ވޮޝިންގްޓަން ދަތުރުފުޅުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށާއި ލިބެމުންއައި މާލީ އެހީ އިތުރުވެގެންދާނެ ކަމަށް ޔުކްރެއިންގެ ރައީސް ޒިލެންސްކީ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގައި ވަރަށް ގިނަ އެއްބަސްވުންތަކެއް އެކުލަވައިލެވުނެވެ. މި އެއްބަސްވުންތަކާ ބެހޭ މަޢުލޫމާތު ވަގުތު ޖެހުމުން ހާމަކުރައްވަމުން ގެންދަވާނެކަމަށް ޒިލެންސްކީ ވިދާޅުވިއެވެ.
ޒިލެންސްކީ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ބައިޑްނަށް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ. ޒިލެންސްކީ ވިދާޅުވި ގޮތުގައި ރައީސް ބައިޑްން ހުންނެވީ ޔުކްރޭނަށް ނަސްރު ހޯއްދަވާދެއްވަން ޢަޒްމު ކަނޑައަޅުއްވައިގެންނެވެ. ޒިލެންސްކީގެ ވާހަކަފުޅުގައި އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހަށް ވެސް ވަރަށް ބޮޑަށް ޝުކްރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެ ދެ މަޖިލީހުގެ މެންބަރުން ތިއްބެވީ ކިޔީވަށް އެހީވެ ދެއްވާން ތައްޔާރަށެވެ.
އަނެއްކޮޅުން ރޫސީ ރައީސް ޕޫޓިން ޔުކްރޭނުގެ ރައީސް ވޮޝިންގްޓަނަށް ކުރެއްވި ދަތުރުފުޅު ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި މި ދަތުރުފުޅުން އެނގެނީ "ވޮޝިންގްޓަނާއި ކިޔީވް ޞުލްޙަ ބޭނުންނުވާ ކަމެވެ." އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއާއި ޔުކްރޭނުގެ އަމާޒަކަށް ވާނީ ހަނގުރާމަ ކުރިއަށް ގެންދިޔުމެވެ.
މި ކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގައި ހުންނަވާ ރޫސީ ސަފީރު ޓާސް ނޫސްއޭޖެންސީއަށް ވިދާޅުވި ގޮތުގައި އެމެރިކާއާ ރަޝިޔާއާ ދެމެދުގައި ސީދާ ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. އެމެރިކާއިން ޔުކްރޭނަށް ދޭން ނިންމައިފައިވާ ޕެޓްރިއެޓް މިސައިލް ނިޒާމު ރަޝިޔާގެ ޙަމަލާތަކުގެ އަމާޒަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކްރެމްލިން ބުނާގޮތުގައި އެމެރިކާގެ ސިޔާސަތަކީ ޖެއްސުން ކުރުމުގެ ސިޔާސަތެކެވެ. އެމެރިކާއާއި ރަޝިޔާއާ ދެމެދުގައި ހަނގުރާމައާ ބެހޭގޮތުން އެއްވެސް މުޢާމަލާތެއް ހިނގަމުން ނުދާކަމަށް ވެސް ކްރެމްލިނުން ބުންޏެވެ. ރައީސް ޕޫޓިނާ ރައީސް ބައިޑްންގެ ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ވެސް މޮސްކޯއިން ބުންޏެވެ.
މޮސްކޯއިން ބުނާގޮތުގައި މަސްއަލަ ޙައްލު ކުރެވޭނީ މޭޒުދޮށަށް ގޮސްގެންނެވެ. އެހެނަސް ރަޝިޔާއިން ފަށައިފައިވާ ޚާއްޞަ ޢަސްކަރީ މަސައްކަތް ނުނިމެނިސް ހަނގުރާމައެއް ނުހުއްޓޭނެއެވެ. މޮސްކޯއިން ބުނާގޮތުގައި "އަހުރެމެންނަށް ޒިލެންސްކީގެ ބޭކާރު ވާހަކަތަކުގެ އަޑު އިވިއްޖެއެވެ. މި ވާހަކަތަކުގައި ޙަޤީޤަތް ރިޢާޔަތްކޮށްފައެއް ނުވެއެވެ."
ރަޝިޔާ ބުނާގޮތުގައި ޔުކްރޭން އަތުން ހަތިޔާރުތައް ނިނގުޅައިގަތުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ވަރަށް ބޮޑަށް ކުރިއަށް ގޮސްފައެވެ.
