މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، އެޔޫނިއަންގެ އިސްއެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސާއި އެބޭފުޅާއާއެކު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އައި.ޔޫ.ޔޫ.ގެ ރައީސް ޕްރޮފެސަރ އަލް-ގަބާނީ ވަނީ، އެޔޫނިއަންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެޔޫނިއަނުން ބާއްވާފައިވާ ކޮންފަރެންސް ތަކާއި ސެމިނާރތަކުގެ މަޢުލޫމާތު ހިމެނޭ ލުއިފޮތަކާއި، ޢުޘްމާނީ ޚިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައެވެ. އަދި އެޔޫނިއަންގެ ފަރާތުން ޚާއްސަ ހަނދާނީ ފިލައެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.
މިބައްދަލުވުމުގައި، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް ވަނީ އެ ޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މިނޮވެންބަރު މަހުގެ 24 އިން 27އަށް ބޭއްވުމަށް ހަމަޖެހިފައިވާ، ނުވަ ވަނަ "އޯ.އައި.ސީ. ހަލާލް އެކްސްޕޯ"ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދަޢުވަތު އަރުއްވާފައެވެ. އަދި އަންނަ އަހަރު މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން މިބައްދަލުވުމުގައި އައި.ޔޫ.ޔޫ އިން ވަނީ ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ޞިއްޙީ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މި އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެކަމަށް އައި.ޔޫ.ޔޫ އިން މަޢުލޫމާތު ދެއްވާފައިވެއެވެ.



advertisment