Support Us

ރައީސް ޞާލިޙް، އިނގިރޭސި ވަލީއަޙުދު ޕްރިންސް ޗާލްސްއާ ނޮވެމްބަރު 2021ގައި ބައްދަލުކުރައްވަނީ -އަދިވެސް ފައިލް ފޮޓޯ 

ކޮމަންވެލްތުގެ އާ މެމްބަރުންގެ ޝަރަފުގައި ޕްރިންސް ޗާލްސް ދެއްވި ފަރިއްކޮޅެއްގައި ރައީސް ބައިވެރިވެވަޑައިގެންފި

އަލަށް އައްޔަންކުރި ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އިނގިރޭސި ވަލީއަޙުދު ޕްރިންސް އޮފް ވޭލްސް ޗާލްސް ފިލިޕް އަރތަރ ޖޯޖް ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ފަރިއްކޮޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންނާއި މަންދޫބުންނާއެކު ނެންގެވި ގްރޫޕް ފޮޓޯގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރުވާންޑާއަށް ވަޑައިގެންފައި ވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ.

ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ 9 ޖުލައި 1982 ގައެވެ. ނަމަވެސް 13 އޮކްޓޯބަރ 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފައެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން 1 ފެބްރުއަރީ 2020 ގައި ބަލައިގަނެ، ރާއްޖެވަނީ އެ ޖަމާޢަތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައި ހިމަނައިފައެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާ ތާރީޚު ފަސްކުރެވުނެވެ. ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން 2022 މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އަލުން އެޖަމާޢަތާ ގުޅުނު ފަހުން ބާއްވާ މީގެ ފުރަތަމަ ބައްދަލުވުމެވެ. ކޮމަންވެލްތުގައި ހިމެނޭ 54 ޤައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާއިރު، އޭގެ ތެރެއިން 25 ޤައުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *