ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެންދުރުގެ ރަސްމީ ފަރިއްކޮޅެއް ދެއްވައިފިއެވެ. މި ފަރިއްކޮޅު އޮތީ މިއަދު މެންދުރުފަހު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގައެވެ.
މި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި އަދި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދެ ޤައުމުގެ ދެމެދު ބޭއްވުނު ރަސްމީ ވާހަކަފުޅުތަކުގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ވިސާ ފެސިލިޓޭޝަން، ބައިލެޓަރަލް ކޮންސަލްޓޭޝަން، ހެލްތް ކޯޕަރޭޝަން، ޓޫރިޒަމް ކޯޕަރޭޝަން، ވިޔަފާރިއާ އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމު އެއްބަސްވުންތައް ދެޤައުމުގެ ދެމެދު ބަދަލުކޮށްފައިވެއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން އަކީ ރާއްޖެއަށް ޒިޔާރަތްކުރެއްވި ކެމްބޯޑިއާގެ ފުރަތަމަ ބޮޑުވަޒީރެވެ.



advertisment