Support Us

ދަނޑުވެރިކަމުގެ ލޯނު ދެ މިލިއަން ރުފިޔާއަށް ބޮޑުކޮށްދެއްވާފައިވާ ކަމުގައި ރައީސް ވިދާޅުވެއްޖެ

ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު ދެ މިލިއަން ރުފިޔާއަށް ބޮޑުކޮށްދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި، ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ، ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ޤާނޫނުތަކަށް ގެނެވިފައި ހުރި ބަދަލުތަކުން ލާމަރުކަޒީ ނިޒާމްގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ އިޚްތިޔާރާއި ބާރު އޮންނަނީ ކައުންސިލްތަކަށް ކަމަށެވެ. އެހެންކަމުން ދަނޑުވެރިކަން ކުރަންބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގުމުއްދަތަކަށް، ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކޮށްދެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރައްވާ އެކިއެކި މަސައްކަތްތަކާއި ވަކިވަކި ފަރުދުންނަށް ދެ މިލިއަންރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ފެށިފައިވާކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެހެން ސިނާޢަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްވެސް ކުރަން އޮތް މަސައްކަތަކީ، މިކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ، މިދާއިރާއިން އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖޭގައި ފަސޭހައިން އުފެއްދެން ހުރި އުފެއްދުންތައް އުފައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް، އެބާވަތްތައް ހައްދާ ފަރާތްތަކުގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކޮށްދޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދެވިފައިވާކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭކަންވެސް ފާހަގަކުރައްވާފައެވެ.

ގައިންގަޔަށް ނާރާބަލިތައް އިތުރުވުމުގައި، ބޭނުންކުރެވޭ ކާނާ އެއީ ސަބަބަކަށް ވެދާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، އޯގަނިކް ފަރމިންގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ކުރިއަރާފައިވާ ޤައުމުތަކުން މިހާރު ބަދަލުވަމުން ދަނީ، އޯގަނިކް ފަރމިންއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް، މިކަމާއި ދޭތެރޭގައި ވިސްނުން ގެންގުޅުމަކީ މުހިއްމުކަމެއް ކަމަށާއި، އެހެން ނަމަވެސް ކުއްލިއަކަށް މުޅިން އޯގަނިކް ފަރމިންއަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. މިގޮތުން އެމަނިކުފާނު ވަނީ، ކުއްލިއަކަށް އޯގަނިކް ފަރމިންއަށް ބަދަލުވުމަށް ސްރީލަންކާއިން އެޅި ފިޔަވަޅާއި އެކު އެޤައުމުގެ އިޤުތިޞާދަށާއި ދަނޑުވެރިކަމަށް ވެގެން ދިޔަ ގޮތުން މިސާލު ނަންގަވާފައެވެ.

ދަނޑުވެރިންގެ ދުވަހާއި ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މިޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކާށިދޫއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަތާ ޒަމާންތަކެއް ވީ ރަށެއް ނަމަވެސް، ކާށިދޫގައި ޤައުމީ ފެންވަރުގައި މިފަދަ ދުވަހެއް މީގެ ކުރިން ފާހަގަކޮށްފައި ނެތްކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކާށިދޫގައި ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިންނަށް އޮތް ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ޖަލްސާގައި ވަނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނުވަ ފަރާތަކަށް ހަނދާނީފިލާ ދެއްވައިފައެވެ. އެފަރާތްތަކަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މީގެ އިތުރުން ޖަލްސާއަށް ފަހުގައި އޮތް، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *