Support Us

ދުވަސްވީ ކައިވެނިތައް ރޫޅިގެންދާ ސަބަބަކީ މިއީ!

ދިގު މުއްދަތެއްގެ ޒަވާޖީ ހަޔާތަކަށްފަހު ކައިވެނީގެ ގޮށްމޮހޭތަން ފެނެއެވެ. ދަރިން ބޮޑެތިވެ، އެ ދަރިންނާއެކު އެންމެ އުފަލުގައި އުޅެން އޮންނަ ދުވަސްވަރު މަންމައާއި ބައްޕަ ދެތަންވެއެވެ. މިވަނީ ކީއްހެއްޔެވެ؟ މިކަމުގެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟ ވަރަށް ގިނަ ސަބަބުތައް ހުންނާނެއެވެ. މިއީ އެންމެ އާންމު ހަ ސަބަބެވެ. އަދި އޭގެ ބައެއް ހައްލެވެ.

  1. ޚިޔާނާތްތެރިވުން

ބޭވަފާތެރިކަމަކީ ކައިވެންޏެއް ދެމިއޮންނަ ނަމަ އެއާ އެއް ފުރާވަރެއްގައި އޮންނަ އެއްޗެކެވެ. ޒުވާންކަމުގައި ވެސް އަދި އުމުރުން ދުވަސްވުމުގައި ވެސް ބޭވަފާތެރިންގެ ބޭވަފާތެރިކަމުގައި ތަފާތެއް ނޯވެއެވެ. ބޭވަފާތެރިން ވާނީ ބޭވަފާތެރިންނަށެވެ. ކޮންމެކޮންމެ ފަހަރަކު ބޭޒާރެއް ނުވާނެއެވެ. ގިނަ ދުވަސްވީ ކައިވެނިތަކުގައި ބޭވަފާތެރިކަމަކީ ބަލައިގަންނަ ކަމެއްނޫނެވެ.

ބާއްޖަވެރި ޒަވާޖީ ހަޔާތެއް ބޭނުންނަމަ ކައިވެނީގެ ބޭރުން ހިންގާ ނަހަމަ ގުޅުންތަކުން ދުރުވާން ޖެހެއެވެ. ފިރިމީހާއާއި އަނބިމީހާ ވެސް ވަފާތެރި ދެ މީހުންނަށް ވާންޖެހެއެވެ.

2. މެދު އުމުރުގެ ކްރައިސިސް

ކޮންމެ ޒަވާޖީ ހަޔާތެއްގައި ވެސް އުމުރުގެ މެދަކާ ހަމައަށް ދާ ދުވަސްވަރު މެދު އުމުރުގެ ކްރައިސިސްއާ ކުރިމަތިލާން ޖެހެއެވެ. އެއީ ކޮންމެ މީހަކަށްވެސް ނަފުސާނީ އަދި ޖިސްމާނީ ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ކްރައިސިސްއިން އަރައިގަނެވިއްޖެނަމަ ޒަވާޖީ ހަޔާތް ކާމިޔާބުވާނެއެވެ. ބޭނުންވަނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ލޯބި ދެމެހެއްޓުމެވެ.

މެދު އުމުރުގެ ކްރައިސިސް ކުރިމަތިވަނީ ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިގެންނެވެ. އުމުރުން ވަކި ވަރަކަށް ދުވަސްވުމުން ދާއިމީ ބަލިތަކަށް މީހާ ހުށަހެޅިގެންދެއެވެ. އަދި ބައެއް މީހުންގެ އަނބިފިރިކަމުގެ ގުޅުމަށް ވެސް އަސަރު ކުރެއެވެ. މިކަމުގެ ސަބަބުން ދެމީހުންނަށް ވެސް ނަފުސާނީ އުނދަގޫތަކަކާ ކުރިމަތިވެއެވެ. ދެބަސްވުން ގިނަވެ ލޯބިވުމާއި އަޅާލުމުގައި ފަރުވާ ކުޑަކުރާކަމުގެ ތުހުމަތު އިތުރުވެއެވެ. ޝައްކާއި ވަހުމުތައް ގިނަވެއެވެ.

މި ކަންކަމާމެދު ދެ މީހުންގެ މެދުގައި މަޝްވަރާ ނުކޮށް، އަދި ފަރުވާ ހޯދަން މަސައްކަތް ނުކޮށް އެކަކު އަނެކަކަށް ހަގީގަތް ސިއްރުކޮށް އޮޅުވާލައި ހަދާނަމަ މައްސަލަ ހައްލެއް ނުވާނެއެވެ.

މި މައްސަލައަށް އޮތް ހައްލަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކާ ވެސް ދެ މީހުން އެކުގައި ކުރިމަތިލުމެވެ. ނުކުޅެދުންތެރިކަމާއި ދާއިމީ ބަލިތަކާ ވެސް އެކުގައި ހަނގުރާމަކުރުމެވެ. މިއަދު ހަޔާތުގެ އެއް ބައިވެރިޔަކަށް ކުރިމަތިވެފައިވާ ހާލަތު މާދަމާ އަނެއް ބައިވެރިޔާއަށް ވެސް ކުރިމަތިވެދާނެކަން ގަބޫލުކުރުމެވެ. އެކަކު އަނެކަކަށް ހިތްވަރުދީ، އޯގާތެރިވެ، އަޅާލުމަކީ ކައިވެނި ބާއްޖަވެރިކުރުމަށް މުހިންމު ކަމެކެވެ.

މި ކްރައިސިސްގެ ތެރޭގައި މިކަމުގެ ހަގީގަތްތަކާއި މައްސަލަތައް ނޭނގި ތިބެ، އެއްވެސް މީހަކަށް ނުރަނގަޅު ފިޔަވަޅެއް އެޅިއްޖެނަމަ މަޢާފު ދީފައި ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެއެވެ. އެކަމަކު މަޢާފު ނުދެވޭ ވަރުގެ ކަންކަން ވެސް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. މެދު އުމުރުގެ ކްރައިސިސްގައި ގިނަ މީހުން ހަޔާތުގެ ބައިވެރިޔާއާ ވަކިވަނީ ދިމާވާ ހިތްދަތިކަމާއި ވޭނަށް ލުއި ހޯދުމަށެވެ. ލޯބި ނުވާތީއެއް ނޫނެވެ.

  1. އަމިއްލަ މިނިވަންކަން

އެކަކު އަނެކަކަށް މާ ބޮޑަށް ބަރޯސާވެފައިވާ މީހުން އުމުރުން ދުވަސްވަމުންދާ ވަރަކަށް މިނިވަންކަމަށް ލޯބިކުރުމަކީ އާންމު ކަމެކެވެ. ޚާއްޞަކޮށް އަންހެނުންނެވެ. ކުދިން ބޮޑެތިވުމުން މި މިނިވަންކަން ބޭނުންވާ މިންވަރު ބޮޑުވެއެވެ. ވަޒީފާތަކުގައި އުޅޭ އަންހެނުން އަމިއްލަ މިނިވަންކަމަށް ލޯބިކުރާވަރު އިތުރެވެ. އަދި ވަޒީފާތަކުގައި ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ އަންހެނުންގެ މެދުގައި މިނިވަންކަމުގެ ވަރުގަދަ ރޫޙެއް އޮވެއެވެ.

އަމިއްލަ ފުދުންތެރިކަން ބޮޑު ނުވަތަ ތަފާތުހުރި ދެމަފިރިއަކު ވެސް އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް އިހުތިރާމުކުރާނަމަ މި މައްސަލައެއް ނުނިކުންނާނެއެވެ. އެކަކު އަނެކަކު ދަށުލުމަށާއި އޭނާ ބަސް ފިރިމީހާ ނުވަތަ އަނބިމީހާގެ މައްޗަށް ވިކޭކަން އެހެން މީހުންނަށް ދެއްކުމަށް އެހެން މީހުން ކުރިމަތީގައި ހަޔާތުގެ ބައިވެރިޔާ "ކުޑަކޮށްލައި" ނިކަމެތި ކޮށްލާނަމަ ކައިވެންޏަށް ކިތަންމެ ދުވަހެއް ވިޔަސް ފުރުސަތެއް ފަހިވެގެންދާ ހިނދެއްގައި ހަޔާތުގެ ބައިވެރިޔާއާ ވަކިވާނެއެވެ.

މިކަމުގައި އޮތް ހައްލަކީ ތިމާގެ ޢިލްމީ ޤާބިލުކަން މަތިވުމުން ނުވަތަ މާލީ ފުދުންތެރިކަން ބޮޑުވުމުން އެކަމާ ފަޚުރުވެރިވެ އެކަން އެހެން މީހުންގެ ކުރިމަތީގައި ހާމަކޮށް ދެއްކުމުގެ ބަދަލުގައި ހަޔާތުގެ ބައިވެރިޔާއަށް ޤަދަރާއި އިޙުތިރާމުކުރުމެވެ. އޭނާއަށް ލޯތްބާއި އޯގާތެރިކަން ދިނުމެވެ.

  1. ވަރިއަށް ލަދު ނުގަތުން

ކުރިއާ ޚިލާފަށް މިހާރު ވަރިކުރުމަކީ ނުވަތަ ވަރިވުމަކީ ލަދުވެތިކަމަށް ނުވެއެވެ. ވަރިކުރުމަކީ އާންމުކަމެކެވެ. ދީނީ ޢަޤީދާގެ ސަބަބުން ނުވަތަ، ސަޤާފަތާ އިޖުތިމާޢީ އާދަކާދަ ނިޔާކުރި ގޮތުން ވަރިއާ ދުރުވެގެން ތިބި މީހުން ވެސް ކައިވެނި ދޫކޮށްލަނީއެވެ. ބައެއް މުޖުތަމަޢުތަކުގައި ވަރިކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މި މައްސަލައާ ގުޅިގެން ޤާނޫނީގޮތުން ފިޔަވަޅުތަކެއް އަޅާފައި ހުއްޓަސް އެކަމުގެ ސަބަބުން މައްސަލައަށް ހައްލެއް ނުލިބެއެވެ. ވަރީގެ އަދަދުތައް ދަށެއް ނުވެއެވެ.

