އިސްރާއީލުގެ އައު ބޮޑުވަޒީރު ބުންޔާމީން ނަތަޔަންޔާހޫއާ ދެކޮޅަށް ތައްލު އަބީބާއި ޤުދުސާއި ޙައިފާ ފަދަ މުހިއްމު ރަށްތަކުގައި ރޭ ވަރަށް ބޮޑެތި މުޒާހަރާތަކެއް ބާއްވައިފިއެވެ. މި މުޒާހަރާތައް ބޭއްވީ އިސްރާއީލުގެ ޤަޟާއީ އިޖްރާއާތުތަކަށް ބަދަލުތަކެއް ގެނައުމުންނެވެ.
މުޒާހަރާގެ ބައިވެރީން ބުނިގޮތުގައި މިއީ އިސްރާއީލުގެ ދީމުޤްރަޠީ ނިޒާމު ގަޑުބަޑުކުރުމަށް ނަތަންޔާހޫ ގެންނެވި ބަދަލުތަކެކެވެ. ނަތަންޔާހޫ ވެރިކަމަށް ވަޑައިގެން އެކުލަވައިލެއްވި ކޯލިޝަނަކީ ހަރުކަށި ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޕާޓީތަކާއި ހަރުކަށި ޔަހޫދީ ދީނީ ޕާޓީތައް ހިމެނޭ ސަރުކާރެކެވެ.
މި ކޯލިޝަނަށް ބަރްލަމާނުގައި ލިބިފައިވާ އަޣްލަބިއްޔަތުގެ ބޭނުންކޮށްގެން ނަތަންޔާހޫ ވަޑައިގަންނަވަނީ ސުޕްރީމު ކޯޓުގެ އިޖްރާއާތުތަކަށް ބަދަލުތައް ގެންނަވަމުންނެވެ. އެއީ އޭނާއާ ދެކޮޅަށް ކޯޓުތަކުގައި ހުރި ފަސާދައިގެ މަސްއަލަތް ބާޠިލު ކުރެއްވުމަށް ޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެކެވެ.
އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަހްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި އިސްރާއީލުގެ މައި ތިން ސަހަރުގައި ރޭ ބޭއްވި މުޒާހަރާތަކުގެ ތެރއިން ތައްލު އަބީބުގައި ބޭއްވި މުޒާހަރާގައި އެކަނިވެސް 80 ހާސް މީހުން ބައިވެރިވިއެވެ. މި މުޒާހަރާގައި އިޙްތިޖާޖު ކުރަމުން ދިޔައީ ނަތަންޔާހޫގެ ސަރުކާރާއި ޖަސްޓިސް މިނިސްޓަރު ޔާރީފު ލެވިންގެ ރޭވުންތަކާ ދެކޮޅަށެވެ.
ރޭގެ މިޒާހަރާގައި ކުރީ ސަރުކާރުގެ ދިފާޢީ ވަޒީރު ގެންޓްސް ބައިވެރިވެ ވަޑައިގަތެވެ. އޭނާ މުޒާހަރާގައި ބައިވެރިވެ ވަޑައިގަތީ އެއް އަތްޕުޅުން އިސްރާއީލުގެ ދިދަ އަނެއް އަތްޕުޅުން ކުޑައެއް ހިއްޕަވައިގެންނެވެ. އޭނާ މި މުޒާހަރާގެ ބައިވެރީންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "އަހުރެން މި ނުކުމެ ހުރީ އިސްރާއީލުގެ ދީމުޤްރާޠީ ނިޒާމާއި ޤާނޫނު ޙިމާޔަތް ކުރުމަށްޓަކައެވެ."
މި މުޒާހަރާގައި ނަތަންޔާހޫގެ ސަރުކާރާ އިދިކޮޅު ޝިޢާރުތައް އުފުލައިފައިވެއެވެ. މުޒާހަރާ ކުރި މީހުން އުފުލި ފޮތިގަނޑެއްގައި ލިޔެފައި ވެއެވެ. "އަހުރެމެން މި ޙިމާޔަތް ކުރަނީ އަހުރެމެން އެންމެންގެ ވަޠަނެވެ." އެހެން ފޮތިގަނޑެއްގައި ލިޔެފައި ވެއެވެ. "ނަތަންޔާހޫއަކީ ޤާނޫނީ އިންޤިލާބެއް ގެންނާން އުޅޭ ކުށްވެރިއެކެވެ."
މި މުޒާހަރާގެ ބައެއް މީހުން އިސްރާއީލުގެ އަމްނާ ބެހޭ ވަޒީރު ބިން ޣަފީރަށް ގޮންޖަހައި ފަލަސްޠީނުގެ ދިދަ ވެސް ކޮންމެވެސް ވަރަކަށް އުފުލައިފައި ވެއެވެ.
މި މުޒާހަރާތަކާ ބެހޭ ގޮތުން ވެރިކަން ކުރާ ލީކޯޑް ޕާޓީގެ ބަރްލަމާނީ މެންބަރަކު އޭނާގެ ޓްވިޓަރު ލިޔުއްވިއެވެ. "ޢާންމު އިންތިޚާބު ބޭއްވުނުތާ ދެމަހާ ފޮއި ދުވަސް ފަހުން އެތައް މިލިޔަން ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުމެއްޖެއެވެ."
އިސްރާއީލުގެ އައު ސަރުކާރާ ބެހޭ ގޮތުން ޚިޔާލު ހޯދުމަށް ނެގުނު ފެންނަނުފެންނަ ވޯޓެއް ބުނާގޮތުގައި އިސްރާއީލުގެ ޢަލްމާނީންގެ 70 % މީހުން މި ސަރުކާރާމެދު ކަންބޮޑުވެއެވެ. އެމީހުން ކަންބޮޑުވަނީ ޙައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ޕާޓީތަކާއި ހަރުކަށި ދީނީ ޕާޓީތަކުގެ ބާރު މުޖްތަމަޢުގައި ވަރުގަދަވަމުންދާތީއެވެ. މިޑްލް އީސްޓް އައި އޮން ލައިން ސައިޓް ބުނާގޮތުގައި މި ކަމުގެ ސަބަބުން އިސްރާއިލުގެ ދީމުޤްރާޠީ މުޖްތަމަޢު ދަނީ ހަލާކުވަމުންނެވެ.



advertisment