އެމެރިކާ– ޗައިނާ ގުޅުންތަކުގައި ނުރައްކާތެރި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށް ޗައިނާގެ ޚާރިޖީވަޒީރު ވަންގް ޔީ ވިދާޅުވެއްޖެއެވެ.
ވީޑިއޯ މެދުވެރިކޮށް ބޭޖިންގް ގައި ބޭއްވެމުންދާ މަހާސިންތާއެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ޗައިނާއާ ބެހޭގޮތުން ގެންގުޅޭ "ނުބައި" ސިޔާސަތަކީ ޗައިނާ ބަލައިގަންނާނެ ސިޔާސަތެއް ނޫނެވެ.
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެއްވެސް ބާރެއްދެކެ ޗައިނާ ބިރެއް ނުގަންނާނެއެވެ. އަހުރެމެންގެ އަސާސީ މަޞްލަޙަތުތަކާއި ޤައުމީ ކަރާމަތު ޙިމާޔަތް ކުރުމަށް ޓަކައި ކެރިގެން ފިޔަވަޅު އަޅާނަމެވެ."
މި ހުސްވި ނޮވެންބަރު މަހު އިންޑޮނޭޝިޔާގައި ބޭއްވުނު ޖަމާޢަތް 20ގެ ސަމިޓްގެ ހަވާސާމަތީގައި ރައީސް ބައިޑްން ވަނީ ރައީސް ޝީ ޖިންގޕިނާ ބައްދަލު ކުރައްވައިފައެވެ. ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިޞްލާޙު ކުރެއްވުމަށް ދެ ރައީސުން މަސައްކަތްޕުޅުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ފަހަކަށް އައިސް ޗައިނާ- އެމެރިކާ ގުޅުންތައް ނުތަނަވަސްވަމުން ގޮސްފައި ވަނީ އެމެރިކާގެ ކޮންގްރެސްގެ ތިރިގޭގެ ރައީސާ ޕެލޫސީ ތައިވާނަށް ދަތުރުފުޅެއް ކުރެއްވުމާ ވިދިގެންނެވެ. ޗައިނާ ދެކޭ ގޮތުގައި މިއީ "އެއް ޗައިނާ" ސިޔާސަތާ އަރާރުންވާ ކަމެކެވެ. މި ޒިޔާރަތާ ވިދިގެން ޗައިނާއިން ދިޔައީ ތައިވާނާ ދެކޮޅަށް ޢަސްކަރީގޮތުން ޙަރަކާތްތެރިވަމުންނެވެ. އެމެރިކާއިން ތުހްމަތު ކުރާ ގޮތުގައި މިއީ ޗައިނާއިން ތައިވާނަށް އެރުމަށް ތައްޔާރުވާ ތައްޔާރުވުމެކެވެ.
އަނެއްކޮޅުން ޗައިނާ- ރޫސީ ގުޅުންތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވާންގް ވިދާޅުވިގޮތުގައި ޗައިނާ– ރަޝިޔާ އިސްތިރާތީޖީ ގުޅުން ދަނީ ދުވަހެއްދުވަހަކަށް ދޮންވެ ފައްކާވަމުންނެވެ. މި ގުޅަމަކީ ވަރަށް ވިލުންތެރި ގުޅުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ވާންގް ވިދާޅުވިގޮތުގައި ގުޅިފައިވާ މި އެއްބާރުލުމާއި އިސްތިރާތީޖީ އިތުބާރު މި އަންނަ އަހަރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. ޔުކްރޭން މަސްއަލައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތު ދިފާޢު ކުރައްވާ އޭނާ ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އަލިފާނަށް ތެޔޮ އޮއްސުމުގެ ސިޔާސަތު ޗައިނާއަކުން ނުގެންގުޅޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާގެ ސިޔާސަތަކީ ވަކި ފަރާތަކަށް ނުޖެހުމެވެ.



advertisment