ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކުރާ އަދަބީ ތިން މުބާރާތެއް އިއްޔެ ފަށައިފިއެވެ.
އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34ވަނަ ގައުމީ މުބާރާތާއި ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ ގައުމީ މުބާރާތުގައި މާލެއާއި 19 އަތޮޅަކުން ޖުމުލަ 1،293 ބައިވެރިން ވާދަކުރެއެވެ.
އެއީ:
- މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި 557 ބައިވެރީން
- ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި 545 ބައިވެރިން
- ޅެންހެދުމުގެ ގައުމީ މުބާރާތުގައި 191 ބައިވެރިން
މުބާރާތުގައި އިއްޔެ ގެންދިޔައީ އިސްކޫލުތަކުގެ ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތިއާއި އަމިއްލަ ފަރާތްތަކާއި އޮފީސް ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބަޔާއި ކޮލެޖު ޔުނިވަރސިޓީގެ ބައެވެ. މަތީ ސާނަވީ ދަރިވަރުންގެ އޭލެވެލް އިމްތިޙާން ފެށޭތީ، އެ ދަރިވަރުންނަށް މި މުބާރާތް އޮންނާނީ ނޮވެންބަރު މަހުގެ މެދުތެރޭގައެވެ.
މި މުބާރާތުގައި މާލޭގެ 15 އިސްކޫލަކުންނާއި ރާއްޖޭގެ އެހެން ކަންކޮޅުތަކުން 50 ރަށެއްގެ 57 އިސްކޫލަކުން ވާދަކުރެއެވެ. މިއީ މިހައިތަނަށް މިފަދަ މުބާރާތަކަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު ފަހަރު ކަމުގައި ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ދަރިވަރުން ވާދަކުރާ ފަހަރު ވެސް މެއެވެ.
މި މުބާރާތް މާލެ، އައްޑޫ، ފުވައްމުލައް އަދި ލ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދަނީ އެ ބައިވެރީން ތިބި ރަށެއްގައެވެ.



advertisment