ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ އަރިހަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް މިއަދު މެންދުރުފަހު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ދަތުރުފުޅެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ. އަދި މިއަހަރަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 28 އަހަރު ފުރޭ އަހަރުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގާތުން ގުޅިގެން މަސައްކަތްކުރުމާއި އަދި ދެޤައުމުން ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކުން ދޭދޭ ގުޅުންތަކާއި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެދޭކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދަނޑުވެރިކަމާއި މަތީ ތަޢުލީމާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންތައް ވަރުގަދަ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތަޢުރީފުކުރައްވައި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަކީ ދެ ޤައުމަށްވެސް އެކަމުގެ މަންފާކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި އިޤްތިޞާދު ސިންދަފާތު ކުރުންފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދެޤައުމުގެ އެންމެ އިސްވެރިންގެ ދަތުރުފުޅުތަކަކީ ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތަކަށް ގެންދިއުމަށް މަގު ފަހިވެގެންދާނެ މުހިންމު ކަމެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދިޔަ އަދި އަދި މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅުން ބަދަހިކުރުމަށް މަގުކޮށިގެންދާނެ މަޝްވަރާތަކެއްކަމުގައި ޔަޤީންކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސާއި ކެމްބޯޑިއާގެ ބޮޑުވަޒީރު މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ކެމްބޯޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށާއި މިހާރު ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކާއި އިތުރު ދާއިރާތަކުން ދެޤައުމުގެ ދެމެދު ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.



advertisment