Support Us

ބަހްރެއިން ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. 

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޙްރައިންގެ ރަސްގެފާނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބަޙްރައިންގެ ރަސްގެފާނު ވަކިން ބައްދަލުކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން ދެބޭ ފުޅުން އިތުރަށް މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބަޙްރައިނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބުރާސްފަތި ދުވަހު ވަނީ ދިވެހިރާއްޖެ އާއި ބަޙްރައިން އާއި ދެމެދު ހަތަރު އެއްބަސްވުމެއް ބަދަލުކުރައްވައި، ދެޤައުމުގެ އިސްބޭފުޅުން މަޝްވަރާކުރައްވައި، ރާއްޖެ އާއި ބަޙްރައިންގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި ބަޙްރައިންގެ ރަސްގެފާނު ބޭއްވެވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބުދަ ދުވަހު ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރ އަދި ބަޙްރައިންގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަޙްރައިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައި، ބަޙްރައިންގެ ބޮޑު ވަޒީރުގެ ނައިބު އަދި ބަޙްރައިން މުމްތަލަކަތް ހޯލްޑިންގ ކޮމްޕެނީގެ ޗެއަރމަން އާއި ބައްދަލު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްގައި، ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަޙްރައިން ޓެލެކޮމިއުނޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި، ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަރނެޓްގެ އަގު ހެޔޮކުރުމަކީ މިސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވައި، އެލަނޑުދަނޑިއަށް ވާޞިލްވުމަށް އެކުންފުނީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ބަޙްރައިންގެ ރަސްގެފާނުގެ އަނބިކަނބަލުން އަދި ބަަޙްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ރައީސާ، އަމީރާ ސަބީކާ ބިންތު އިބްރާހީމް އަލް ޚަލީފާ އާއި ބައްދަލު ކުރައްވާފައެވެ. އަދި ބަޙްރައިންގެ ސުޕްރީމް ކައުންސިލް އޮފް ވިމެންގެ ޖެނެރަލް ސެކްރެޓަރީއާ ބައްދަލުކުރެއްވުމުގެ އިތުރުން އެކަމަނާ ވަނީ ހުކުރު ދުވަހު ހެނދުނު، ކިންގް ޙަމަދު ޔުނިވަރސިޓީ ހޮސްޕިޓަލަށާއި، ބަޙްރައިން އިންސްޓިޓިއުޓް ފޯރ ޕަރލްސް އެންޑް ޖެމްސްޓޯންސްއަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ބަޙްރައިންގެ ޤައުމީ ދާރުލް އާޘާރަށާއި، ބައިތު އަލް ޤުރުއާން ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *