Support Us

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސުލްޖުމްހޫރިއްޔާ

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި އަދި ރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. ދެޤައުމުގެ ދެމެދު އޮންނަ އަހަރުތަކަށް ދެމިގެންދާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ވަން ޗައިނާ ޕްރިންސިޕަލްއާއި ދެޤައުމުން އިސްކަންދޭ މުހިންމުކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށްކަމަށާއި ހަމައެހެންމެ، އެހެން ޤައުމުތަކުގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އިޙްތިރާމްކުރާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ އެހީގައި ކުރިޔަށްގެންގޮސްފައިވާ ބައެއް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުކަމުގައިވާ ސިނަމާލެ ފްލެޓްތަކުގެ މަޝްރޫޢާއި ހިޔާ ފްލެޓް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަރައްޤީގެ ރޮނގުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ވަން ލިޒިންއާއި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *