ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
އައި.އޭ.އެލް.އޭގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަޞީލަތްތައް ތަރައްޤީކޮށް ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ.
މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި މުއާހަދާގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުންބަދަހިވެގެންދިއުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެންދިއުން ހިމެނެއެވެ.
މީގެ އިތުރުން އެއިޑްސް ޓު ނެވިގޭޝަން، ޚާއްޞަކޮށް ފަރުބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި އަދި ފަރުބައްތީގެ މަޢުލޫމާތު އުޅަނދުފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެ ގޮތްތައް ފަހިވެ، މިކަންކަމުގައި ޤައުމުތަކަށް އެހީތެރިކަން ލިބިގެން ދިއުންވެސް މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މިއީ ކަނޑުގެ މާޙައުލު ޙިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅަކަށް ވެސް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment