Support Us

ޖަލަށްލާ ކޮންމެ މީހަކީވެސް އަނބުރާ މުޖުތަމަޢަށް ގެންދެވޭނެ މީހެއް ކަމުގައި ހަދަންޖެހޭ: ފައިސަލް

ޖަލަށް ގެންދާ ކޮންމެ މީހަކީވެސް، ރިހިބިލިޓޭޓްކުރެވި އަނބުރާ މުޖުތަމަޢަށް ގެންދެވޭނެ މީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޤައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޤައިދީންނާ މެދު ދެކެން ޖެހޭނީ އަދި ބަލަންޖެހޭނީ އިޙްތިރާމާއި އިޙްސާންތެރިކަމާ އެކު މަސައްކަތްކޮށް އަނބުރާ މުޖުތަމަޢަށް ނެރެވޭނެ މީހެއްގެ ގޮތުގައި ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ އެއްވެސް މީހަކާއި މެދު ތަފާތުކުރުމެއް ގެންގުޅެ، ވަކި ގޮތަކަށް ކަންތައްތައް ކުރުން އެއީ، އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި ކަން ކޮށްގެންވާނެ ގޮތް ނޫންކަމަށެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތްކަމަށާއި އެހެންވީމާ އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ، ޖަލުގައި ތިބި ޤައިދީންނާއި ދޭތެރޭގައި އިޙްތިރާމާއި އިޙްސާންތެރިކަމާއި އެކު އަމަލު ކުރެވި އެފަރާތްތައް، އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދީ އާއިލާތަކާއި އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުންކަމަށެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މާފުށީޖަލުގައި ހިންގުނު ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ޤައިދީނަށް ވަނީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. މިގޮތުން މިއަދު ސެޓްފިކެޓް ލިބުނު މި ފަރާތްތަކަކީ އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ ޢަޒުމް ކަނޑައެޅުއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކޮށް، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމުގެ މައްޗަށްވެސް ނައިބު ރައީސް އަލި އަޅުއްވާލެއްވިއެވެ.

މާފުށީ ޖަލުގައި ކުރިޔަށް ގެންދިޔަ ޑްރަގް ރިހެބިލިޓޭޝަން މިޕްރޮގްރާމްއަކީ، މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހަތަރު މަރުޙަލާއަކަށް ކުރިއަށް ގެންދާ މިޕްރޮގްރާމް ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި، ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި 32 ޤައިދީނަށް މިއަދު ވަނީ ސެޓްފިކެޓް ދީފައެވެ.

އެފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ، ނައިބު ރައީސްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ އާއި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *