Support Us

ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން މި ދައުރު ނިމޭއިރު ޙައްލުކޮށްދެވޭނެ: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ސަރުކާރުގެ މި ދައުރު ނިމޭއިރު ޙައްލުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މ. ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ރާއްޖޭގެ 115 ރަށެއްގައި ހިނގަމުންދާކަން ފާހަގަކުރައްވައި އޭގެ ތެރެއިން 38 ރަށެއްގެ މަސައްކަތް ނިމި އިތުރު ރަށްރަށުގެ މަސައްކަތްތައް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވޭވަށަކީ މަސްގަނެ މަސް ކައްކާ ވިއްކުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެއް ނަމަވެސް މިހާތަނަށް އައިއިރު އެ މަސައްކަތަށް ފަހިވާގޮތަށް ބަނދަރެއް ހެދިފައި ނެތްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބާދީ ކުދި ރަށްރަށަށް ކުރިމަތިވާ ގޮންޖެހުންތައް ވޭވަށަށް ވެސް ކުރިމަތިވާކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި ދިވެހިރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ޤާޢިމުކޮށްދޭންޖެހޭ އަދި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުން ކަމުގައެވެ. ވޭވަށުގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތްވިޔަސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ސަރުކާރުގެ ޕްލޭނާއެކު ކުރިޔަށްގެންދަވާނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވޭތުވެދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ވޭވަށުގެ ތަރައްޤީއަށް ޚަރަދުކުރީ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާކަން ފާހަގަކުރައްވައި ވިދާޅުވީ މި ސަރުކާރުން މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެކަނިވެސް ވޭވަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމުގައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް އަދި ވަކި ވިސްނުމެއްގެ ބަޔަކު ބާކީ ނުކޮށް ތަރައްޤީގެ ކަންކަން ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

ވޭވަށު ބަނދަރު ހެދުމުގެ މަޝްރޫއު ކުރިޔަށްގެންގޮސްފައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. މިމަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 294މީޓަރުގެ އެއްގަމުތޮށި އަދި ބޮޑު ހިލަޖަހައިގެން 374 މީޓަރުގެ ބޭރުތޮށިލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާފައިވެއެވެ. މިމަޝްރޫއުގެ އަގަކީ، 48.4 މިލިޔަން ރުފިޔާއެވެ.

މި ރަސްމިއްޔާތުގައި ވޭވަށު ބަނދަރު ރަސްމީގޮތުން ވޭވަށު ކައުންސިލާ ހަވާލުކުރުން ވެސް އޮތެވެ. ރައީސުލްޖުމްހޫރިއްޔާ ވޭވަވަށަށް ވަޑައިގެންފައި ވަނީ އެމަނިކުފާނު މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *