ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައި ވުމާއެކު، އެކަމާ މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ޙިއްޞާކޮށްފިއެވެ. އެމްޖޭއޭގެ މެމްބަރުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލު ކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލު ކުރެއްވުމުގައި، އެމްޖޭއޭގެ ފަރާތުން ވަނީ، ހެއްކާބެހޭ ޤާނޫނުގައި ހުރި، ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން، އެޤާނޫނުގައި މަސްދަރު ހާމަކުރުމާ ގުޅޭ ގޮތުން، ޤައުމީ ސަލާމަތާއި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތްތަކާ މެދު ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަންޖެހޭ ގޮތަށް މާއްދާއެއް ސަރުކާރުން ހިމެނި ސަބަބާއި އެކަމުގެ ބޭނުން ސާފުކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މީޑިއާގެ މިިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަހެއް ކުރިމަތި ނުކުރުވާނެ ކަމަށާއި މިސަރުކާރުގެ ފާއިތުވެ ދިޔަ އަހަރުތަކުގައިވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކޮށް ހުރިހާ ފަރާތްތަކަކަށްވެސް ރައްކާތެރިކަން ހޯދައިދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ވާހަކަތައް އަޑުއައްސަވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހެއްކާ ބެހޭ ޤާނޫނުގެ ދަށުން މަސްދަރު ހާމަކުރަންޖެހޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ، ޤައުމީ ސަލާމަތާއި ގުޅުންހުރި ކުށްތައް، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށް، ޤާނޫނު އިސްލާޙުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަަމަށެވެ. މީގެ އިތުރުން މިހާރު އެކުލަވާލެވެމުންދާ މީޑިއާގެ ބިލާ ގުޅޭ ގޮތުންވެސް ނޫސްވެރިންގެ ޚިޔާލާއި މަޝްވަރާ ސަރުކާރުން ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލު ކުރެއްވުމުގައި ބަންޑާރަ ނައިބު، އިބްރާހީމް ރިފްޢަތު ވަނީ ހެއްކާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް އަދި ހަ މަސް ދުވަސް އެބައޮތްކަން ފާހަގަކުރައްވައި، އެޤާނޫނުން ނޫސްވެރިންނަށް ލިބިދޭ ހައްޤުތަކާއި މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނެ ގޮތްތަކާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ގޮތްތައްވެސް ސާފުކޮށް ދެއްވާފައެވެ. އަދި ހެއްކާ ބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ދިމިޤުރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައިވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2022/11) ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައި ވަނީ 18 ޖުލައި 2022 ގައެވެ.



advertisment