މިހާރުން ފެށިގެން ވެސް ގްރީން ޓެކްސް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކުރިތާ ގިނަ އިރުތަކެއްނުވެ އެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.
ޤާނޫނު ނަންބަރު، 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް ގެނައި މައިގަނޑު އިސްލާޙަކީ، އެ ޤާނޫނުގެ 11 ވަނަ އިޞްލާޙުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެ ކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.
މީގެ އިތުރުން ވެސް މި ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމުގައި ވަނީ ބަޔާންކޮށްފައެވެ.
މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވި ޢަމަލުކުރަން ފެށިފައެވެ.



advertisment