ހިންދީބަސް އިންޑިޔާގެ ވެރި ބަސްކަމުގައި ހައްދަވަން ބޮޑުވަޒީރު މޯދީ ނިންމެވުމާ ވިދިގެން އިންޑިޔާގެ އެތަންމިތާނގައި ރުޅިވެރިކަން ބޮޑުވެ ނުތަނަވަސްކަން އިތުރުވާން ފަށައިފިއެވެ. ދާރިސުންނާއި މުޙައްލިލުން ވިދާޅުވާގޮތުގައި އިންޑިޔާގެ މުޅި އާބާދީގެ ދެ ބައިކުޅަ އެއްބައިމީހުންނަށް ހިންދީއެއް ނޭނގެއެވެ. ހިންދީ ބަސް މައިބަހެއްގެ ގޮތުގައި ބޭނުން ނުކުރާ މީހުން ބުނާގޮތުގައި މިއީ އިންޑިއާގެ "އެހެނިހެން ބަސްތައް މަރައިލުމަށް ކުރެވޭ ބޭއިންސާފު" ޢަމަލެކެވެ.
އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހުނޫސް މި މަހުގެ 25 ވަނަދުވަހު ބުނިގޮތުގައި އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ ޕާޓީން އެ ޕާޓީގެ އިންތިޚާބީ އެޖެންޑާގެ ދަށުން މި ކުރާން އުޅޭ ކަމަކީ އިންޑިޔާގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކުގެ މީހުން އެކަމާ "ވަރަށް ބޮޑަށް" ދެކޮޅުހަދާ ކަމެކެވެ.
ޓެމިލްނާޑޫގެ ބޮޑުވަޒީރު ސްޓާލިން ދާދި މިދާކަށް ދުވަހު ދެއްވި ޚިޠާބެއްގައި ވިދާޅުވިއެވެ. "ބީޖޭޕީން މަސައްކަތް ކުރަނީ އެހެން ބަސްތައް މަރައިލާށެވެ. ހުރިހާ ކަމެއްގައި އެއް އުންމަތުގެ ސިޔާސަތު ގެންގުޅޭށެވެ. އަހުރެމެން އެންމެންގެ މައްޗަށް އެއް ބަހެއް ވެރިކުރުވާށެވެ."
700 ބަހާއި އެތައް ހާސް ބަހުރުވަތަކެއް އިންޑިއާގައި އެބަ އޮތް
އިންޑިއާއަށް ބަލާއިރު އެއީ ދުނިޔޭގައި އެންމެ ބަސްތައް ގިނަ ޤައުމެވެ. އެހެންކަމުން ބަހަކީ ދެބަސްވުން އުފެދިފައިވާ މަސްއަލައެކެވެ.
މޯދީގެ ވެރިކަމުގައި ހިންދީބަސް ޤައުމީ ބަސްކަމުގައި ހެދުމަށް ޓަކައި ދަނީ މަސައްކަތްކުރަމުންނެވެ. ސަރުކާރުގެ ހުރިހާ މުޢާމަލާތުތަކެއް ހިންދީބަހުން ކުރުމަށް ވަނީ އަންގައިފައެވެ. އިންޑިޔާގެ މަދުރަސާތަކުގައި ހިންދީބަސް ކިޔަވާ ދިނުން މަޖްބޫރުކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަމާ ދެކޮޅުހެދުމުގެ ސަބަބުން ސަރުކާރުން ވަނީ އެ ފިޔަވަޅު އެޅުމާ ދުރަށް ޖެހިލައިފައެވެ.
ބޮޑުވަޒީރު މޯދީގެ ރަސްމީ ހުރިހާ ޚިޠާބުތަކެއް ދެއްވަމުންގެންދަވަނީ ހިންދީބަހުންނެވެ. ކެބިނެޓްގެ ކަރުދާސްތަކުގެތެރެއިން 70% އަށް ވުރެ ގިނަ ލިޔުންތައް ތައްޔާރުކޮށްފައި ވަނީ ހިންދީބަހުންނެވެ. އިންޑިއާގެ ދާޚިލީ ވަޒީރު އަމީތު ޝާހު ވިދާޅުވާގޮތުގައި "އެއްބަހެއް އޮވެއްޖެނަމަ މުޅި ޤައުމު އެއްބައެއްވަންތަ ކުރެވޭނެއެވެ. މި ބަހަކީ ހިންދީބަހެވެ."
