ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓަރމިނަލް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބިނާކުރި މި ދެ ޕްރޮޖެކްޓް ހުޅުއްވައިދެއްވީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުކަމުގައި ވާއިރު، މިއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީ ކުރާމުން ދަނީ އެއަޕޯޓުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް ކަމަށެވެ. މިގޮތުން، ރަންވޭ އެޅުމުގެ މަސައްކަތާއި ފިއުލްފާމް ޤާއިމްކުރުމާއި ސީޕްލޭން ޓާރމިނަލްގެ އިތުރުން ޕެސެންޖަރ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތައް ކުރިޔަށްދިޔަ ގޮތުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ކުރެވުނު އެ މަސައްކަތަކީ ހިނގަހިނގާ އޮތް އެއަޕޯޓެއްގެ ތެރޭގައި އައު އެއަޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުން ދިޔައިރު އެއާޕޯޓުގެ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދެވުނުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުން އަންނަ ފްލައިޓްތައް ވެލާނާ އެއާޕޯޓުގައި ޖެއްސުމާ އެކު، ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ، ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމެންޓް ހިނގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް މިއަދު ހުޅުވުނު، އައު ސީޕްލޭން ޓަރމިނަލާ އެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، އެއާޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްޤީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސައިފައި ވަނީ، އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:20 ގައެވެ. އެ ފްލައިޓަށް މަރުޙަބާ ކިއުމުގެ ގޮތުން ވަނީ، ވޯޓަރ ސެލިއުޓެއް ދީފައެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާ އެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގައެވެ.
މިއަދު ހުޅުވުނު އައު ރަންވޭއަކީ، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ މިއަދު ބޭނުން ކުރަން ފެށުމާ އެކު ވެލާނާ އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު އަށަކުން 20 އަށްވުރެ މަތިވާނެ ކަމަށާއި އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް ދެ މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އައު ރަންވޭގެ އިތުރުން މިއަދު ހުޅުވުނު ނޫވިލު ސީޕްލޭން ޓާމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މި ޓަރމިނަލްއިން އެއް ވަގުތެއްގައި، 1،000 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. ސީޕްލޭން ޓަރމިނަލާއި އައު ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓަރަކްޝަން ގްރޫޕާ ހަވާލުކޮށްގެންނެވެ.



advertisment