ރަޝިޔާއިން ޔުކްރޭނުގެ ޑްނިޕްރޯ ސަހަރަށް އާދީއްތަ ވިލޭރޭ ޙަމަލާދިނުމަށް މޮސްކޯއިން ބޭނުންކޮށްފައިވަނީ ކޭ.އެޗް 22 މަރުކާގެ ކްރޫޒް މިސައިލެއް ކަމަށް ޔުކްރޭނުގެ ވައިގެ ބަރުތަކާބެހޭ ކޮމާންޑަރު މިކޮލާ އޮލްޝެކް ވިދާޅުވެއްޖެއެވެ.
މި ޙަމަލާގެ ސަބަބުން މީހުން ދިރިއުޅޭ ބޮޑު އުސް ޢިމާރާތެއްގެ ބުރިތައް ވެއްޓި ހަލާކުވިއެވެ. އެކަމުގެ ސަބަބުން 12 މީހަކު މަރުވެ ހަތްދިހަ އެތައް މީހަކު ޒަޚަމުވި ކަމަށް ޔުކްރޭނުން ބުންޏެވެ.
އޮލްޝެކް މިއަދު ހާމަކުރެއްވި ގޮތުގައި ޔުކްރޭންގެ ރަށްތަކަށް އިއްޔެ ޙަމަލާދިނުމަށް ޓަކައި ކޭ އެޗް 22 މަރުކާގެ ކުރޫޒު މިސައިލްގެ ފަސް މިސައިލް ފޮނުވައިލައިފައި ވެއެވެ. މި މިސައިލްތައް ފޮނުވައިލައިފައި ވަނީ ޓީޔޫ 22 އެމް 3 މަރުކާގެ ދުރު ރާސްތާ މަތިންދާބޯޓުތައް ބޭނުންކޮށްގެންނެވެ. މި ޙަމަލާތައް އައިސްފައި ވަނީ އާޒޯވް ކަޑުގެ ސަރަހައްދާއި ކޯރސްކް ސަރަޙައްދު ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ހަމަކުރެއްވި ގޮތުގައި ޑްނިޕްރޯގެ އުސް ޢިމާރާތަށް ޙަމަލާދިން މިސައިލް އައިސްފައި ވަނީ ޔުކްރޭނުގެ ކޯރސްކް ސަރަޙައްދު ތެރެއިންނެވެ.
ޔުކްރޭނުގެ ވައިގެ ބާރުތަކާ ބެހޭ ކޮމާންޑަރު ހާމަކުރެއްވި ގޮތުގައި މި ބާވަތުގެ މިސައިލް ވައްޓައިލެވޭނެ އެއްވެސް ހަތިޔާރެއް ޔުކްރޭން އަތުގައެއް ނެތެވެ. އޭނާ ވިދާޅުވިއެވެ. "ރަޝިޔާއިން ހަނގުރާމަ ފެށިފަހުން މި ބާވަތުގެ 210 މިސައިލް ބޭނުންކޮށްފައެވެ. މިއިން އެއްވެސް މިސައިލެއް ޔުކްރޭނަށް ވައްޓައިލެވިފައެއް ނުވެއެވެ. ޔުކްރޭން އަތުގައި ހުރި ވައިގެ ދިފާޢުތަކުން ވެސް އަދި މިސައިލުން ވެސް މި ބާވަތުގެ މިސައިލް ވައްޓައެއް ނުލެވޭނެއެވެ."
ކޭ އެޗް 22 ކުރޫޒު މިސައިލަކީ ކޮން ކަހަލަ މިސައިލެއް
ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މި މިސައިލްގެ ހަނގުރާމަ މަތީ ބޮލުގެ ބަރުދަނަކީ 950 ކީލޯގްރާމެވެ. މި މިސައިލްގެ ރާސްތާއަކީ 600 ކީލޯމީޓަރެވެ.
ޔުކްރޭނުން ބުނާގޮތުގައި ހުޅަނގުގެ އެކުވެރީން މިސައިލާ އިދިކޮޅު ޒަމާނީ މޮޅު ނިޒާމުތައް ޔުކްރޭނަށް ދީގެންނޫނީ ރަޝިޔާގެ މި ފަދަ ހަތިޔާރުތަކަށް ހުރަހެއް ނޭޅޭނެއެވެ. އެއީ ޕެޓްރިއެޓް ޕެކް ތިން ނިޒާމެވެ. ނުވަތަ ސެމްޕް ޓީ މަރުކާގެ ދިފާޢީ ނިޒާމެވެ. ރަޝިޔާއިން ބުނާގޮތގައި ޕެޓްރިއެޓް މިސައިލް ނިޒާމަށް އެ ޤައުމުގެ މިސައިލްތައް ވައްޓައެއް ނުލެވޭނެއެވެ. އެޢި ރަޝިޔާގެ މިސައިލްތަކަކީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ހަތިޔާރަކަށް ވާތީއެވެ. ނޭޓޯގެ އަމީން ޢާންމު ވިދާޅުވާ ގޮތުގައި ވަރަށް ކައިރި މުސްތަޤްބަލެއްގައި ޔުކްރޭނަށް ބަރު ހަތިޔާރު ފޮނުވައިދެވޭނެއެވެ. އެމެރިކާއިން މިހާރު ދަނީ ޔުކްރޭން ސިފައިންނަށް ޕެޓްރިއެޓް މިސައިލް ނިޒާމު ބޭނުންކުރުމާ ބެހޭ ތަމްރީންތައް ދެމުންނެވެ. މި ކަމަށް 90 ދުވަސް ބޭނުންވާނެ ކަމަށް އެމެރިކާއިން ބުނެއެވެ.



advertisment