އިންޑިޔާގެ މަޝްހޫރު ބަސްވާރެއް ކަމުގައިވާ ނަރަޔާން ދޭވީ ވިދާޅުވާގޮތުގައި އިންޑިޔާގައި 700 ބަހާއި އެތައް ހާސް ބަހުރުވަތަކެއް އެބަ އޮތެވެ. މި ބަސްތަކުގެ މައްޗަށް "ހިންދީބަސް ވެރިކުރުވާން މަސައްކަތްކުރުމަކީ ވަރަށް ހެއްވާކަމެކެވެ.އަދި އެއީ ވަރަށް ނުރައްކާތެރިވެސް ކަމެކެވެ."
ދޭވީ ވިދާޅުވިއެވެ. "އިންޑިއާގެ ދިގު ތާރީޚުގައި އިންޑިއާ އިންޑިއާގެ ގޮތުގައި ދެމިއޮތީ ބަސްތައް ތަފާތުވުމުގެ ސަބަބުންނެވެ. އެއް ބަހެއްގެ ސަބަބަކުން ނޫނެވެ. ހުރިހާ ބަސްތަކެއް އިންޑިއާގެ ބިމުގައި ދެމިއޮވެގެންނޫނީ އިންޑިއާ އިންޑިއާއަކަށް ނުވާނެއެވެ."
ހިންދީބަހުން ވާހަކަދައްކަނީ އެންމެ 44% ހިންދީން
އިންޑިއާގައި އެންމެފަހުން 2011ގައި ނެގުނު ތަފާސްހިސާބުތައް ބުނާގޮތުގައި ހިންދީބަހުން ވާހަކަދައްކަނީ އެންމެ 44% މީހުންނެވެ. ދާރިސުން ވިދާޅުވާގޮތުގައި ހިންދީބަހހުގެ ތެރޭގައި ގުނޭ ތަފާތު 53 ބަސް އެބަ އޮތެވެ. އެހެނަސް މި ބަސްތައް ހިންދީބަހާ ތަފާތެވެ. މި ބަސްތައް އުވާލެވިއްޖެނަމަ ހިންދީބަހުން ވާހަކަދައްކާ މީހުންގެ ޢަދަދު 27% އަށް މަދުވެގެންދާނެއެވެ.
ހިންދީބަސް ވަޠަނުގެ ބަހަށް ހެދުމުގެ ފިކުރަކީ ހިންދީ ޤައުމިއްޔަތުގެ މި ޒަމާނުގެ ބައްޕަކަމުގައި ބީޖޭޕީން ދެކޭ ދާމޯދާރުގެ ލިޔުއްވުންތަކުގައި އައިސްފައިވާ ވިސްނުމެކެވެ. "ހިންދީ، ހިންދޫސިއްޔަތު، ހިންދުސްތާނު" މި ޝިޢާރުގެ ވެރިއަކީ އޭނާއެވެ. މި ޝިޢާރަކީ އިންޑިއާގެ ކަނާތު ފިޔައިގެ އޮއިވަރުގެ ޝިޢާރެވެ.
ހިންދީބަސް ވެރިކުރުމަށް ކުރެވޭ މަސައްކަތް
މި ހުސްވި އޮކްޓޯބަރުމަހު ދާޚީލީވަޒީރު ޝާހު އިންޑިއާގެ ޔުނިވަރސިޓީތަކަށާއި މަތީ ތަޢުލީމުދޭ މުހިއްމު މަރްކަޒުތަކުގައި ދެވޭ ތަޤްރީރުތަކާއި އިމްތިޙާނުތައް އިނގިރޭސިބަހުން ދިނުމުގެ ބަދަލުގައި ހިންދީބަހުން ދިނުމަށް ވަޞިއްޔަތްކުރައްވައިފައެވެ. ސަރުކާރުން ބުނާގޮތުގައި މި ގޮތަށް ޢަމަލު ކުރެވޭނީ ހިންދީބަހުން ވާހަކަދައްކާ ސްޓޭޓްތަކުގެ ތަޢުލީމީ މުއައްސަސާތަކުގައެވެ. މިކަމާ ދެކޮޅު ހަދާފަރާތްތައް ބުނާގޮތުގައި މި ފަދަ މުއައްސަސާތަކަށް އިންޑިޔާގެ އިރުމައްޗާއި ދެކުނުގެ ސްޓޭޓްތަކުގެ ދަރިވަރުން ވެސް ކިޔަވާން ދެއެވެ. އެ ދަރިވަރުންނަށް ހިންދީއެއް ނޭނގެއެވެ.
