Support Us

ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައިފި

ބަޙްރައިންގެ އިކޮނޮމިކް ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތްކުރައްވައި، ބަޙްރައިންގެ ބޮޑު ވަޒީރުގެ ނައިބު އަދި ބަޙްރައިން މުމްތަލަކަތް ހޯލްޑިންގ ކޮމްޕެނީގެ ޗެއަރމަން، ޝެއިޚް ޚާލިދު ބިން ޢަބްދުﷲ އަލް ޚަލީފާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ބަޙްރައިން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ބަޓެލްކޯ)އަކީ، ރާއްޖޭގެ އެންމެ ބޮޑު ޕަބްލިކް ކުންފުނި، އަދި ޓެލެކޮމް އޮޕަރޭޓަރު، ދިރާގުގެ މެޖޯރިޓީ ޙިއްޞާދާރުކަން ފާހަގަކުރައްވައި، އެއީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބަޙްރައިންގެ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑޭޓާތަކުގެ ސިޔާދަތީ ބާރު ރާއްޖެއަށް ދޭން ބަޙްރައިންއިން ނިންމި ނިންމުމަށް އެމަނިކުފާނު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19އަށް އިޖާބަދިނުމުގެ ގޮތުން ބަޙްރައިން އިން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ކުރިއަށް އޮތްތަނުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް ފުރުޞަތުތަކާއި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އީ.ޑީ.ބީއަށް ކުރެއްވި މި ޒިޔާރަތުގައި، އެތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ވަނީ އެމަނިކުފާނާ ޙިއްޞާކުރައްވާފައެވެ. ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑު، އީ.ޑީ.ބީއަކީ، އެޤައުމުގެ އިންވެސްޓްމެންޓްތައް ޕްރޮމޯޓްކުރުމަށާއި، އިންވެސްޓްމެންޓްތަކަށް ޝައުޤުވެރި ކުރުވައި، އިންވެސްޓް ކުރުމަށް ރަނގަޅު ފަހި މާޙައުލެއް ޤާއިމްކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލައި، އިންވެސްޓްމަންޓް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ އޭޖެންސީއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އީ.ޑީ.ބީއަށް ކުރެއްވި މިޒިޔާރަތަށް ފަހުގައި، ބަޙްރައިންގެ ބޮޑުވަޒީރުގެ ނައިބު ދެއްވި ރޭގަނޑުގެ ފަރިކޮޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *