Support Us

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ރަސްމީ ދަތުރުފުޅެއްގައި މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު މާލެއަށް ފައިބާވަޑައިގަތުމާއެކު، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި، ދިވެހިރާއްޖެއާއި ކެމްބޯޑިއާގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ކެމްބޯޑިއާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތަށްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ކެމްބޯޑީއާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާ އާ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކުރައްވައި، މި ދަތުރުފުޅާ ބެހޭގޮތުން ދެ ޤައުމުގެ އިސްވެރިން ގުޅިފައިވާ ބަޔާނެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖޭގައި އަރާމުކުރައްވާ ފޮޓޯތައް އެ މަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ޝާއިއުކުރައްވައިފައެވެ.

 

މި ދަތުރުފުޅަކީ، ކެމްބޯޑިއާ ސަރުކާރުގެ އިސްވެރިޔާ، ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *