Support Us

ކުޑަހުސެންގެ ތައުލީމީ ސެޓްފިކެޓްތަކާއި އަގުހުރި އެތައް ސާމާނެއް އަޅައިފައި ހުރި ފޮށި ވަގަށް ގެންދާ މަންޒަރު (ވީޑިއޯ އިން ނަގައިފައި)

ކުޑަހުސެންގެ އަގުހުރި އެތައް ސާމާނެއް އަޅައިފައި ހުރި ފޮއްޓެއް ވަގުކަލޭގެ ގެންގޮސްގެން ހޯދަނީ

ކުރީގެ މަޝްހޫރު މެރަތަން ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމު (ކުޑަހުސެން)ގެ ތައުލީމީ ސެޓްފިކެޓްތަކާއި އަގުހުރި އެތައް ސާމާނެއް އަޅައިފައި ހުރި ފޮއްޓެއް، ގެ ބަދަލުކުރަން އުޅުމުގެ ތެރޭގައި މީހަކު ވަގަށް ނަގައިގެން ގެންގޮސްފިއެވެ. ވަގުކަލޭގެ އެ ފޮށި ހިފައިގެންދާ ވީޑިއޯ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ކުޑަހުސެއިންގެ އެފް.ބީގައި އޭނާ އިއްޔެ އެންމެ ފުރަތަމަ ބުނެފައި ވަނީ، މާލޭގައި އޭނާ ދިރިއުޅުނު ތަން، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 9.30 އިން ހަވީރު ފަހަކާ ދެމެދު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށެވެ. އޭނާގެ ޑިގްރީ ސެޓްފިކެޓްތަކާއި ޕީ.އެޗް.ޑީ ސެޓްފިކެޓްތަކާއި ހަ ހާޑްޑްރައިވާއި ޕާސްޕޯޓާއި ހަތަރު ގަޑި ލާފައި ވާނީ މެރޫން ކުލައިގެ ފޮއްޓަކަށް ކަމަށް ވެސް ހުސެއިން ބުނެފައިވެއެވެ.

ހުސެއިން ބުނެފައި ވަނީ މަގުމައްޗަށް ނެރެ، ސާމާނުތައް ޕިކަޕަށް އެރުވުމާއި ބޭލުމުގެ ތެރޭގައި އެ ފޮށި ކޮންމެވެސް މީހަކު ވަގަށް ނަގައިފައިވާ ކަމަށެވެ.

ހުސެއިންގެ ގެއަކީ ހެންވޭރު ތަނޑިރަތްމާ ގޯޅީގައި (ހ. ސީވީޑް ހުންނަ ގޯޅީގައި) ހުންނަ ހ. މެރަތަން އެވެ.

ހުސެއިންގެ އެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ބުނެފައި ވަނީ ހިސާބުގަނޑުގެ ކެމެރާތައް ބަލައިލުން ރަނގަޅު ކަމަށެވެ. އެއާއެކު ކެމެރާތައް ބެލުމުން، އެ ފޮށި ކުޑަކުޑަ ރެކްޝާއަކަށް އަރުވައިގެން މީހަކު ދާތަން ފެނެއެވެ. އެއީ ހުކުރު ދުވަހުގެ ހެނދުނު 11:52 ގައެވެ. ތުނބުޅިއެއް ލައިފައި ހުރި ވަގުކަލޭގެ ހުރީ ގޮޅިޖެހި އަތްދިގު ގަމީހަކާއި ފަޓުލޫނުބުރިއެއް ލައިގެންނެވެ.

އެ މީހާ ފޮށި ގެންދާ ފޮޓޯތަކާއި ވީޑިއޯތަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ހުސެއިން ބުނެފައި ވަނީ ފޮށިތެރޭގައި އޮތް ހަތަރު ގަޑީގެ ތެރެއިން 25،000ރ. ގެ އަގުހުރި ގަޑިއެއް، އެންމެ 1،000ރ. އަށް ވިއްކާލައިފައިވާ ކަމަށެވެ.

"އަހަރެން ހޯދަން މިއުޅެނީ ގަޑިތަކެއް ނޫން. އަހަރެން ހަމައެކަނި ބޭނުންވަނީ އަހަރެންގެ އޮލިމްޕިކް ހަނދާނީ އެއްޗެހިތަކާއި ހާޑް ޑްރައިވްތައް. ޕީއެޗްޑީ، މާސްޓާސް ޑިގްރީ އަދި ބެޗްލަރ ޑިގްރީ އާއި އެހެނިހެން ސެޓްފިކެޓްތައް ލިބޭނަމަ އެއީ ބޯނަސްއެއް،" ހުސެއިން ބުނެފައިވެއެވެ.

"ފުލުހުންނަށް އެނގޭ އޭނާގެ ނަމާއި އައި.ޑީ ކާޑާއި ހުރިހާ އެއްޗެއް. އެކަމަކު އޭނާ މިހާރު އުޅޭ ތަނެއް ފުލުހުންނަކަށް ވެސް ނޭނގޭ،" ހުސެއިން "އަދިވެސް"އާ ވާހަކަ ދައްކަމުން މިއަދު ބުންޏެވެ.

ހުސެއިން ބުނީ އޭނާގެ ގަޑި ވިއްކާލަން ގެންދިޔައީ ގަޑިހަދާ ރައްޓެއްސެއްގެ އަތަށް ކަމަށެވެ. އެތަނުން ގަޑި އަތުލާފައި މިހާރު އޮތީ ރައްޓެހި މީހާ އަތުގައި ކަމަށް ހުސެއިން ބުންޏެވެ.

"ގަޑިއެއް ނުލިބޭ އަދި އަހަރެންގެ އަތަކަށް،" ހުސެއިން ބުންޏެވެ.

މި ފޮށި ނުވަތަ ފޮށި ވަގަށް ނެގި މީހާ ފެނޭތޯ ހުސެއިންނާއި އޭނާގެ އެކުވެރިން ގެންދަނީ މާލެތެރެ އަތްފުނާ އަޅަމުންނެވެ. އެ މީހާއާ ބެހޭ މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ، 9995823 އަށް ގުޅައިދިނުމަށް ހުސެއިން އެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *