ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެގޮތަށް އެދިވަޑައިގަތީ މިއަދު ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެކަމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުން މިއަދު ފަށްޓަވާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ބޯހިމެނުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާތަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެން އެމަނިކުފާނު ވަނީ ވަކިވަކީން އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ބޯހިމެނުން 2022ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް)ގެ ފަރާތުންނެވެ. މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްޞީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25ގެ ނިޔަލަށެވެ. މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



advertisment