ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއީ މި މައްސަލައާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން މި މައްސަލައިގެ ބައެއް ތާރީޚްތައް ސާފުކޮށްދެއްވިއެވެ. ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ޙައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު އޭރުގެ ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާކޮށް، އޭރު އެއްބަސްވެފައިވަނީ ވެސް ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން ފާހަގަކުރައްވަމުން، މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މި މައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި ކަމާއި ވަކި ސަރުކާރަކާއެކު ނޫންކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށް އޮންނަ ކަމާއި އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާ ނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
އެހެން ނަމަވެސް މިކަންކަން މިހެން ހުރި ނަމަވެސް މި މައްސަލައިގައިވެސް ވަކި މީހެއް ނުވަތަ ވަކި ބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.



advertisment