ދިވެހިރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލުތައް މުހިއްމު ދައުރެއް އަދާކުރާކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ގްރެޖުއޭޝަން 2021-2022 ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މުޖުތަމަޢުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕްރައިވެޓް ސްކޫލުތަކާއި ޕްރައިވެޓް ޕްރީ ސްކޫލުތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމުކަމަށާއި، ތަޢުލީމީ ޖީލެއް ބިނާކުރުމުގައި އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
ނައިބު ރައީސް ވަނީ ޤައުމު ކުރިއެރުވުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިގޮތުން ތަޢުލީމީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވިޔަސް ކުރިއެރުންތައް ހޯދޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.
ތުއްތުކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ނަކަލުކުރާ ބައެއް ކަން ފާހަގަކުރައްވައި، މުޖުތަމަޢުގެ ތެރޭގައި ހިނގާ ނުރަނގަޅު ޢަމަލުތަކުން ކުދިން ސަލާމަތްކޮށް، އެ ކުދިންނަށް ނަމޫނާ ބަޔަކަށް ވުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށް ނައިބު ރައީސް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.
އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން ހިންގާ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ އެސްކޭޖީގެ 11 ކުލާހެއްގެ ދަރިވަރުންގެ ތެރެއިން އެސްކޭޖީ ހަތެއް، ދިހައެއް އަދި އެގާރައިގެ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.



advertisment