Support Us

ޔުކްރޭނުގެ ސޮލިޑަރ ސަހަރު ހިފައިފި ކަމަށް ވެގްނާރ ސިފައިން ބުނެފި

ރަޝިޔާގެ ޢަސްކަރީ ޖަމާޢަތެއް ކަމުގައިވާ ވެގްނަރ ސިފައިން ޔުކްރޭނުގެ ސޮލިޑަރ ސަހަރު އެއްކޮށް ހިފައިފިކަމަށް މި ލަޝްކަރުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޖިން ވިދާޅުވެއްޖެއެވެ.

ރައީސް ޕޫޓިންގެ "ބޮޑު ކައްކާ"ގެ ނަމުން ހުޅަނގުގައި މަޝްހޫރުވެފައިވާ ޕްރިގޮޖިން (ފޮޓޯގައި) ވިދާޅުވާގޮތުގައި ޑޮނެސްކް ސަރަޙައްދުގެ މި އިސްތިރާތީޖީ ސަހަރު އޭނާގެ ސިފައިން ހިފުމަށްފަހު މިހާރު ދަނީ އެ ސަހަރުގައި ވިއްސިވިހާލިވެފައިވާ ޔުކްރޭނުގެ ސިފައިންކޮޅު އަތްފުނާ އަޅައި ހައްޔަރުކުރަމުންނެވެ.

ޕްރިގޮޖިން އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައިވާ ބަޔާނެއް ބުނާގޮތުގައި ވެގްނަރ ސިފައިންގެ ފައުޖުތައް މި ސަހަރު މިހާރު ވަނީ އެކަށް ހިފައި އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެހެނަސް އޭނާ ވިދާޅުވި ގޮތުގައި މި ސަހަރުގެ މެދުތެރޭގައި ޔުކްރޭނުގެ ސިފައިންކޮޅެއް ޙިޞާރު ކުރެވިފައި އެބަ ތިއްބެވެ. މި މީހުން އަމާން ނުދީފިނަމަ މި އެންމެން މަރައިލާނެއެވެ.   

ޑޮނެސްކްގައި އޮންނަ ރޫސީ ސަރުކާރަށް ތަބާވާ ވެރިކަމުގެ އިދާރާ ބުނާގޮތުގައި ވެގްނަރ ސިފައިން ސޮލިޑަރ ސަހަރު އެއްކޮށް ހިފުމަށްފަހު މިހާރު ދަނީ އަތްފުނާ އަޅައި ދުޝްމަނުންގެ ބާރުތައް ނައްތައިލަމުންނެވެ. 

އެހެނަސް ޔުކްރޭނުގެ ދިފާޢީ ވަޒީރުގެ ނައިބާ ވިދާޅުވާ ގޮތުގައި ސޮލިޑަރގައި ތިބި ޔުކްރޭން ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނަސް އެމީހުން އަދިވެސް ހަތިޔާރެއް ނުބަހައްޓައެވެ. 

ރަޝިޔާގެ މީޑިއާއިން ދުރަށް ދެއްކި ފޮޓޯތަކުން ފެންނަގޮތުގައި ވެގްނަރ ސިފައިންނާއެކު ޕްރިގޮޖިން ދަނީ އުފާފާޅު ކުރައްވަމުންނެވެ. މި ފޮޓޯތައް ނަގައިފައި ވަނީ ސޮލިޑަރގެ ބިންގަރާހެއްގައެވެ. ރަޝިޔާގެ ނޫސް އޭޖެންސީއެއް ކަމުގައިވާ ރިޔާ ނޮވުސްޓީ ބުނާގޮތުގައި މިއީ ލޮނު ވަޅެއް ކައިރީގައި ނަގައިފައިވާ ފޮޓޯތަކެކެވެ. 

ސޮލިޑަރަކީ ޑޮނެސްކްގެ ޞިނާޢީ ސަރަޙައްދުގައި ބަޚްމޫޓު ސަހަރާ 15 ކީލޯ މީޓަރު ދުރުގައި ވާ ރަށެކެވެ. ސޮލިޑަރުގައި 80 ވަރަކަށް މީޓަރު އަޑީގައި ލޮނާއި ބޯޓުދެލީގެ އެތައް ވަޅުތަކެއް ހުރެއެވެ. މި ބިންގަރާސްތަކުގައި ޓޭންކްތަކަށާއި އާޓިލަރީ އުޅަނދުތަކަށް ދަތުރުކުރެވޭނެ ބިންގަރަސް މަގުތައް އޮވެއެވެ. ސޮލިޑަރުގެ ވަށައިގެން ފަރުބަދަތައް ހުންނާތީ މިއީ ޑޮނެސްކާއި ލޮގަންސްކް ސަރަޙައްދު ގުޅުވައިދޭ ވަރަށް މުހިއްމު ވިޔުގައެކެވެ.

