Support Us

ޔުކްރޭން ހަނގުރާމައަކީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ: ޤަދީރޯވް

ޔުކްރޭން ހަނގުރާމައަކީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ކަމަށް ރައީސް ޕޫޓިނާއެކު އެންމެ ބޮޑަށް ވާގިވެރިވެ ވަޑައިގަންނަވާ ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯވް ވިދާޅުވެއްޖެއެވެ.

ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯވް މިއަދު ސިފަކުރެއްވި ގޮތުގައި ޔުކްރޭނުގައި އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ކުރަމުން މި ދަނީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައެވެ.

ޤަދީރޯވް ވިދާޅުވިއެވެ. "ޔުކްރޭނުގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަމުންދަނީ ނޭޓޯއާ ނޭޓޯއާ ގުޅުން ހުރި ޤައުމުތަކުންނެވެ. އެއީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ދައުލަތްތަކެކެވެ. އެހެންކަމުން މިއީ ތިންވަނަ ބޮޑުހަނގުރާމައޭ ބުނެވިދާނެއެވެ." 

އޭނާ ފާހަގަކުރެއްވި ގޮތުގައި ޢަސްކަރީ މި ކަންތައްތަކުގައި "ޗައިނާއާއި އިންޑިޔާއާއި ޕާކިސްތާނު ފަދަ ޤައުމުތައް ބައިވެރިއެއް ނުވެއެވެ." 

ޤަދީރޯވް ރަޝިޔާގެ ޓާސް ނޫސް އޭޖެންސީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޔޫރަޕްގެ ޤައުމުތަކުގައި ހިނގަމުންދާ ކަންތައްތަކަށް ބަލާއިރު އަހުރެމެންނަށް މި ހަނގުރާމައިގެ ސަބަބުން މި ޤައުމުތަކުގައި ގަޑުބަޑުތަކާއި މަސްއަލަތައް ހިނގަމުންދާތަން ފެނެއެވެ. ބައެއް އިސްވާރުންނާއި ކޮމާންޑަރުން އެބަ ދުރުކުރެވެއެވެ. އަހުރެމެން އެފަދަ ކަމެއް ނުކުރަމެވެ. އަހުރެމެން މި އުޅެނީ ހަމަހިމޭން ވެށްޓެއްގައެވެ. އަހުރެމެންގެ ރައީސް އާދައިގެ ގޮތުގެ މަތިން ބައްދަލުވުންތަކާއި އިޖްތިމާޢުތައް ދަނީ ބާއްވަވަމުންނެވެ. ރައީސް ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ކުރިން ވެސް ކަންތައްތައް ކުރައްވަމުންގެންދަވާ ގޮތަށް ހަމަހިމޭންކަމާއެކުގައެވެ." 

މި ދިޔަ ހަފުތާގައި ޝީޝާނުގެ ރައީސް ޤަދީރޯވް ހާމަކުރައްވައިފައިވާ ގޮތުގައި ޝީޝާނުގެ 21 ހާސް ހަނގުރާމަވެރިން ރޫސީ ޢަސްކަރީ ޚާއްޞަ ޢަމަލުތަކުގައި ބައިވެރިވެއެވެ. މި މީހުންގެ ތެރެއިން ނުވަ ހާސް ހަނގުރާމަވެރިން ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަނެއްކޮޅުން ބަލާއިރު، ޔުކްރޭނުގައި ހަނގުރާމަކުރަމުންދާ ރޫސީ ސިފައިންނާ ބައްދަލުކޮށްލެއްވުމަށް ޓަކައި ރަޝިޔާގެ ދިފާޢީ ވަޒީރު ޝްވިގޯ މިއަދު ވަނީ ޔުކްރޭނަށް ވަޑައިގެންފައެވެ.

ރޫސީ ދިފާޢީ ވުޒާރާގެ ޓެލެގްރާމުގައި ބަޔާންކޮށްފައި ވެއެވެ. "ރަޝިޔާއިން ޔުކްރޭނުގައި ދެމުންގެންދާ ޢަސްކަރީ ޚާއްޞަ ޢަމަލުތަކުގައި ހިތްވަރުގަދަކަމާއެކު ބައިވެރިވަމުންދާ ރޫސީ ސިފައިންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. ސިފައިންގެ ޤުރްބާނީތަކަށް ޓަކައި އޭނާ އެމީހުންނަށް އިނާމު ވެސް ދެއްވިއެވެ."

ރަޝިޔާއިން މިއީ ޢަސްކަރީ ޚާއްޞަ ޢަމަލުތަކެކޭ ބުންޏަސް ޔުކްރޭނާއި ހުޅަނގުން ބުނާގޮތުގައި މިއީ "މިއީ އެއްވެސް ބަހަނާއެއް ނެތް އިސްތިޢުމާރީ އުޞޫލުން ބިންތައް ހިފުމަށް ރަޝިޔާއިން ކުރާ ހަނގުރާމައެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *