މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ.
ދެ ޤައުމުގެ ޚާރިޖީ ވަޒީރުން އިއްޔެ މިބަޔާން ދެއްވާފައި ވަނީ ބަޙްރައިންގެ ވެރިރަށް މަނާމާގައެވެ. މިނިސްޓަރ ޝާހިދު ބަޙްރައިނަށް ވަޑައިގަންނަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ބަޙްރައިނަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގައެވެ.
ގުޅިފައިވާ ބަޔާން ދެއްވަމުން ޝާހިދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި އިޤްތިޞާދު އަދި އިންވެސްޓްމަންޓް ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި އިޤްތިޞާދު ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުންނާ އަދި ވިޔަފާރިއާއި ދަތުރުފަތުރުގެ ޒަރީއާއިން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާކުރައްވާފައިވާ ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަޙްރައިންގެ ވަލީ އަޙްދު، އަދި ބޮޑުވަޒީރު ސަލްމާން ބިން ޙަމަދް އަލް ޚަލީފާއާ ބަޙްރައިން ސަރުކާރުގެ އިތުރު ބައެއް އިސްބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވަވާފައިވާ ކަމުގައި ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއާއި ބަޙްރައިނާ ދެމެދު އިއްޔެ ސޮއިކުރި ހަތަރު އެއްބަސްވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދު އެއަރ ސަރވިސް އެއްބަސްވުމެއް ޤާއިމުކުރުމާއި ބަޙްރައިންގެ ގްލޯބަލް ސީ-ޓު-އެއަރ ލޮޖިސްޓިކްސް ހަބުގައި ސީ-ޓު-އެއަރ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ހިމެނުމާއި ބަޙްރައިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑާޓާތަކުގެ ސިޔާދަތީ ބާރު، ރާއްޖެއަށް ދިނުމާ ގުޅޭ އެއްބަސްވުމާއި ބަޙްރައިން ޓުއަރިޒަމް އެންޑް އެގްޒިބިޝަން އޮތޯރިޓީން ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނަށް ސަބްސިޑީ ލިބުމުގެ ފުރުޞަތު އޮންނަ ގޮތަށް ބަޙްރައިން މޯލްޑިވްސް ޖޮއިންޓް ޓުއަރިސްޓް ޕެކޭޖް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާތައް ދެ ޤައުމުގެ މެދުގައި ކުރިޔަށްގެންދަވާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ރާއްޖެއާއި ބަހްރެއިނަ ދެމެދު އޮންނަ ގުޅުން އިތުރަށް ތަފްޞީލުކޮށްދެއްވަމުން ޝާހިދު ވިދާޅުވީ، ދެ ޤައުމުގެ ލީޑަރުންވެސް ޓެރަރިޒަމްގެ ހުރިހާ ޢަމަލެއް ކުށްވެރިކުރައްވާ ކަމަށާއި އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށާއި ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް ހުއްޓުވުމަށް އެއްޤައުމުން އަނެއްޤައުމަށް އެއްބާރުލުން ދޭކަމަށާއި މީގެ އިތުރުން ސައިބަރ ސެކިއުރިޓީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގައެވެ. އަދި، ރާއްޖެއާއި ބަޙްރައިނާ ދެޤައުމުން ވެސް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ވިޔަފާރީގެ މިނިވަންކަމާއި އަދި ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ޢަދުލުވެރި ޙައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން މަޝްވަރާތަކުގައި ފާހަގަކުރައްވާފައިވާ ކަމުގައި ޝާހިދު ވިދާޅުވިއެވެ.
އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 2023-2025 ވަނަ އަހަރުގެ ދައުރުގައި ދިވެހިސަރުކާރަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ބަޙްރައިންގެ ސަރުކާރުން އެ ކައުންސިލަށް މިހާރު ވާދަނުކުރަން ނިންމައިފައިވާ ނިންމުމަށް ޝާހިދު ތަޢުރީފުކުރެއްވިއެވެ. ޝާހިދުގެ ވާހަކަފުޅުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ބަޙްރައިނުން ހޭދަކުރި ތިން ދައުރުގެ ތެރޭގައި އެޤައުމުން ދެއްކި ހަރަކާތްތެރިކަމާއި ބިނާކުރަނިވި ގޮތެއްގައި ކުރި މަސައްކަތްތަކުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެ ޤައުމުން އިސްކަންދޭ މިންވަރު ހާމަވާކަމުގައި ފާހަގަކުރެއްވިއެވެ.
ޝާހިދު ދެއްކެވި ވާހަކަފުޅުގައި ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންއަށް ވަޑައިގެންނެވުމުން އެ ޤައުމުން ވިދާޅުވި ހޫނު މަރުޙަބާއަށާއި އަދާކުރައްވަމުން ގެންދަވާ ފުރިހަމަ މެޙެމާންދާރީއަށްޓަކައި ބަޙްރައިންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ވެރިއެއް ބަޙްރައިންނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ މިއީ ފުރަތަމަ ފަހަރުކަމުގައިވާތީ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ވަރަށް ޚާއްޞަ ޝަރަފެއްކަންވެސް ޝާހިދުގެ ފާހަގަކުރެއްވިއެވެ.
ޝާހިދު ދެއްވި ބަޔާން ނިންމަވާލައްވަމުން ބަޙްރައިންގެ ރަސްގެފާނަށާއި ވަލީއަޙުދު އަދި ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު އަރުވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، އިތުރު ހަރުފަތަކަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.



advertisment