ޑޮނެސްކްގެ ރޫސީ ސަރުކާރުގެ ވެރިޔާ ޑެނިސް ބޮޝްލިން ވިދާޅުވާ ގޮތުގައި ސޮލިޑަރ މިނިވަން ކުރުމަކީ ޑޮންބާސް ސަރަޙައްދު މިނިވަން ކުރުމަށް ބޭނުންވާ މަގު އަމާންވުމެވެ.

ޔުކްރޭނުގެ ރައީސް ޒިލެންސްކީ ރަޝިޔާއިން ދޭ ޚަބަރުތަކަށް ކޮމެންޓް ކުރައްވާ ވިދާޅުވި ގޮތުގައި ޑޮނެސްކް މައިދާން އޮތީ  ވަރަށް ނާޒުކު ޙާލަތެއްގައެވެ. 

ޕެޓްރިއެޓް ނިޒާމު ބޭނުންކުރުމަށް ތަމްރީނު ދޭން ފަށައިފި

އަނެއްކޮޅުން ވޮޝިންގްޓަންގައި ހުންނަވާ ރޫސީ ސަފީރު އެނަޓޮލީ އެންޓިނޯވް ވިދާޅުވާ ގޮތުގައި އެމެރިކާގެ އޮކްލަހޯމާގެ ޢަސްކަރީ ބޭހެއްގައި ޔުކްރޭން ސިފައިންނަށް ޕެޓްރިއެޓް މިސައިލް ނިޒާމު ބޭނުންކުރުމަށް ތަމްރީނުތައް ދޭން ފެށުމަކީ ޔުކްރޭން ހަނގުރާމައިގައި އައު ނާޒީންނާއެކު ބައިވެރިވެ އެމެރިކާއާއި ނޭޓޯ ހަނގުރާމަ ކުރަމުންދާ ކަމުގެ ހެތްކެކެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޕެޓްރިއެޓް މިސައިލް ނިޒާމު ބޭނުންކުރުމަށް ދެވޭ ތަމްރީނުތައް މި އަންނަ ހަފުތާގައި ފެށޭނެއެވެ. މި ތަމްރީނުތައް ދެވޭނީ އޮކްލަހޯމާގެ ފޯރޓް ސެލް ބޭހުގައެވެ. ޕެޓްރިއެޓް މިސައިލް ނިޒާމު އެމެރިކާއިން ޔުކްރޭނަށް ދޭނީ މި ތަމްރީނުތައް ނިމުމުން ކަމަށް ޕެންޓަގަނުން ބުންޏެވެ. ޕެންޓަގަން ބުނާގޮތުގައި މި ތަމްރީނުތަކުގައި އެތައް މަހެއް ހޭދަކުރާން ޖެހޭނެއެވެ.ސީއެންއެން ބުނާގޮތުގައި ކުރިމަގުގައި އެމެރިކާއިން ޔުކްރޭނަށް ދޭ ހަތިޔާރުގެ ބާވަތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. 

ހަތިޔާރު ތަރައްޤީ ކުރުން ކުރިއަށްދާނެ

ހަނގުރާމައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރޫސީ ދިފާޢީ ވަޒީރު ޝްވިގޯ  ވިދާޅުވާ ގޮތުގައި ނިޔުކްލިޔަރ ތިނެވި ހަތިޔާރު ތަރައްޤީ ކުރުމުގައި މޮސްކޯ ކުރިއަށް ދާނެއެވެ. ރަޝިޔާގެ ބިމުގެ ސިޔާދަތާއި ސަލާމަތްތެރިކަން ޖާމިނު ކުރުމަށް ޓަކައި ހަނގުރާމައަށް ތައްޔާރުވެގެން އޮތުމުގެ ޙާލަތު މޮސްކޯއިން އަބަދުވެސް ދަމަހައްޓާނެއެވެ. ރޫސީ ދިފާޢީ ވުޒާރާގެ މަސްއޫލުވެރީންނާ ބައްދަލުކުރައްވަމުން ހާމަކުރެއްވި ގޮތުގައި ޙަމަލާދިނުމަށް ބޭނުންވާ ހަތިޔާރު ކޮށާރު ތަރައްޤީކޮށް ޒަމާނީ ކުރުމުގައި ރަޝިޔާ ކުރިއަށް ދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ދުޝްމަނުންނާ ކުރިމަތިލުމަށް ޓަކައި ވައިގެ ދިފާޢުތަކުގައި މަތިންދާބޯޓު ބޭނުން ކުރެވޭނެއެވެ. އަދި ސޫރިޔާއާއި ޔުކްރޭނުގެ ޢަސްކަރީ ޢަމަލުތަކުގެ ތަޖްރިބާތަކުގެ އަލީގައި ޢަސްކަރީ ހަތިޔާރުތަކާއި އުޅަނދުތައް ފަރުމާ ކުރެވޭނެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *