ޢާންމު ތަންތަނުން ފަލަސްޠީނު ދިދަ ނެގުމަށް އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު އިސްރާއީލުގެ ފުލުހުންނަށް އަމުރުކޮށްފިއެވެ.
އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރަކީ ހަރުކަށި ދީނީ ޕާޓީއެއްގެ ޒަޢީމެވެ. އޭނާ މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި އެ މިސްކިތަށް ވަދެފައެވެ.
ބިން ޣަފީރު ސިފަކުރި ގޮތުގައި ފަލަސްޠީނު ދިދަ އަކީ ނިރުބަވެރިކަމަށް ގޮވައިލާ ރަމުޒެކެވެ. އެހެނަސް އިސްރާއީލުގެ ޤާނޫނު ފަލަސްޠީނުގެ ދިދަ ބޭނުންކުރުން މަނައެއް ނުކުރެއެވެ.
އިސްރާއީލުގެ ހަރުކަށި ވަޒީރު ބުންޏެވެ. "ޤާނޫނާ ޚިލާފުވާ މީހުންނަށް ނިރުބަވެރިކަމުގެ ދިދަ ވިހުރުވޭނެ މަގު ތަނަވަސްކޮށެއް ނުދެވޭނެއެވެ." އޭނާ ބުނިގޮތުގައި ފަލަސްޠީނުގެ ދިދައަކީ ނިރުބަވެރިކަމަށް ހިތްވަރުދޭ އެއްޗެކެވެ. މިހެންވެ "އަހުރެން ވާނީ ފުލުހުންނަށް މި ދިދަ އިސްރާއީލުގެ ޢާންމު ތަންތަނުން ނަގަން އަމުރުކޮށްފައެވެ."
އިސްރާއީލުގެ ވަޒީރު މި ކަމަށް އަމުރުކުރީ އިސްރާއީލުގެ ޖަލުގައި ހުރި އެންމެ ދުވަސްވީ ފަލަސްޠީނުގެ އަސީރަކު މި ދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމުން އޭނާ ފަލަސްޠީނުގެ ދިދަ ނަގައި ވިހުރުވުމުންނެވެ. ޖަލުން ދޫކޮށްލި އަސީރު ކަރީމު ޔޫނިސް އޭނާގެ ރަށަށް ޢާރާއަށް ދިޔުމުން އެ ރަށުގެ މީހުން އޭނާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެއެވެ. މި ރަށަކީ އިސްރާއީލުގެ ފެހި ސަރަޙައްދުގެ ތެރޭގައި އޮންނަ ރަށެކެވެ.
އިސްރާއީލުގެ ބޮޑުވަޒީރުކަމަށް ނަތަންޔާހޫ އިސްވެވަޑައިގަތުމަށްފަހު އޭނާގެ ޙައްދުފަހަނަޅައިފައިވާ ކަނާތުފިޔައާއި ޔަހޫދީ ދީނީ ހަރުކަށި ޕާޓީތަކުގެ ކޯލިޝް ސަރުކާރުން ދަނީ ފަލަސްޠީނާ ދެކޮޅަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކާބެހޭގޮތުން ބައިނަލްއަޤްވާމީ އިންސާފު ކޯޓުގެ ރައުޔު ފާޅުކުރުމަށް ގޮވައިލާ އދގެ ޢާންމު ޖަމްޢިއްޔާއިން ޤަރާރެއް ފާސްކުރުމާވިދިގެން އިސްރާއީލުން ދަނީ ފަލަސްޠީނު ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އިސްރާއީލުން އެންމެ ފަހުން އެޅި ފިޔަވަޅުގެ ސަބަބުން ފަލަސްޠީނުގެ ޚާރިޖީވަޒީރަށް ބޭރަށް ވަޑައިގެންނެވުމަށް ދަތިފުޅު ވާނެއެވެ.
ބިން ޣަފީރު އެޅި ފިޔަވަޅުތަކުގެ ސަބަބުން އިސްރާއީލުގެ ބަރްލަމާނުގެ ޢަރަބި މެންބަރުންނަށް ފަލަސްޠީނުގެ އަސީރުންނާ ބައްދަލެއް ނުކުރެއްވޭނެއެވެ. ބިން ޣަފީރު ވަނީ ކަނީސަތުގެ ރައީސް އަމީރު އޫޙާނާ އަށް ކަނީސަތުގެ މެންބަރުންނަށް އަސީރުންނާ ބައްދަލުކުރުމުގެ ހުއްދަ ބާޠިލު ކުރުމަށް އަމުރުކޮށްފައެވެ.



advertisment