އެމެރިކާގެ ފޯބިސް މަޖައްލާއިން ގިންތިކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރަކީ ދުނިޔޭގެ ބޮޑެތި މުއްސަނދީންނަށް (ބިލިޔަނޭރުންނަށް) ވަރަށް "ހިތްދަތި" އަހަރެކެވެ. މިގޮތުން 2021 ގައި އެމީހުންގެ ސާފު މުއްސަނދިކަމުގައި ހުރި 13.1 ޓްރިލިއަން ޑޮލަރު މި އަހަރު ވަނީ 12.7 ޓްރިލިއަން ޑޮލަރަށް މަދުވެފައެވެ. އެހެންކަމުން 2022 ގައި މުއްސަނދީނަށް މިވަނީ 400 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ.
މި ނިމޭ 2022 ވަނަ އަހަރުގައި ބިލިޔަނޭރުން ޢަދަދުވެސް ވަނީ މަދުވެފައެވެ. މިގޮތުން 2021 ގައި 2755 ބިލިއަނޭރުން ތިބިއިރު 2022 ގައި މި ޢަދަދު ވަނީ 2،668 ބިލިޔަނޭރުންނަށް މަދުވެފައެވެ. މި މަޖައްލާގެ ރިޕޯޓު ބުނާގޮތުގައި 2022 ގައި ބިލިޔަނޭރުންގެ ލިސްޓަށް އަލަށް 236 ބިލިޔަނޭރަކު އިތުރުވިއެވެ.
މި އަހަރު އެންމެ ބޮޑަށް ނުބައި އަސަރުކޮށްފައި ވަނީ ޗައިނާގެ ބިލިޔަނޭރުންނަށެވެ. ދުނިޔޭގެ މުއްސަނދީންގެ ލިސްޓުން ޗައިނާގެ 87 ބިލިޔަނޭރަކު އުނިވެގެން ދިޔައެވެ. އެއީ އެމެރިކާއިން ޗައިނާގެ ފަންނިއްޔަތުގެ ދާއިރާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ދެވަނައަށް އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ރަޝިޔާގެ މުއްސަނދީންނަށެވެ. ދުނިޔޭގެ މުއްސަނދީންގެ ލިސްޓުން ރަޝިޔާގެ 34 ބިލިޔަނޭރަކު އުނިވެގެން ދިޔައެވެ. ރަޝިޔާގެ ބިލިޔަނޭރުންނަށް ގެއްލުން ލިބުނީ ޔުކްރޭން ހަނރގުރާމައިގެ ސަބަބުން އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެހެނަސް 2022ގައި ހާހެއްހާ ބިލިޔަނޭރުން އެމީހުންގެ މުއްސަނދިކަން އިތުރުކޮށްފައިވާ ކަމަށް މި ރިޕޯޓު ބުނެއެވެ.
އަދިވެސް ދުނިޔޭގައި ބިލިޔަނޭރުން އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާގައި 735 ބިލިޔަނޭރުން އެބަ ތިއްބެވެ. މި މީހުންގެ މުއްސަނދިކަމުގެ ޖުމްލައަކީ 4.7 ޓްރިލިއަން ޑޮލަރެވެ. މުއްސަނދީން ދެވަނައަށް އެންމެ ގިނައީ ޗައިނާގައެވެ. ޗައިނާގައި ތިބި ބިލިޔަނޭރުންގެ ޢަދަދަކީ 607 އެވެ. މި މީހުންގެ މުއްސަނދިކަމުގެ ޖުމްލައަކީ 2.3 ޓްރިލިއަން ޑޮލަރެވެ.
ފޯބިސް މަޖައްލާއަކީ ދުނިޔޭގެ މުއްސަނދީންނާ ބެހޭ ގޮތުން ކޮންމެ އަހަރަކު އަހަރީ ރިޕޯޓެއް ތައްޔާރުކޮށް ޝާއިޢުކުރާ މަޖައްލާއެކެވެ. ޙިއްޞާ ބާޒާރަށް ބަލައިގެން ބިލިޔަނޭރުންގެ ލިސްޓު މި މަޖައްލާއިން ކޮންމެ ފަސް މިނެޓަކުން އައުކުރަމުން ދެއެވެ. އަދި އެމީހުންގެ ކުންފުނިތަކަށް ލިބެމުންދާ ފައިދާއާއި ގެއްލުމަށް ބަލައި ކޮންމެ ދުވަހަކު މި ލިސްޓު މުރާޖާ ކުރެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިޔަނޭރުން
1 ވަނަ: ބަރނަރޑް އަރްނޯ (ފަރަންސޭސިވިލާތް). މުއްސަނދިކަމުގެ ސާފު މިންވަރު: 180.9 ބިލިއަން ޑޮލަރު. ޢުމުރު: 73 އަހަރު
2 ވަނަ: އެލަން މާސްކް (އެމެރިކާ). މުއްސަނދިކަމުގެ ސާފު މިންވަރު: 146.5 ބިލިއަން ޑޮލަރު. ޢުމުރު: 51 އަހަރު
3 ވަނަ: ގައުޓަމު އަދާނީ (އިންޑިޔާ). މުއްސަނދިކަމުގެ ސާފު މިންވަރު: 127.6 ބިލިއަން ޑޮލަރު. ޢުމުރު: 60 އަހަރު
4 ވަނަ: ޖެފް ބީޒޮސް (އެމެރިކާ). މުއްސަނދިކަމުގެ ސާފު މިންވަރު: 108.5 ބިލިއަން ޑޮލަރު. ޢުމުރު: 58 އަހަރު
5 ވަނަ: ވޮރެން ބުފެޓް (އެމެރިކާ). މުއްސަނދިކަމުގެ ސާފު މިންވަރު: 106.3 ބިލިއަން ޑޮލަރު. ޢުމުރު: 92 އަހަރު
6 ވަނަ: ބިލް ގޭޓްސް (އެމެރިކާ). މުއްސަނދިކަމުގެ ސާފު މިންވަރު: 103.5 ބިލިއަން ޑޮލަރު. ޢުމުރު: 67 އަހަރު
7 ވަނަ: ލެރީ އެލިސަން (އެމެރިކާ). މުއްސަނދިކަމުގެ ސާފު މިންވަރު: 101.4 ބިލިއަން ޑޮލަރު. ޢުމުރު: 78 އަހަރު
8 ވަނަ: މޮކޭޝް އަމްބާނީ (އިންޑިއާ). މުއްސަނދިކަމުގެ ސާފު މިންވަރު: 89.5 ބިލިއަން ޑޮލަރު. ޢުމުރު: 65 އަހަރު
9 ވަނަ: ކާލޮސް ސަލީމު ޙުލްވު (އަޞްލު ލުބްނާނީއެއް/ މިހާރު މެކްސިކޯ). މުއްސަނދިކަމުގެ ސާފު މިންވަރު: 83.4 ބިލިއަން ޑޮލަރު. ޢުމުރު: 83 އަހަރު
10 ވަނަ: ސްޓީވް ބަލްމަރ (އެމެރިކާ). މުއްސަނދިކަމުގެ ސާފު މިންވަރު: 78.2 ބިލިއަން ޑޮލަރު. ޢުމުރު: 66 އަހަރު



advertisment