ޔުކްރޭނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ އެ ޤައުމުގެ ޗީފް ސްޓާފުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ އިއްޔެ ހަމަޖައްސަވައިފިއެވެ. ޗީފް އޮފް ސްޓާފު ގިރެސިމޯވަށް އެހީވެ ދެއްވުމަށް ޓަކައި ތިން ނައިބުން ވެސް އިސްކުރެވުނެވެ.
މި ތިން ނައިބުންގެ ތެރެއިން އެއް ނައިބަކީ މި ހުސްވި އޮކްޓޯބަރު މަހު ރަޝިޔާ ބާރުތަކުގެ ކޮމާންޑަރުކަމަށް އިސްކުރެވުނު ޖެނެރަލް ސޮރޮވިކިނެވެ. ރަޝިޔާގެ ވައިގެ ބާރުތަކުގެ ކޮމާންޑަރަކަށް ވެސް ހުންނަވާނީ އޭނާއެވެ.
ދެވަނަ ނައިބަކީ އެއްގަމު ސިފައިންގެ ވެރިޔާ ސެލިކޯވެވެ. ތިންވަނަ ނައިބަކީ ޗީފް އޮފް ސްޓާފުގެ ނައިބު އެލެކްސީ ކިމެވެ. ޔުކްރޭނުގެ ހަނގުރާމައިގެ ކަންތައްތައް ބެލެހެއްޓުމާ ބެހޭ އިސް ފަރާތްތަކަށް މި ބަދަލުތައް ގެނައީ ޔުކްރޭނުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވުމާއި އެހީ ފޮނުވުމާއި ވާގިވެރިވުމުގެ ފެންވަރު ރަނގަޅުކޮށް އަވަސްކުރަން ޖެހިފައިވާތީއާއި ޢަސްކަރީ ބާރުތައް ހިންގައި ބެލެހެއްޓުމުގެ ޤާބިލުކަން ހަރުދަނާކުރުމަށް ޓަކައި ކަމަށް ރޫސީ ދިފާޢީ ވުޒާރާއިން ބުންޏެވެ.
ޕޫޓިން ކަށަވެތިވެ ވަޑައިގަތުން
އަނެއްކޮޅުން ރޫސީ ރައީސް ޕޫޓިން ކަށަވަރުކޮށް ދެއްވާގޮތުގައި ރަޝިޔާއިން ދަނީ އެ ޤައުމުގެ ދިފާޢީ ބާރުތައް ވަރުގަދަކުރަމުންނެވެ. އަދި ޢަސްކަރީ ބާރުތަކަށް ބޭނުންވާ ކަންތައްތަކަށް އިޖާބަދެމުންނެވެ.
ޕޫޓިން މިއަހަރު ބޭއްވެވި ކެބިނެޓްގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ސިފައިންނަށް ބޭނުންވާ ހުރިހާ ކަންތައްތަކަކާއި ޔުކްރޭނުގައި ސިފައިން ކުރަމުންދާ ޚާއްޞަ މަސައްކަތަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދީ ހުރިހާ މަސްއަލަތަކެއް ޙައްލު ކޮށްދޭނަމެވެ."
ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި ރަޝިޔާގެ އިއްތިޙާދަށް އިތުރު ކުރެވުނު ސަރަޙައްދުތަކުގެ ބައެއް ހިސާބުތަކުގެ ޙާލަތު ވަނީ ރަނގަޅު ކުރަން ޖެހިފައެވެ."
ޕޫޓިން ވިދާޅުވި ގޮތުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ހުރިހާ ރޭވުންތަކެއް ހަމަޖެހިފައިވާ ގޮތަށް ތަންފީޒު ކުރެވެމުންދާނެއެވެ. ފިއްތުންތަކާއި ބިރުދެއްކުންތައް ހުއްޓަސް އެކަންކަމަށް ބޭނުންވާ މުއްސަނދިކަމާއި ތަނަވަސްކަން ރަޝިޔާއިން ވަނީ ޖާމިނުކޮށްފައެވެ. ރަޝިޔާގެ އަތުގައި މި ތަނަވަސްކަން އެބަ ހުއްޓެވެ.
ސޮލިޑަރ ހަނގުރާމަ
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ރޫސީ ސިފައިން މިހާރު ވަނީ އިރުމަތީ ޔުކްރޭނުގެ ސަހަރެއްކަމުގައިވާ ސޮލިޑަރ ޙިޞާރުކޮށްފައެވެ. ރޫސީ ސިފައިންނާއެކު ހަނގުރާމަ ކުރާ ވެގްނަރ ޖަމާޢަތުގެ ވެރިޔާ ހާމަކުރައްވާ ގޮތުގައި އޭނާގެ ސިފައިން ވަނީ މި އިސްތިރާތީޖީ ސަހަރު ހިފައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މި ސަހަރުން ޢާންމުން ވަނީ ބޭލިފައެވެ. އަދި ޔުކްރޭން ސިފައިންގެ ތެރެއިން އަމާން ނުދިން އެންމެން ވަނީ މަރައިލެވިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސޮލިޑަރ ސަހަރުގެ ހަނގުރާމައިގައި ޔުކްރޭން ސިފައިންގެ 500 މީހުން މަރުވިއެވެ.
އަނެއްކޮޅުން ރޫސީ ރިޔާސީ ތަރްޖަމާނު ބިސްކޯވް ވިދާޅުވާ ގޮތުގައި ވާހަކަދައްކައިގެން މަސްއަލަ ޙައްލު ކުރަން މޮސްކޯ އެދެއެވެ. އެހެނަސް ޔުކްރޭނުންނާއި ހުޅަނގުން ވާހަކަދެއްކުންތަކަށް މަގު ތަނަވަސްކޮށެއް ނުދެއެވެ. އެހެންކަމުން މި ވަގުތު ވާހަކަދެއްކުންތައް ނުބޭއްވޭނެއެވެ.
ޖައްވީ ދިފާޢުތަކާއި ޓޭންކްތައް
އަނެއްކޮޅުން ޔުކްރޭނަށް ލިބެމުންދާ އެހީތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި ލިޓްވޭނިޔާއިން ޔުކްރޭނަށް ވައިގެ ދިފާޢީ ނިޒާމުތަކާއި މަތިންދާބޯޓާ އިދިކޮޅު ބަޑި ވަރަށް އަވަހަށް ދޭނެއެވެ. މި ކަން ޒިލެންސްކީ ހާމަކުރެއްވީ ޔުކްރޭނުގެ ހުޅަނގުގެ ރަށެއްކަމުގައިވާ ލެވިވްގައި ލިޓްވޭނިޔާއާއި ޕޮލެންޑްގެ ރައީސުންނާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ. ޕޮލެންޑްގެ ރައީސް ހާމަކުރެއްވި ގޮތުގައި އެ ޤައުމުން ލެޕަރޑް މަރުކާގެ ޓޭންކް ޔުކްރޭނަށް ދޭނެއެވެ.



advertisment