"ކުރީގެ ބައެއް އާދަކާދަ 1″، އަދި "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ"ގެ ނަމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް، ބާދުޞަބާ، އދ. ދިއްދޫ، ލިޔުއްވި ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.
"ކުރީގެ ބައެއް އާދަކާދަ 1″ މި ފޮތުގައި އދ. ދިއްދޫގައި މީހުން އާބާދުވި ގޮތާއި، އެ ހިސާބުގަނޑުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ސަތޭކައެއްހާ އަހަރު ކުރިން ހުރި ގޮތް ބަޔާންކޮށްދީފައިވެއެވެ. އަދި، "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" މި ފޮތަކީ ދިއްދޫއާ ބެހޭގޮތުން ޢާންމު މަޢުލޫމާތު ހޯދުމަށް ކުރަން ބޭނުންވާ ސުވާލުތަކާއި، ރަށުގެ ވަނަވަރާއި، އެރަށުގެ އިސް މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުންގެ ފަރާތުން ސާފުކޮށްލަން ބޭނުންވާ މަޢުލޫމާތު ހިމެނޭ ފޮތެކެވެ. މި ދެ ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ފޮތުގެ މުޞައްނިފު ޢަބްދުލްއަޒީޒް އިބްރާހީމަށް ޝުކުރު ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިފޮތްތައް ލިޔުމުގެ ޚިޔާލު އުފެދުނުގޮތާއި، މި ދެ ފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތްތަކަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއް ކަމަށް އުންމީދުކުރައްވާ ކަމަށާއި މިފަދަ މަސައްކަތްތަކަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތަރުޙީބުދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް ވަނީ މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.



advertisment