އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކު"ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
"ތްރީ ޖެނެރޭޝަން ވޯކު" އަކީ މަންމަ ބައްޕަ އަދި މާމަ ކާފައިން ހިމެނޭހެން ތިން ޖީލުގެ އާއިލީ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ހިނގާލުމެކެވެ. މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ވަލިފަންނު ސަރަޙައްދުން ފެށިގެން ސްޕޯޓްސް ޕާކަށެވެ.
ހިނގާލުން ނިންމަވާލެއްވުމަށްފަހު މެޑަމް ފަޒުނާ، އެ ޕާކުގައި ކުރިއަށްދިޔަ އާއިލީ ހަވީރަށް ވަޑައިގެން އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާ، ކުޑަކުދިންގެ ނެށުމުގެ ބައެއް އައިޓަމްތައް ބައްލަވާލެއްވިއެވެ. އަދި އެ އާއިލީ ހަވީރުގައި ބައިވެރިވި އެކި އުމުރުފުރާތަކުގެ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. މި ހިނގާލުމާއި އާއިލީ ހަވީރުގައި ފުވައްމުލައް ސިޓީގެ ގިނަ އަދަދެއްގެ އާއިލާތަކުން ތިން ޖީލުގެ މީހުން ބައިވެރިވެފައިވެއެވެ.
މި ހިނގާލުމާއި އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުހައްމަދު ދީދީ އަދި ފުވައްމުލައް ސިޓީ މޭޔަރ އިސްމާޢީލް ރަފީޤް ބައިވެރިވެވޑައިގަތެވެ.



advertisment