ޝާހުގެ ވަޞިއްޔަތާ ދެކޮޅުހެދުމުގެ ގޮތުން ޓެމިލްނާޑޫގެ ބަރްލަމާނުން ޤާރާރެއް ފާސްކުރިއެވެ. މި ޤަރާރު ތުހްމަތުކުރާ ގޮތުގައި ބީޖޭޕީން މަސައްކަތްކުރަނީ އެ ޕާޓީގެ ވެރިކަމުގެ ރަމްޒަކަށް ހިންދީބަސް ހެދުމަށެވެ.
ކެރެލާއާއި ކަރްނާޓަކާގެ ސިޔާސީ ޕާޓީތަކުން ވެސް ބީޖޭޕީގެ މި ސިޔާސަތާ ދެކޮޅު ހަދައެވެ.
އިންޑިޔާގެ ބައެއް ސިޔާސީ ޕާޓީތަކުން މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދާތި ބީޖޭޕީއިން މި ޕާޓީތަކުގެ ރުޅި މަތަކުރުމަށް މަސައްކަތް ކުރެއެވެ. އެ ޕާޓީ ބުނާގޮތުގައި އެ ޕާޓީގެ އަމަޒަކީ ބަސްތައް ނައްތައިލުމެއްނޫނެވެ. އެހެނަސް އިސްތިޢުމާރުގެ ބަސް (އިނގިރޭސި ބަސް) ނައްތައިލައި ޤައުމީ ބަސް ދިރުވުމެވެ.
އިދިކޮޅު ޕާޓީތައް ބުނާގޮތުގައި އިނގިރޭސިބަހަކީ އިންޑިއާގެ ނިޒާމުގެ ތެރެއަށް ވަރަށް ބޮޑަށް މޫ ފައިބާވާ ޢާލަމީ ބަހެކެވެ. ކޯޓުތަކުގައްޔާއި ބާޒާރުތަކުގައި ބޭނުންކުރަނީ އިނގިރޭސި ބަހެވެ. ބަވަނަވެފައިވާ ދުނިޔޭގައި އިންޑިއާގައި އިނގިރޭސިބަސް ފެތުރިފައިވުމަކީ އިންޑިއާއަށް ލިބޭ ޚާއްޞަ އިމްތިޔާޒެއް ކަމަށް އިދިކޮޅު ސިޔާސީން ވިދާޅުވެއެވެ. މި ބޭފުޅުން ވިދާޅުވާ ގޮތުގައި އިނގިރޭސިބަސް މަޑުމަޑުން ފުހެލައި ހންދީބަސް އެ މަޤާމަށް އުފުއްލުމަކީ ޢަމަލީ ކަމެއް ނޫނެވެ.
ބީޖޭޕީން ހިންދީބަސް ރަސްމީ ހަމައެކަނި ބަސްކަމުގައި ހަދަން އުޅޭތީ އިންޑިއާގެ ތަފާތު ސްޓޭޓްތަކުގައި މި ކަމާ އިދިކޮޅު ޙަރަކާތްތަކެއް ވަނީ ފެށިފައެވެ. ރާޖިސްތާނުން ފެށިގެން ހުޅަނގު ބަންގާޅާ ހަމައަށް މި ޙަރަކާތް ވަނީ ފެތުރިފައެވެ.
ހުޅަނގު ބަންގާޅު ބުނާގޮތުގައި ބަންގާޅީބަހަކީ އެމީހުންގެ ސަޤާފަތުގެ އަސާސެވެ.ބަންގާޅުބަސް ދިރުވުމަށް ޓަކައި ހުޅަނގު ބަންގާޅުގައި ވަނީ Bangla Pokkho ނަމުގައި ޙަރަކާތެއް ފަށައިފައެވެ. މި ޙަރަކާތް ފެށުނީ 2018ގައެވެ.



advertisment