ރަޝިޔާގެ ޚާރިޖިއްޔާގެ އުތުރު އެމެރިކާއާ ބެހޭ އިދާރާގެ ޑިރެކްޓަރު އެލެކްސަންޑަރ ޑަރްޗޭވް ވިދާޅުވާ ގޮތުގައި ރަޝިޔާއިން ކަނޑައަޅައިފައިވާ ޙާލަތަށް ރިޢާޔަތް ނުކޮށް ސަލާމަތީ ޖާމިނުވުންތަކާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެއެވެ. ޑަރްޗޭވް ޓާސް ނޫސްއޭޖެންސީއަށް ވިދާޅުވިއެވެ. "އެމެރިކާއާއި ނޭޓޯއާއި ހުޅަނގުގެ ޤައުމުތަކުން ޒިލެންސްކީގެ އިދާރާއަށް ދެމުން ގެންދާ ހަތިޔާރުތައް ދިނުމާއި އެމެރިކާއިން ޔުކްރޭނަށް ފޮނުވަމުންދާ ކުލީ ސިފައިން ފޮނުވުމާއި ޔުކްރޭނުގެ އައު ނާޒީންނަށް ދެމުންގެންދާ ޢަސްކަރީ ތަމްރީނުތައް ދިނުން ހުއްޓައި ނުލައި ސަލާމަތީ ޖާމިނުވުމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކޭނެއެވެ." ޑަރްޗޭވް ވިދާޅުވި ގޮތުގައި މީގެ އަހަރެއްހާ ދުވަސްކުރިން މޮސްކޯއިން ވޮޝިންގްޓަނަށް ވަރަށް ނަޒާހަތްތެރި ދެ އެއްބަސްވުމެއް ހުށައެޅިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއަށް މި ޚާއްޞަ ޢަސްކަރީ ޙަމަލާ ދޭން މަޖްބޫރުވީ ރަޝިޔާ ނައްތައިލައި ކުދިކުދިކޮށްލުމަށް އެމެރިކާއާއި ހުޅަނގުން ރޭވުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު މޮސްކޯއަށް އެމެރިކާއަށާއި ހުޅަނގަށް އިތުބާރު ކުރެވޭކަށް ނެތެވެ. މި އިތުބާރު ގެއްލުނީ އެމީހުންގެ ޢަމަލުތަކުންނެވެ.ޑަރްޗޭވް އެމެރިކާއަށް ގޮވައިލެއްވީ ހަމަބުއްދީގެ އަޑުއަހައި އެއަށް އިޖާބަ ދިނުމަށެވެ.
ޑަރްޗޭވް ތުހްމަތު ކުރެއްވި ގޮތުގައި މޮސްކޮ– ވޮޝިންގްޓަން ގުޅުންތައް ޚަރާބުކުރުމުގެ އާލަތް ޙަރަކާތް ކުރުވީ ވޮޝިންގްޓަނުންނެވެ. ރަޝިޔާއިން އިސްވެ މި ގުޅުންތައް ހަލާކުކޮށް ނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެނަސް ގަސްތުގައި ޖެއްސުންކުރަމުންދާއިރު މޮސްކޯއިން ވެސް ހަމަހިމޭނަކުން ނޯންނާނެއެވެ.
އެމެރިކާއިން ޔުކްރޭނަށް ޕެޓްރިއެޓް މިސައިލް ނިޒާމު ދޭތީ އެކަމާ ދެކޮޅަށް ރައީސް ޕޫޓިން ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "އެއީ ވަރަށް ބައު ނިޒާމެކެވެ. ރޫސީ އެސް 300 ނިޒާމަށްވުރެ ޕެޓްރިއެޓް ނިޒާމުގެ ފަހަލިކަން މާ ކުޑައެވެ. ޤާބިލުކަން މާ ދެރައެވެ." އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެ ގެންދެވޭއިރަށް އެ މިސައިލްތައް ހަލާކުކޮށްލާނަމެވެ.
އަނެއްކޮޅުން ރޫސީ ޗީފް އޮފް ސްޓާފް ވެލަރީ ގެރަމަސޯވް ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ފެށި ޢަސްކަރީ ޚާއްޞަ ޙަމަލާތަކުގައި ޔުކްރޭނުގެ 1300 ޙަޔަވީ ލަޑުދަނޑިއަށް ޙަމަލާދީ ހަލާކުކޮށްލެވިފައި ވެއެވެ.



advertisment