއީލު ސިފައިން ޝަހީދުކޮށްލި އޮފިސަރަކީ ފަލަސްޠީނުގެ ފުލުހުންގެ އިދާރާގެ ކާރނަލެއް ކަމުގައިވާ ޙަމްދީ ޝާކިރު އަބޫ ދިޔަތެވެ. އޭނާއަށް އިސްރާއީލު ސިފައިން ޙަމަލާދީފައި ވަނީ ޔޫނުސް ނަބިއްޔާގެ ރަށުގެ މައިދޮރޯށި ކައިރިންނެވެ. މި ރަށަކީ ޚަލީލު ސަހަރުގެ އުތުރުގައި އޮންނަ ޙަލްޙޫލުގެ ރަށެކެވެ.
ފަލަސްޠީނު ބުނާގޮތުގައި ޙަމްދީ ޝާކިރު އަވާހާރަވީ އޭނާގެ ގައިކޮޅަށް އެރި ވަޒަންތަކުގެ ސަބަބުންނެވެ. އެއަށްފަހު އޭނާގެ ހަށިކޮޅު އިސްރާއީލުން ގެންގޮސްފައިވާ ކަމަށް ވެސް ފަލަސްޠީނުން ބުންޏެވެ.
ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާ ބުނާގޮތުގައި މި އަހަރު ފެށުނު ފަހުން ފަލަސްޠީނުގެ 15 މީހަކު އިސްރާއީލުން މަރައިލައިފައި ވެއެވެ. އޭގެތެރޭގައި ހަތަރު ކުޑަކުދީން ހިމެނެއެވެ.
ފަލަސްޠީނުން ބުނާގޮތުގައި އިސްރާއީލު ސިފައިން ބުދަވިލޭރޭ ހުޅަނގު އައްސޭރީގެ ބައެއް ރަށްތަކަށް އަރައި ފަލަސްޠީނުގެ 20 މީހަކު ހައްޔަރުކޮށްފައި ވެއެވެ. މީގެތެރެއިން 10 މީހަކު ހައްޔަރުކޮށްފައިވަނީ ޚަލީލު ސަހަރުގެ ދެކުނުގައި އޮންނަ ފައްވާރު ފޭލިގެ އަވަށުންނެވެ.
"ފަލަސްޠީނުގެ އަސީރުންގެ ނާދީ" ބުނާގޮތުގައި މި ޙަމަލާތަކުގެ ތެރޭގައި އިސްރާއީލު ސިފައިންނާ ފަލަސްޠީނީންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގިއެވެ. މިއަހަރު ފެށުނު ފަހުން އިސްރާއީލުން ހައްޔަރު ކުރި ފަލަސްޠީނު މީހުންގެ ޢަދަދަކީ 235 އެވެ.
އަނެއްކޮޅުން ބަލާއިރު ފަލަސްޠީނީންނާ ދެކޮޅަށް އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތައް އދ.ގައި 39 ޤައުމަކުން އިއްޔެ ކުށްވެރިކޮށްފިއެވެ. މި ޤައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ. އިސްރާއީލުން މި ފިޔަވަޅުތައް އެޅީ އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންދާތީއާއި ފަލަސްޠީނު މީހުންގެ އިންސާނީ ޙައްޤުތަކަށް ތަކްރާރުކޮށް އަރައިގަންނަމުންދާ މަސްއަލައާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ އިންސާފު ކޯޓުގެ ލަފައަކަށް އދ އިން އެދުމުންނެވެ.
މި ޤައުމުތަކުން ނެރުނު ބަޔާނުގައި އިސްރާއީލުން މި އެޅި ފިޔަވަޅުތައް އަވަހަށް އުވައިލުމަށް ގޮވައިލައިފާ ވެއެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު އިލީ ކޮހެން ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ޓަކައި އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތައް ހުއްޓުވޭނެ ފަރާތެއް ނޯންނާނެއެވެ. އިސްރާއީލުން އެފަދަ އެއްވެސް ނިންމުމަކަށް ޢަމަލު އިޖާބަ ނުދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން މި މަހު ހަވަނަ ދުވަހު ފަލަސްޠީނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޓެކްހުން ލިބޭ ފައިސާއިން އެތައް މިލިއަން ޑޮލަރެއް އިސްރާއީލަށް ނެގުމާއި ހުޅަނގު އައްސޭރީގައި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ޓަކައި ރާވައިފައިވާ މަޝްރޫޢުތައް ގަނޑުކުރުމާއި ފަލަސްޠީނު ސަރުކާރުގެ އިސް ބޭފުޅުންނަށް އަރުވައިފައިވާ ޚާއްޞަ އިމްތިޔާޒުތައް ބާޠިލުކުރުން ވެއެވެ.



advertisment