ހއ. ދިއްދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ދިއްދޫގައި ހުންނަ އަތޮޅުގެ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ދިއްދޫ ކައުންސިލުން ވަނީ، ދިއްދޫގައި މިހާރުވެސް ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާކަމާއި އަދި، ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. ދިއްދޫގެ ތަރައްޤީއަށް ރައްޔިތުންބޭނުންވާ އިތުރު ކަންކަމުގެ ތެރޭގައި، ހއ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި، ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނެ ގޮތެއް ހޯދުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ދިއްދޫ އ.ތ.މ ކޮމިޓީން ވަނީ، އެކޮމިޓީ ހިންގުމަށް ހުރި އިދާރީ ދަތިތަކާއި، އަންހެނުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ ކަސްރަތު ޙަރަކާތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދިއްދޫ ކައުންސިލް އިދާރާއަކީ، ވަރަށް ގިނަ ދުވަސްވީ ޖާގަ ދަތި ޢިމާރާތެއްކަން ފާހަގަކުރައްވައި، ކައުންސިލްގެ ބަޖެޓުން ހޭދަކޮށްގެން، ކައުންސިލްއިދާރާގެ ޖާގަ ބޮޑުކުރުމަށް މަޝްރޫޢެއް ހިންގުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލް މެމްބަރުން ވަނީ، ދިއްދޫ ކައުންސިލްގެ އިޙްތިޞާޞާ ގުޅޭގޮތުންނާއި، ވެހިކަލް ފީ ކައުންސިލަށް ލިބެމުން ނުދާކަމާއި އަދި މާލީ ދަތިތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި، މިސަރުކާރު ވެރިކަމަށް އައިފަހުން، ކައުންސިލްތަކަށް ދެއްވާ ފައިސާގެ ޢަދަދު އިތުރުކުރައްވާފައިވާކަން ވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
ދިއްދޫގެ ކައުންސިލް މެމްބަރުންނާއި، އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެހިކަލް ފީ ކައުންސިލަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް، މަސައްކަތްކުރެވުންދާ ކަމަށެވެ. މީގެ އިތުރުން ކުނީގެ މައްސަލަ ޙައްލު ކުރުމަށް ކުނބުރުދޫގައި މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އެ މަސައްކަތް ނިމި ކުނި މެނޭޖްކުރެވޭނެ ވަޞީލަތްތައް ޤާއިމުކުރެވި އެ މަސައްކަތް ފެށުމަކީ ދިއްދޫގެ ކުނީގެ މައްސަލަޔަށް ޙައްލުތަކެއް ލިބިގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދިއްދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވެވި މިބައްދަލު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިއްދޫގައި ހުންނަ، ހއ. އަތޮޅު ހޮސްޕިޓަލަށާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.
ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަންކުރާ ރަށަށް ވުމާއެކު ރަށުގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގައިފައެވެ. އަދި މިހާރުވެސް ބައެއް މަޝްރޫޢުތައް ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ދިއްދޫގެ ބަނދަރުގެ މަސައްކަތާއި، އާ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫޢާއި، ޖޫނިއަރ ކޮލެޖާއި އިސްލާމިކް ސެންޓަރެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.



advertisment