ފަރަންސޭސިވިލާތުގެ ހަފުތާ މަޖައްލާއެއް ކަމުގައިވާ ޝާރލީ އިބްޑޫގައި އީރާނުގެ ދީނީ ޒަޢީމު އާޔަތުﷲ ޚާމަނައީއަށް ފުރައްސާރަކޮށް ކުރެހުމެއް ޝާއިޢުކުރުމުން އީރާނުގައި ހުންނަވާ ފަރަންސޭސިވިލާތުގެ ސަފީރު އެ ޤައުމުގެ ޚާރިޖިއްޔާއިން ގެންގޮސް އިޙްތިޖާޖުގެ ނޯޓެއް ޙަވާލުކޮށްފިއެވެ. މި މަޖައްލާއިން އެ ކުރެހުން ޝާއިޢު ކޮށްފައި ވަނީ އިއްޔެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ވިދާޅުވިގޮތުގައި އީރާނުގެ ދީނީ ޒަޢީމަށް ފުރައްސާރަކޮށް ޝާއިޢުކުރި މި ކުރެހުމަކީ "ވަރަށް ބޭއަދަބީ" ޢަމަލެކެވެ. އޭނާ އިންޒާރުކުރެއްވި ގޮތުގައި އެކަމަށް "އީރާނުން ވަރަށް ކުރުންތެރި ވަރަށް ހަރުކަށި ރައްދެއް" ދޭނެއެވެ.
މި މަޖައްލާ ބުނާގޮތުގައި މިއީ އީރާނުގައި ހިނގަމުންދާ ސަރުކާރާ އިދިކޮޅު އިޙްތިޖާޖުތަކަށް ތާއީދު ކުރުމަށް ޓަކައި އެ މަޖައްލާއިން ބޭއްވި ކުރެހުމުގެ މުބާރާތަށް ހުށަޅުނު ކުރެހުމެކެވެ.އީރާނުގައި މި އިޙްތިޖާޖުތައް ފެށުނީ މި ދިޔަ ސެޕްޓެންބަރު މަހުގެ 16ވަނަ ދުވަހު މަހްސާ އަމީނީ ނަމަކަށް ކިޔާ އަންހެންކުއްޖަކު ހައްޔަރުކުރުމާއި މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމާ ވިދިގެންނެވެ. އީރާނުގެ ފުލުހުން މި ކުއްޖާ ހައްޔަރު ކުރީ ހެދުން އެޅުމުގެ ދީނީ އުޞޫލުތަކާ ޚިލާފުވެ މަގުމަތީ އުޅުމުންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޢަބްދުﷲޔާން އޭނާގެ ޓްވިޓަރުގައި ލިޔުއްވައިފައި ވެއެވެ. " އީރާނުގެ ސިޔާސީ އަދި ދީނީ މަރްޖިޢު ކަމުގައިވާ އާޔަތުﷲ ޚާމަނައީއަށް ފުރައްސާރަކޮށް ޝަރލީ އިބްޑޫ މަޖައްލާއިން ޝާއިޢުކުރި ކާޓޫނަކީ ވަރަށް އިހާނަތްތެރި ހުތުރު ކަމެކެވެ. މި ކަމަށް އީރާނުން ވަރަށް ވަރުގަދައަށް ރައްދުދޭނެއެވެ."
އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން ފަރަންސޭސި ސަރުކާރަށް ޙައްދު ފަހަނަޅައި ދިޔުމަށް ހުއްދަ ނެދޭނަމެވެ. އެ ސަރުކާރުން މި ވަނީ ނުބައި މަގެއް އިޚްތިޔާރުކޮށްފައެވެ."
ޚާއްޞަ ޢަދަދެއް
މި މަޖައްލާއިން މި ކާޓޫނުތައް ޝާއިޢުކުރީ އިއްޔެ ނެރުނު ޚާއްޞަ ޢަދަދެއްގައެވެ. އެއީ އީރާނުގައި ސަރުކާރާ ދެކޮޅަށް ހިނގަމުންދާ އިޙްތިޖާޖުތަކަށް ތާއީދު ކުރުމަށް މި މަޖައްލާއިން ބޭއްވި ކުރެހުމުގެ ޚާއްޞަ މުބާރާތެކެވެ. ހުޅަނގުގެ ވަރަށް ގިނަ ޤައުމުތަކުން ދަނީ އީރާނު ސަރުކާރާ ދެކޮޅަށް ފާޑު ކިޔައި ބާއްވަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް އެކަމަށް ވާގިވެރިވަމުންނެވެ.
މި މަޖައްލާއަކީ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނުތައް ކުރަހައި ޝާއިޢުކޮށްފައިވާ މަޖައްލާއެކެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން އިސްލާމީ ޤައުމުތަކުން ވަނީ އެ ކަން ކުށްވެރިކޮށް ފަރަންސޭސިވިލާތުގެ އުފެއްދުންތައް ބޮއިކަޓުކޮށްފައެވެ. މި ކަމާ ވިދިގެން 2015 ވަނަ އަހަރު ވަނީ މި ނޫހުގެ އޮފީހަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.



advertisment