"ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު" 11 އަހަރަށްފަހު މޯލްޑިވްސް މީޑިއާ ކައުންސިލުން އިސްލާހުކުރުމުން މީޑިއާތަކުން އެ ލިއުން މިއަދު އެންޑޯޒްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކަށައެޅި "ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑަ"ކީ 31 ޖަނަވަރީ 2011ގައި އެކުލަވައިލި މިންގަނޑެކެވެ. ނަމަވެސް ބައެއް މާއްދާތައް އިތުރުކޮށް އިސްލާހުކޮށްފައި ވަނީ އެޑިޓަރުންގެ މަޝްވަރާއާ އެކުގައެވެ.
އިސްލާހުކުރި، މި އަހުލާޤީ މިންގަނޑު މިއަދު ވަނީ 60 އަށްވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާއިން އެންޑޯޒްކޮށްފައެވެ. އޭގެ ތެރޭގައި "އަދިވެސް އޮންލައިން" ހިމެނެއެވެ.

"އަދިވެސް އޮންލައިން"ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެޑިޓަރ، މަރިޔަމް ރާނިޔާއެވެ.
މީޑިއާ ކައުންސިލުގެ ޤާނޫނު ބުނާ ގޮތުން ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަޚްލާޤީ މިންގަނޑަށް ތަބާވާ އަދި މި އަޚްލާޤީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެއެވެ. ޚަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް ޢަމަލު ކުރުމަށް އެއްބަސްވާންޖެހެއެވެ. ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާއި އޮންލައިން އަދި ނިއުމީޑިއާގެ ވަސީލަތްތަކުގައި މަޢުލޫމާތު ފަތުރާނީ މި މިންގަނޑާ އެއްގޮތަށެވެ.

ދިވެހި މީޑިއާ ފަންނުގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތައް ކަމަށް "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" ގައި ބަޔާންކޮށްފައި ވަނީ:
- އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
- އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން.
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން.
- ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން.
- ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން، މިއެވެ.
މިއަދު މި ސޮއިކުރި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑާ" އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެ މީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލުމަކީ މުހިއްމުކަމެއް ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.



advertisment