ކަސިޔާރު ކަމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ހަތަރު އަހަރު ހޭދަކުރައްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ހަތަރު އަހަރު ކުރީގައި އެމަނިކުފާނު ޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ޤައުމު އޮތް ޙާލަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެދުވަހު ޤައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ބިރުވެރިކަން ކަމަށާއި، އެ ދުވަހު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ސިޔާސީ ލީޑަރުން ތިއްބެވީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަތަރު އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ބަދަލަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަކުރުން ކަމަށާއި، ދެފުށް ފެންނަ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް، ދައުލަތް ބިނާވުން އޭގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީނުވެ، މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާޙައުލެއް ޤާއިމްވުމަށްވެސް އެދުވަހު ރައްޔިތުން ބޭނުންވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ހަތަރު އަހަރު ކުރިން އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވި މަސްއޫލިއްޔަތު ބިނާވަނީ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށެވެ. އަދި، އޭގެ ފެށުމަކީ އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު ގެނައުންކަމުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން ވެސް އާމްދަނީއާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، މި ހަތަރު އަހަރުގެތެރޭ ސަރުކާރަށް ހޯދިއްޖެކަމަށާއި، ޖީބަށްލުއި، ބާރުދުވެލީގައި ރަށްތައް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ތަޢާރަފް ކުރެވިއްޖެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެރޭ މާލޭގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާކަމަށާއި، އެ ހާދިސާއާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން ގެންދާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން ދަނީ އެތައް އަހަރަކުން އުފެދިފައިވާ، ތޮއްޖެހުމާއި މާލޭގެ ދިރިއުޅުމުގެ ދަތިކަމުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެއެވެ. އަދި މިގޮތުން ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެކަމަށާއި، ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކުން އެކަހެރި ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.



advertisment