އެތައް އެއްޗެހިތަކެއް ގޮވައި މުޅި ކިޔީވް މިއަދު އަނެއްކާވެސް ގުގުމައިގަންފިއެވެ. ޔުކްރޭނުގެ އިސް މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި ވެރިރަށް ގޮވަމުންދަނީ ރަށުގެ މުހިއްމު ބިނާރުތަކަށް ރަޝިޔާއިން ޙަމަލާތަކެއް ދިނުމުންނެވެ.
ޔުކްރޭނުގެ ރިޔާސީ އިދާރާގެ ނައިބު ރައީސް ޓިމޮޝިންކޯ އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ބަޔާނެއް ބުނާގޮތުގައި "ވެރިރަށުގެ ޙަޔަވީ ބިނާރުތަކަށް ރޫސީ ސިފައިން މިސައިލް ޙަމަލާތަކެއް މިއަދު ދީފިއެވެ. މި ޙަމަލާތައް އަދިވެސް ދަނީ ދެމުންނެވެ." ވެރިރަށުގެ މެޔަރ ކްލިޗްކޯ ވެރިރަށުގެ ރައްޔިތުންނަށް ބިންގަރާސްތަކަށް ވަދެ ނުނުކުމެ ތިބުމަށް އިލްތިމާސްކުރެއްވިއެވެ.
ސޮލިޑަރއާ ބެހޭ ވާހަކަތައް ފުށުއަރާ
އަނެއްކޮޅުން ޔުކްރޭނުގެ ޗީފް އޮފް ސްޓާފުގެ އޮފީހުން މިއަދު ހަވީރު ނެރުނު ރިޕޯޓު ބުނާގޮތުގައި ސޮލިޑަރަށް ޓަކައި ކުރެވޭ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. މި ރިޕޯޓުގައި އިތުރު ތަފްޞީލެއް ނުދެއެވެ.
އެހެނަސް ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި މި މަހު 12 ގައި ސޮލިޑަރ "މިނިވަންކޮށް" ނިމިއްޖެއެވެ. ރަޝިޔާގެ ބަޔާނުގައި މި ރަށް މިނިވަން ކުރީ ރޫސީ ސިފައިންނާއި ވެގްނަރ ހަނގުރާމަވެރީންގެ މަސައްކަތުން ކަމަށް ބުނެ ވެގްނަރ ހަނގުރާމަވެރީންނަށް ތާރީފުކޮށްފައި ވެއެވެ.
ޔުކްރޭނުގެ ލަޝްކަރުގެ އިރުމަތީ ކޮމާންޑުގެ ތަރްޖަމާނު ޗެރިވާޓީ ވިދާޅުވިގޮތުގައި ސޮލިޑަރގެ ޙާލަތު ވަރަށް ނާޒުކެވެ.
ޔުކްރޭނުގެ ދިފާޢި ވަޒީރުގެ ނައިބާ ގާނާ މަލްޔާރު އެއްބަސްވެ ވަޑައިގެންނެވިގޮތުގައި ރަޝިޔާއިން ދެމުންދަނީ ވަރަށް "ވަރުގަދަ" ޙަމަލާތަކެކެވެ. ޙާލަތު ވަރަށް ނާޒުކެވެ.
ފަރަންސޭސި ނޫސް އޭޖެންސީގެ ރިޕޯޓަރު ބުނާގޮތުގައި ސޮލިޑަރގެ އުތުރުގައި 25 ކީލޯމީޓަރު ދުރުގައި އޮންނަ ސިވަރަސްކް ސަހަރުގައި ބަޑީގެ ޙަމަލާތައް ބަދަލުކުރެވެމުން ދާ އަޑު އިވެއެވެ. މި ރަށުގެ މަގުމަތިން ވަރަށް މަދު ބަޔަކު ނޫނީ ނުފެނެއެވެ.އެ ރަށުގެ ބައެއް މީހުން ފްރާންސް ޕްރެސްގެ ރިޕޯޓަރަށް ބުނިގޮތުގައި "އަހުރެމެން މި ތިބީ ވަރަށް ބިރުންނެވެ. އެހެނަސް ދާނީ ކޮން ތާކަށް ހެއްޔެވެ؟ "އެމީހުން ބުނިގޮތުގައި "އަހުރެމެންގެ އާދޭހަކީ ޔުކްރޭން ސިފައިން އަހުރެމެން ދޫކޮށް ނުދިޔުމެވެ."
ރަޝިޔާއިން ދަނީ ޔުކްރޭނުގެ ތަފާތު މައިދާންތަކަށް ދެމުންގެންދާ ޙަމަލާތައް ވަރުގަދަކުރަމުންނެވެ. މި ކަމާވިދިގެން ޒަމާނީ މޮޅު ހަތިޔާރު ޔުކްރޭނަށް ދިނުމަށް ކިޔީވުން ހުޅަނގަށް މިއަދު އަލުން ގޮވައިލައިފިއެވެ. ޔުކްރޭނުގެ ރައީސް އޮފީހުގެ ޑިރެކްޓަރު ޓެލެގްރާމުގައި ވިދާޅުވިއެވެ. "މި ހަނގުރާމައިގައި މޮޅުވުމަށް ޓަކައި އިތުރު ބަރު ހަތިޔާރަށް ބޭނުންވެއެވެ. ދުރު ރާސްތާ މިސައިލަށް ވެސް ބޭނުން ވެއެވެ."
ޔުކްރޭނުން ބުނަމުންދާ ގޮތުގައި މިހާރު އެ ޤައުމަކީ "ޢަމަލީ ގޮތުން ނޭޓޯގެ މެންބަރެކެވެ."



advertisment