ކައިވެނިތައް އިތުރުވެ، ކައިވެނީގެ ހުރުމަތް ކެނޑުނު ވަރަކަށް ވަރި ގިނަވާނެއެވެ. ކައިވެނިތައް ކުރެވޭ ގޮތް ހަރުދަނާ ވެގެން ނޫނީ ވަރި މަދެއް ނުވާނެއެވެ. އަދި ކައިވެންޏާމެދު ދެކޭގޮތް ބަދަލު ނުވަންޏާ ވަރިއާ މެދު މީހުން ދެކޭ ގޮތެއް ވެސް ބަދަލެއް ނުވާނެއެވެ.

  1. ސަބަބުގެ ހުސްކަން

ބައެއް ކައިވެނިތައް ދިގު ދެމިގެންދަނީ ލޯބީގެ ސަބަބަކުން ނޫނެވެ. އޭގެ ބަދަލުގައި އެހެން ސަބަބުތަކާ އެކުގައެވެ. އޭގެ ތެރޭގައި އެއް މިސާލަކީ ދަރިންނަށް ޓަކައި ދަމަހައްޓާ ކައިވެނިތަކެވެ. އެ ދަރިން ބޮޑެތިވުމުން ކައިވެނި މަތީގައި ތިބެންވީ ސަބަބެއް ނޯވެއެވެ. ދެން އޮންނަނީ ވަރިއެވެ.

މި ހާލަތަށް ގިނަ ވެއްޓެނީ ކައިވެނި ކުރާއިރު ބަލަންވީވަރަށް ނުބެލުމާއި ވިސްނަންވީ ވަރަށް ނުވިސްނާތިއެވެ. ކުރިމަތިވާ މަޖުބޫރީ ހާލަތަކަށް ޓަކައި ކުރެވޭ ކައިވެނިތައް އެ ހާލަތު ނިމުމަކަށް އައުމުން ކައިވެންޏަށް ކިތަންމެ ދުވަހެއް ވިޔަސް ބަދަޖަހަންފަށައެވެ. މިކަމުގައި އޮތް ހައްލަކީ ކައިވެނި ކުރާއިރު ކައިވެނި ކުރުމުގެ މަތިވެރި މަޤްޞަދު ހަނދާން ނައްތާނުލުމެވެ. ކޮންމެ ސަބަބަކާހުރެ ކައިވެނި ކުރިކަމުގައި ވިޔަސް ލޯތްބާއި ކުލުނާއި އޯގާތެރިކަން ބަދަހިކޮށްގެން ކައިވެނި ބާއްޖަވެރިކުރުމެވެ.

  1. ރިޓަޔަރމަންޓާއި ވަރި

ދިރިއުޅުމުގައި ދެމަފިރިއަކު ކުރާ ކަމަކީ ދަރިން ތަރުބިއްޔަތުކުރުމާއި ގެދޮރު ބިނާކުރުމާއި ކެރިއަރއެއް ބިނާކުރުމެވެ. މިއިން ކޮންމެ ކަމެއްގައިވެސް ދެ މީހުން ލަނޑުދަނޑިތައް ތަފާތުވެދާނެއެވެ. ވަޒީފާއިން ރިޓަޔަރ ކުރާއިރު ހާސިލުވެފައިވާ މިންވަރާމެދު ލިބޭ މާޔޫސްކަމުގެ އަސަރު ކައިވެންޏަށްކުރެއެވެ.

ރިޓަޔަރ ކުރުމަށް ފަހު އެކުގައި މާ ގިނަ ވަގުތު ހޭދަކުރަން ފުރުސަތު ލިބުމުން އުފެދޭ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތަކުން ވެސް ކައިވެންޏަށް އަސަރުކުރެއެވެ. އުމުރުން ދުވަސްވުމުން ދީނީ ސަބަބުތަކެއް ދެއްކުމަށްފަހު ބައެއް މީހުން ވަކިން ދެމަފިރިން ދިރިއުޅެއެވެ. ރާއްޖޭގައި ޙައްޖުފަދަ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އަނބިން ފިރިންނާ ދުރުވެ އެއް ގެއެއްގައި ވެސް ވަކިން ދިރިއުޅެއެވެ. މިކަހަލަ ކަންތައްތަކުގެ ސަބަބުން އެ ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯބީގެ ވާފަށް ހިމަވަމުންގޮސް ކެނޑިދެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *